ތެހެރާން (ޖޫން 15): އީރާންގައި އިއްޔެ ބޭއްވި ރިޔާސި އިންތިހާބު އިސްލާޙީ ސިޔާސަތުގެ ކެންޑިކޭޓް ޑރ . ޙަސަން ރޫޙާނީ ކާމިޔާބު ކުރައްވައިފި އެވެ.

އީރާންގެ ދާހިލީ މިނިސްޓަރު މުސްތަފާ މުހައްމަދު އިއުލާންކުރެއްވި ގޮތުގައި 50 މިލިއަން މީހުން ވޯޓު ލުމަށް ރަޖިސްޓްރީ ކުރި އިންތިހާބު ޑރ. ޙަސަން ރޫޙާނީ ކާމިޔާބު ކުރެއްވީ ވޯޓު ދިން މީހުންގެ 50.73 ޕަސެންޓް ވޯޓް ހޯއްދަވައިގެންނެވެ. އެއީ 18.61 މިލިއަން ވޯޓެވެ.

ވޯޓު ލުމަށް ނުކުމެފައި ވަނީ 36 މިލިއަން މީހުންނެވެ.

އިރާނުގެ ރިޔާސީ ރޭހުގައި ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ތެހެރާންގެ މޭޔަރު މުހައްމަދު ބާގިރު ކަބިލީވް އެވެ. އޭނާ އަށް ލިބިވަޑައިގަތީ ހަ މިލިއަން ވޯޓެވެ. އަދި ތިން ވަނަ އަށް ވަޑައިގަތް ކޮންޒަވެޓިވް ޚިޔާލުގެ ސަޢީދު ޖަލީލީ އެވެ. އޭނާ އަށް ލިބިވަޑައިގަތީ 4.16 މިލިއަން ވޯޓެވެ.

ރޫހާނީ ކެމްޕޭންގައި ވިދާޅުވެފައި ވަނީ މުޅި ގައުމުގައި އަދުލު އިންސާފު ގާއިމު ކުރައްވައި ފަރުދީ ހައްގުތަކަށް އިސްކަން ދެއްވާނެ ކަމަށެވެ.
އޭނާ އަކީ ހައްދުފަހަޅައަޅައި ދިއުމުގެ ވިސްނުމާ ދެކޮޅު މޮޑަރޭޓް ވިސްނުމަށް ލޯބި ކުރައްވާ ބޭފުޅެކެވެ.

ރޫހާނީ ވިދާޅުވެފައި ވަނީ އީރާނާއި އެމެރިކާގެ ގުޅުމަކީ އޮޅުން ބޮޅުން ގުޅުމެއް ކަމަށާއި އެއީ ވާހަކަ ދައްކަވަން އުނދަަގޫ މައުލޫއެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި ޖެހިފައިވާ މައްސަލަތަކީ ހައްލުކުރުމަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް ވިދާޅުވީ ދެ ފަރާތުގެ މަސްލަހަތަށް ބަލައިގެން އެއީ ރަނގަޅު ނު ކުރެވޭނެ ގުޅުމެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ. -- ނޫސްތައް