އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އައްޑޫ ސިޓީގެ ހުޅުމީދޫގައި ކެމްޕޭން ކުރައްވަނިކޮށް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މިއަދު ހަވީރު 5:45 އެހައިކަންހާއިރު އެ އެކްސިޑެންޓް ހިނގާފައި ވަނީ ކެމްޕޭން ނިންމަވާލެއްވުމަށް ފަހު ކާރުގައި އިމްރާން ވަޑައިގަންނަވަނިކޮށް ހުޅުދޫ ބަނދަރަށް ދާން އޮންނަ ހުރަސް މަގުން ކަމަށެވެ. އެކްސިޑެންޓް ހިނގާފައި ވަނީ އެ ސަރައްދުން ދުއްވާފަ ދިޔަ ސައިކަލެއްގައި ޖެހި އެވެ.

އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން އަންހެން މީހާ އަށް ހުޅުމީދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ އެކްސިޑެންޓުގައި އިމްރާނަށް އަދި އެ ނޫން މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އަދާލަތު ޕާޓީގެ ރައީސްގެ ކެމްޕޭން ހަރަކާތްތަކަށް އެ ރަށު ބަޔަކު ހުރަސް އެޅުމުން އިމްރާން ފުރާވަޑައިގަތީ ހެރެތެރެއަށް ވަޑައިގަތުމަށް ފަހު އެެ ރަށު ބަނދަރުން ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.