އައްޑޫ ސިޓީގައި ފުލުހުން ކަމަށް ހެދިގެން ބައެއް އާއްމު ފަރާތްތަކުން މަގުމަތިން ރައްޔިތުން ހުއްޓުވައި ބަލައި ފާސްކުރުމުގެ ނަމުގައި އެމީހުންގެ އަތުގައި ހުންނަ ފައިސާ އާއި ގަހަނާ ފޭރުމުގެ އަމަލު ހިންގަމުންދާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުންނޭ ބުނެ މީހުންގެ ގޯތި ގެދޮރާއި ތަންތަން ފާސްކުރުމުގައި ހަރަކާތްތެރިވާ މީހުންނަށް އެފުރުސަތު ނުދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ފުލުހުން ބުނީ ފުލުހުން ކަމަށްބުނެ އައްޑޫ ސިޓީގެ މަގުމަތިން މީސްމީހުން ހުއްޓުވައި ބަލައި ފާސްކުރަން ކަމަށްބުނެ އެމީސްމީހުންނަށް އެކި ގޮތްގޮތުން ބިރުދައްކައި އެމީހުންގެ އަތުގައި ހުންނަ ގަހަނާ އާއި ފައިސާ އަތުލައިގަތުންފަދަ ކަންކަން ދަނީ ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ފަހަރަށް މީހުންގެ ގޯތި ގެދޮރަށް ވަދެވެސް މިފަދަ ނާތަހުޒީބު އަމަލުތައް ހިންގަމުން ގެންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި އަދި ކޮންމެ ތަނެއްގައި ފުލުހުން ހަރަކާތްތެރިވިނަމަވެސް ފުލުހުންގެ އަތުގައި ޕޮލިސް ކާޑު އޮންނާނެ ކަމަށެވެ. ބައެއް ހާލަތްތަކުގައި އަދި ބައެއް އޮޕަރޭޝަންތަކުގައި ފުލުހުން ޔުނީފޯމު ފިޔަވައި ކުލަ ހެދުމުގައިވެސް ހަރަކާތްތެރި ވާނެ ކަމަށާއި އެގޮތަށް ހަރަކާތްތެރިވާއިރުވެސް ފުލުހުންގެ އަތުގައި ފުލުހުންގެ ކާޑު އޮންނާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ޔުނީފޯމް ނުލައި ފުލުހަކު ރަސްމީ ޑިއުޓީގައި ހަރަކާތްތެރިވާ ހާލަތްތަކުގައިވެސް ފުލުހުންގެ އަތުގައި އެފުލުހެއްގެ ކާޑު އޮތްތޯ ބެލުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އައްޑޫ ސިޓީގައި ފުލުހުން ކަމަށްބުނެ ރައްޔިތުންގެ މުދަލާއި ތަކެތި ފޭރުމުގައި ހަރަކާތްތެރިވާ ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އެފަދަ ހާދިސާތަކުގެ މައުލޫމާތު ވަގުތުން ފުލުހުންނާއި ޙިއްސާކުރުމަކީ ފުލުހުންގެ ވަރަށްބޮޑު އެދުމެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެފަދަ މައުލޫމާތު ދޭ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފަ އެވެ.

އައްޑޫ ސިޓީގައި ރައްކާތެރި އަމާން މާހައުލެއް ގާއިމް ކުރުމަށް ފުލުހުން ހިންގާ ހަރަކާތްތަކުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބެމުންދާ މިދަނޑިވަޅުގައި ފުލުހުންގެ އަގުވައްޓާލައި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް ހިންގަމުންދާ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެކަމުގެ ފުރިހަމަ ޔަގީންކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް ފުލުހުން ވަނީ ދީފަ އެވެ.