01 Nov 2010, 17:55
ދާދި ފަހުން ސަރުކާރުގެ އޮފީހަކަށް ދިޔައީމެވެ. ފޯމެއް ނަގާށެވެ. އޮފީހުގައި ހެނދުނު ގަޑީގައި ތާށި ވުމުގެ ސަބަބުން ދެވުނީ މެންދުރު ފަސް އަތަށް އަޅާފައި ވަނިކޮށެވެ. ހަވީރު ހަތަރެއް ޖަހަންދެން ސަރުކާރު އޮފީސްތައް ހުޅުވާފައި ހުންނާނެތީ އެވެ. ހުޅުވާފައި ހުންނަ ހުރިހާ ގަޑިއެއްގައި މުރާލި ކަމާ އެކު މަސައްކަތް ކުރާ ސިވިލް ސާވެންޓުން ތަކެއް ޚިދުމަތުގައި ތިބޭނެތީ އެވެ. އެހެން ކަމުން ރަސްމީ ގަޑީގެ ތެރޭގައި ހުރިހާ ޚިދުމަތެއް ބަރާބަރަށް ލިބޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެކަމަކު ކަންތައް ވީ ހީކުރި ގޮތާ ޚިލާފަށެވެ. އަޅުގަނޑު ބޭނުންވި ފޯމު މެންދުރުފަހު ލިބޭކަށް ނުހުރެ އެވެ. އެ ފޯމު ލިބެނީ 12:30 ވާން ދެނެވެ. ރަނގަޅަށް ބަލާލި އިރު ކުރިން 2:30 ގައި ސަރުކާރުގެ ރަސްމީ ގަޑި ނިމޭ ގޮތަށް އޮތް އިރު ވެސް އެ ފޯމު ލިބެނީ ހަމަ 12:30 އާއި ހަމައަށެވެ. އޮފީހުގެ ވަގުތު ދިގު ވުމުން ރައްޔިތު މީހާ އަށްވީ ފަސޭހަ އަކީ ކޮބާ ހެއްޔެވެ؟ ހަވީރު ހަތަރެއް ޖަހަންދެން އޮފީސަތައް ހުޅުވައިގެން މުވައްޒަފުން ތިބުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
ވަރަށް ވިއްސާރަ ދުވަހެކެވެ. ވައިވެސް އެހާ ބާރެވެ. އަޅުގަނޑު ދަތުރު ކުރީ ސައިކަލުގައި ކުޑައެއް ނަގައިގެނެވެ. ހީވަނީ ދެންމެ ދެންމެ ކުޑަޔާ ސައިކަލާ އެކު ނަގައި އެއްލާލައިފާނެ ހެންނެވެ. މި އުޅެނީ އޭޓީއެމުން ފައިސާ ކޮޅެއް ނަގަން ޖެހިގެނެވެ. އައިޖީއެމްއެޗު ކައިރީގައި ހުންނަ އޭޓީއެމް ކައިރިޔަށް ގޮސް ވަދެ ބެލި އިރު މެޝިނުގެ ޚިދުމަތް ހުރީ ވަގުތީ ގޮތުން މެދުކެނޑިފަ އެވެ. ވަށާ ބުރެއް ޖަހާފައި ގޮސް މަޖީދީ މަގު ސޯޝަލް ސެންޓަރު ގޯތި ތެރޭގައި ހުންނަ މެޝިނު ބެލި އިރު އޭގެ ޚިދުމަތް ވެސް ހުރީ ކެނޑިފަ އެވެ. އޭރު މީހާ ތެމި ފޯވެއްޖެ އެވެ. ހީކަރުވައިގަނެގެން ގޮސް ރޫރޫ ލައެވެ. ދެދަތްޕިލަ ހީވަނީ އުފުރިގެން އަތުވެދާނެ ހެނެވެ. ވޮލެޓު ސައިކަލުގެ މަޑިދަށަށް ލައިގެން ދެން ދަތުރު ކުރީ މަޖީދީ މަގު ހުރި ގޮތަށް އިރަށް ގަލޮޅު ދަނޑު ކައިރީ ހުންނަ އޭޓީ އެމަށެވެ. އިރުން އަންނަ ބާރު ރޯޅި އާއި ބޮޑު ތިކި ވާރޭގެ ސަބަބުން ވައި މައްޗަށް ލޯ ހުޅުވައި ބަލާލެވޭ ވަރެއް ވެސް ނުވެ އެވެ. އެކަމަކު ހިތްވަރު އެލުވައިލެވޭކަށް ނެތެވެ. ކޮންމެހެން ވެސް ނަގުދު ފައިސާ ކޮޅެއް އެބަ ބޭނުންވެ އެވެ. އެކަމަކު އެތަނުގައި ވެސް ހުރީ ހަމަ "ބަލި" މެޝިނެކެވެ. އެންމެ ފަހުން ފައިސާ ކޮޅެއް ނެގުނީ ބޭންކުގެ މައި ބުރާންޗުގައި ހުން މެޝިނާ ހަމަޔަށް ގޮސްގެނެވެ. މުޅި މާލޭގައި އޭޓީއެމް މެޝިންތައް ހުރުމުން ރައްޔިތު މީހާއަށް ވީ ފަސޭހަ އަކީ ކޮބައި ހެއްޔެވެ؟ އުމުރުން ދުވަސް ވެފައި ހުރި ބަލިކަށި މީހަކު ފައި މަގުގައި މި ގޮތަށް ފައިސާކޮޅެއް ނަގަން ޖެހިއްޖެ ނަމަ އެ ފަކީރަށް ޖެހޭނެ ހާލު ތިޔަ ބޭފުޅުންނަށް އޮތީ ހަމަ އިހުސާސް ކޮށްލެއްވުމެވެ.
އަޅުގަނޑުގެ ރައްޓެއްސެއްގެ ސައިކަލު ދާދި ފަހުން ފުލުހުންގެ ޓޯޔާޑަށް ގެންދިޔަ އެވެ. ސައިކަލު އަނބުރާ ލިބެނީ -/350 ރުފިޔާގެ އިތުރުން ސައިކަލު ރަޖިސްޓްރީގެ އަސްލާއި އައިޑީ ކާޑުގެ އަސްލާއި އެ ތަކެތީގެ ފޮޓޯ ކޮޕީ ހިފައިގެން ދިޔުމުންނެވެ. އެ ތަކެތި ބޭނުން ވަނީ ވެރި ފަރާތް ކަށަވަރު ކުރުމަށް ކަމަށްވެ އެވެ. އަޖައިބެއް ފަހެ ނުވާނެ ހެއްޔެވެ. މިއޮއް ފަދަ ޓެކްނޮލޮޖީގެ ޒަމާނުގައި ރަޖިސްޓްރީ ފަދަ ޑޮކިޔުމެންޓު ތަކުގެ އަސްލު ގެންދަން ޖެހުން އެއީ ވަރަށް ނާތަހުޒީބީ ގޮތެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ. ސަރުކާރުގެ މުއައްސަސާތައް މި އޮންނަނީ ނެޓުވޯކުގެ ވިއުގަ އަކުން ގުޅައިލާފަ އެވެ. ވެރިފަރާތް ޔަގީން ކުރަން އަސްލު ގެންދާން ޖެހިގެން ނުވާނެ އެވެ. ސައިކަލު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭގައި ރަޖިސްޓްރީ ނަންބަރު ޖަހާފައި އޮންނާނެ އެވެ. އެ ރަޖިސްޓްރީ ނަންބަރު ހަމަ ޖަހައިލާ އިރަށް ވެރިފަރާތް އެނގެން ވާނެ އެވެ. ފުލުހުންނާއި އައިޑީ ކާޑު ޔުނިޓު އަދި ޓްރާންސްޕޯޓު މިނިސްޓްރީ ހުންނާން ވާނީ ގުޅިފަ އެވެ. އެކަމަކު މިހެން ވާކަށް ނެތެވެ. އޭގެ ތިން ދުވަސް ފަހުން އައިޑީ ކާޑާއި ރަޖިސްޓްރީގެ އަސްލު ހިފައިގެން ހިނގައްޖެ އެވެ. އެކަމަކު ސައިކަލު ލިބޭނެ ގޮތެއް ނެތެވެ. އެ ދެ ލިޔުމުގެ ފޮޓޯ ކޮޕީ ނުލާ ދެވުނީމަ އެވެ. ޓޯޔާޑު ހުންނަނީ ބޮޑު ތަކުރުފާނު މަގުގައި މާލޭގެ މެދެއްހާ ހިސާބުގަ އެވެ. އެއިން ހިސާބެއްގައި ވެސް ފޮޓޯކޮޕީ ނަގާނެ ތަނެއް ނުހުރެ އެވެ. އަނެއްކާ ދާން ޖެހޭނީ ހިނގާފަ އެވެ. ކިހާ ދެރަ ކަމެއް ހެއްޔެވެ؟ އެކަމަކު ސައިކަލު ބޭނުން ކަމަށް ވާ ނަމަ އެ ނޫން ގޮތެއް ނެތެވެ. ޖެހޭނީ ބުނި ހުރިހާ ގޮތެއް ހަދާށެވެ. އެކަމަކު މީ ހާލަތު ކަމަށް ވާ އިރު، ކޮންމެ އޮފީހެއްގައި ރައްޔިތުންގެ ޚިދުމަތަށޭ ކިޔާފައި ހުންނަ ފޮޓޯ ކޮޕީ މެޝިނު ތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ ހުރިހާ ޚިދުމަތެއް ފަހި ކޮށްދީފައި އޮފީސްތައް ގާއިމު ކުރީމަ ރައްޔިތު މީހާއަށް އޮތް ފަސޭހަ އަކީ ކޮބައި ހެއްޔެވެ؟ އެ އޮފީހަކުން ދޭ ޚިދުމަތަކާ ގުޅިގެން ނަގަން ޖެހޭ ފޮޓީކޮޕީ ގަނޑު އެ ތަނަކުން ނަގައިދިނިއްޔާ ގެއްލޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ޚަރަދު ބޮޑު ކަމަކަށް ވާނަމަ ޚިދުމަތް ހޯދާ މީހާ އަތުން ފޮޓޯ ކޮޕީއަށް އަގު ވެސް ނެގިދާނެ އެވެ. ރައްޔިތު މީހާ ބޭނުން ވަނީ ޚިދުމަތެވެ. އެކަމަކު އެއްވެސް އޮފީހަކުން އެގޮތަށް އެކަން ކޮށެއް ނުދެ އެވެ.
ޢާއްމު ގޮތެއްގައި ތަކުރާރުކޮށް ކުރެވިފައިވާ ތަޖުރިބާ އެކެވެ. ފައިސާކޮޅެއް ޖަމާ ކުރަން ނުވަތަ ފައިސާކޮޅެއް ނެގުމުގެ ބޭނުމުގައި ދިވެހި ބޭންކަށް އާދީއްތަ ނުވަތަ ބުރާސްފަތި ދުވަހު ވަންނާނެ ކަމެއް ނެތެވެ. މުޅި ދުވަސް ހޭދަ ވަނީ އެތަނުގަ އެވެ. އެހެން އެއްވެސް ކަމެއް އެ ދުވަހުގެ ރަސްމީ ވަގުތުގައި ކުރާން އުއްމީދު ކުރާނެ ކަމެއް ނެތެވެ. ބައެއް ފަހަރު ބަލައިލާ އިރު އަތުރާލާފައި ހުންނަ ކައުންޓަރުތައް ކިތަންމެ ގިނަ ވިޔަސް އޭގެން ބޮޑު ބައެއް ހުންނަނީ ހުހަށެވެ. އޮންނަނީ ބަލިކަށި މީހާ ބަލި ސިސްޓަމެވެ. މުވައްޒަފުންނާ ރައްޓެހި މީހާ ކިޔުގައި ނުޖެހި ފައިސާކޮޅު ޖަމާކޮށްލަ އެވެ. ގުޅުން އޮންނަ މީހާ ސަފުގައި މަޑު ނުކޮށް ލާރިކޮޅު ނަގައިގެން ދަނީ އެވެ. އެކަމަކު ތެދުވެރި ގޮތުގައި ޚިދުމަތް ހޯދާ މީހާ އަށް އޮތީ މުޅި ދުވަހު ފޫ ހޫނު ކުރަން އިށީނދެ އިނުމެވެ. ވީއިރު، މި ޚިދުމަތުން ޢާންމު ރައްޔިތު މީހާ އަށް އޮތް ފަސޭހަ އަކީ ކޮބައި ހެއްޔެވެ؟
ބިދޭސީންނާއި ނުލައި ގައުމު ހިންގޭނެ ގޮތެއް ނެތެވެ. ބޭނުން ހުރިހާ ވަޒީފާ އަކަށް ދިވެހިންނެއް ނުލިބެ އެވެ. ބިދޭސީ އަކާ ގުޅޭ ކަމެއްގައި އެމްޕްލޮއިމެންޓް މިނިސްޓްރީ އަށް ހިނގައްޖެ ނަމަ އެ ދުވަސް އެއްކޮށް ހޭދަ ވާނީ އެތަނުގަ އެވެ. ތަނަކަށް ދެވޭނެ ގޮތެއް ނޯވެ އެވެ. ނަންބަރު ކަޓައިފާނެތީ އެވެ. ކަޓައިފި ނަމަ ދެން ނަންބަރެއް ލިބޭނެ ގޮތެއް ނެތީމަ އެވެ. ޑޮކިޔުމެންޓެއް ހުށަހެޅެނީ މިހާ އުނދަގުލުންނެވެ. ބަލައިދާން ބުނާނީ ހަތަރެއް ނުވަތަ ފަސް ދުވަސް ފަހުންނެވެ. ބަލައި ދާ ދުވަހު ބުނަނީ ވޯކްޕާމިޓް ހައްދަން ހުށަހެޅި ލިޔެކިޔުންތައް ހަމަ ނޫން ކަމަށެވެ. މީ ވަރަށް ޢާންމު ކަމެކެވެ. ކިހާ ދެރަ ކަމެއް ހެއްޔެވެ؟ މުޅި ދުވަސް ހޭދަ ކޮށްގެން އެ ޑޮކިޔުމެންޓް ހުށަހެޅި ދުވަހު އެ ވާހަކަ ބުނެލި ނަމަ ވާނީ ކީއްތޯ އެވެ؟ ރަނގަޅަށް ބަލާފައި ތަކެތި ބަލައިގަތުމަކީ މަސްއޫލިއްޔަތެއް ނޫންތޯ އެވެ؟ މީގެން ރައްޔިތު މީހާ އަށް އޮތީ ކޮން ފަސޭހައެއް ހެއްޔެވެ؟
ދެން އޮތީ މުއާސަލާތީ ޚިދުމަތެވެ. މުއާސަލާތީ ކުންފުނި ދިރާގުގެ ކަސްޓަމާ ކެއަރ ނަންބަރު ކަމަށްވާ 123 އަށް ގުޅައިގެން ކަމެއް އޮޅުންފިލުވަން ބޭނުން ވެއްޖެ ނަމަ ބޯ ފަޅައިގެންދާ ވަރުވެ އެވެ. ކަމެއް ސާފު ވާނީ އެތައް އިރަކު ކެތްކޮށްގެންނެވެ. ބައެއް ފަހަރު ފަސް މިނެޓުވަރު އިންތިޒާރު ކުރަން ޖެހެ އެވެ. ގަބޫލު ކުރަމެވެ. އަތުން ޚަރަދެއް ނުދާނެ އެވެ. ހިލޭ ގުޅޭ ނަންބަރެއް ވީމަ އެވެ. އެކަމަކު އެ ކަމަށް ހޭދަވާ ވަގުތުގެ އަގެއް އޮންނާނެ އެވެ. މި ކަމަށް މިއަށް ވުރެ ފަސޭހަ ގޮތެއް ހަމަ ނެތީ ބާވައޭ ހިތަށް އަރަ އެވެ. އާބާދީގެ ކޮންމެ ބޮލަކަށް ލައިނެއް ބޭނުންކުރާ މިންވަރަށް ވިޔަފާރި ކުރިޔަށް ދިޔަ އިރު، ކަސްޓަމާ ކެއަރގެ ޚިދުމަތުން ރައްޔިތުމީހާ އަށް އޮތް ފަސޭހަ އަކީ ކޮބައި ހެއްޔެވެ؟
އަސާސީ ބޭސްފަރުވާގެ ޚިދުމަތް ވެސް މި ގައުމުން ލިބޭކަށް ނެތެވެ. ދާން ޖެހެނީ ގައުމު ދޫކޮށް ބޭރަށެވެ. ޑޮލަރެއް ނުލިބެ އެވެ. ގެންދާން ޖެހެނީ ކްރެޑިޓް ކާޑެވެ. ނުވަތަ ޑެބިޓް ކާޑެވެ. އަމިއްލަ އެކައުންޓުގައި ކިތަންމެ ބައިވަރު ފައިސާއެއް ހުއްޓަސް ޑެބިޓު ކާޑު ބޭނުން ކޮށްގެން އެ ފައިސާ ޚަރަދު ކުރެވޭކަށް ނޯވެ އެވެ. ޚަރަދު ކުރެވެނީ ބޭންކުން ހުއްދަ ކުރާ ވަރަށެވެ. އެކަމަކު އަމިއްލަ ފައިސާ އެވެ. ޑޮލަރު އަތުގަ ނެތި ރާއްޖެއިން ބޭރުގައި އުޅޭ އިރު ވަރަށް ގިނަ ފަހަރަށް ޑެބިޓު ކާޑަށް މައްސަލަ ދިމާވެ އެވެ. ރީޑް ނުކޮށްފާނެ އެވެ. ޑިކްލައިން ކޮށްފާނެ އެވެ. އެނޫން ވެސް ކަމެއް ދިމާ ވެދާނެ އެވެ. އެހާ ހިސާބުން ހަތަރު އުދަރެސް ފެނު ޖެހުނީ އެވެ. ރާއްޖެއިން ބޭރުގައި ހުރެގެން ބޭންކް އޮފް މޯލްޑިވްސްގެ ކާޑް ސެންޓަރަށް ގުޅައިފި ނަމަ ހިތް ހަލާކުވާ ވަރުވެ އެވެ. ގުޅަން ޖެހޭ ނަންބަރު އެއީ ހިލޭ ގުޅޭ ނަންބަރެއް ވެސް ނޫނެވެ. އަދި ކޯލް ވެއިޓިންގައި އެހާ އިރު ހުންނަން ޖެހޭނެ އެވެ. ޖީބަށް ހެޔޮ ވަރު ލޮލަށް ރީތި ކާޑުތައް ހިފައިގެން ރާއްޖެއިން ބޭރަށް ދަތުރު ކުރާ ރައްޔިތު މީހާ އަށް މިކަމުން އޮތް ފަސޭހަ އަކީ ކޮބައި ހެއްޔެވެ؟
ދެން ދައްކަން އޮތީ މީޑިއާ ނެޓުން ދޭ ކޭބަލް ޓީވީގެ ޚިދުމަތާ ފޯކަސް އިން ދެއްވާ އިންޓަނެޓުގެ ޚިދުމަތުގެ ވާހަކަ އެވެ. އޮފީހަށް ގުޅާފައި ހުންނަ އިންޓަނެޓު ޕެކޭޖުގެ ޚިދުމަތް މަހެއްގެ ތެރޭގައި އެތަކެއް ފަހަރު ކެނޑެ އެވެ. އަލުން ހައްލު ވަނީ އެ ތަނުން މީހަކު ގެނެސްގެނެވެ. ނޫނީ އެ ތަނުން ރަނގަޅުކޮށްދިނީމަ އެވެ. އެކަމަކު މަހުގެ ބިލު އަންނަ އިރު ފުލްކޮށް ޗާޖު ކުރެ އެވެ. މީޑިއާ ނެޓުން ދޭ ކޭބަލް ޓީވީގެ ޚިދުމަތަށް ބަލާ އިރު ބައެއް ޗެނަލްތައް ނުލިބި އެތައް ދުވަހެއް ހިނގައިދާނެ އެވެ. ނޫނީ ސްޓަކް ވެފައި އެތައް ދުވަހެއް ހުރެދާނެ އެވެ. ބައެއް ފަހަރަށް މި މައްސަލަ ހައްލު ވާނީ އެ މީހުންގެ ޓެކްނީޝަނުން ގެނެސްގެނެވެ. އަނެއްބައި ފަހަރަށް ފޯނުން ގުޅައިގެން ގިނަ ވާހަކަ ތަކެއް ދައްކައިގެނެވެ. އެކަމަކު މަހުގެ ބިލަށް ބަރާބަރަށް ފައިސާ ދައްކަން ޖެހެ އެވެ. ސްޓަކްވެފަ ހުރި ދުވަސް ތަކާ ޚިދުމަތް ނުލިބުނު ދުވަސް ތަކަށް ވެސް ފައިސާ ދައްކަން ޖެހޭނެ އެވެ. އަމިއްލަ ފޯނުން ދިޔަ ޚަރަދު ނުކިޔަމާ ހިނގާށެވެ. މީ ހަމަ އިންސާފު ހެއްޔެވެ؟ ނުދޭ ޚިދުމަތަކަށް ނޫނީ ނުލިބޭ ޚިދުމަތަކަށް އަގު ދައްކަން ޖެހުން އެއީ ކޮން ހަމައެއްތޯ އެވެ؟ އިންޓަނެޓު މެދުވެރިކޮށް ދުނިޔެ ބަލައިލާން ބޭނުންވާ މީހާ އަށާއި ކޭބަލް ޓީވީ މެދުވެރިކޮށް ވޯލްޑްކަޕް ބަލައިލާން ބޭނުންވާ ރައްޔިތު މީހާ އަށް އޮތް ފަސޭހަ އަކީ ކޮބައި ހެއްޔެވެ؟
ވަކި ކަމެއް ކިޔާނެ ކަމެއް ނެތެވެ. ޚާއްޞަ ބަލީގެ ޑޮކްޓަރަކަށް ދައްކަން ޖެހޭ ފަދަ ބައްޔެއް ނުވިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އެޕޮއިންޓްމެންޓެއް ހޯދަން އުޅެން ޖެހޭނެ ހާލު ހިތަށް އަރާތީ އެވެ. ގައުމީ ހޮސްޕިޓަލުގައި ހަފުތާ ދެ ހަފުތާ ކިޔުގައި ޖެހިގެން ވެސް ބައެއް ފަހަރަށް މިކަން ވާނެ ގޮތެއް ނޯވެ އެވެ. ދެން ދައްކަން ޖެހޭނީ ބޮޑު އަގު ދީފަ ކްލިނިކަށެވެ. ޚާއްސަ ބަލީގެ ޑޮކްޓަރަކަށް ކްލިނިކުގައި ދެއްކުމަށް މަދުވެގެން 200 ޚަރަދު ކުރަން ޖެހުން އެއީ ސިއްހީ ޚިދުމަތް އަތްފޯރާ ފަށަށް އައުމުގެ ބައެއް ކަމުގައި ބަލަމާ ހިނގާށެވެ! އެކަމަކު އެއީ ސިއްހީ ޚިދުމަތް އަތްފޯރާ ފަށަށް އައުން ކަމަށް ވާ ނަމަ، އެ ކަމުން ރައްޔިތު މީހާ އަށް އޮތް ފަސޭހަ އަކީ ކޮބައި ހެއްޔެވެ؟
ރޭގަނޑު 11 ފަހުން މަގުމަތީގައި އުޅެނިކޮށް ދުއްވާ ވެހިކަލުން ތެޔޮ ހުސްވެއްޖެ ނަމަ ދުވަސް ދިޔައީ އެވެ. އުޅަނދު ގެޔާ ހަމަޔަށް ނުވަތަ ގަރާޖާ ހަމަޔަށް ގެންދަން ޖެހޭނީ ދަމާފަ އެވެ. ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގައި 24 ގަޑި އިރު ތެލުގެ ޚިދުމަތް ދޭ ޕެޓްރޯލު ޝެޑުތައް ހުޅުވާފައި ހުއްޓަސް މާލޭގައި މި ޚިދުމަތް ލިބޭނީ ރޭގަނޑު 11 ޖެހުމާ ހަމައަށެވެ. އެކަމަކަ މިކަން މިހެން އޮތީމަ ދަތުރު ފަތުރު ކުރަން ބޭނުންވާ ރައްޔިތު މީހާ އަށް މި ކަމުން އޮތީ ކޮން ފަސޭހައެއް ހެއްޔެވެ؟
މީ ބައެއް މިސާލު ތަކެވެ. މިފަދަ އެތައް ވާހަކައެއް ދެއްކިދާނެ އެވެ. ދައްކައި ހުހެއް ނުވާނެ އެވެ. ސާރވިސް އިންޑަސްޓްރީގެ މި ފަދަ ޚިދުމަތްތައް މިއަށްވުރެ އަތަށް ފަހި ވާން އެބަ ޖެހެ އެވެ. މީ އެކަންކަން ވާން ޖެހޭނެ ގޮތެއް ނޫނެވެ. ރައްޔިތު މީހާ ބޭނުން ވަނީ އެ ގޮތެއް ނޫނެވެ. އެހެން ނޫން ތޯއެވެ!!