މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހުނަރުވެރި ފޯވަޑް އަސަދުﷲ ޢަބްދުﷲގެ ހެޓްރިކާއެކު 4-0 ލަނޑުން ވިކްޓަރީ ސްޕޯޓްސް ކުލަބް އަތުންވެސް މާޒިޔާ މޮޅުވެއްޖެ އެވެ.

ދިރާގު ދިވެހި ލީގުގައި މާޒިޔާ އެންމެ ފަހުން ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ކުޅެ، 5-2 ލަނޑުން މޮޅުވި މެޗުގައިވެސް އަސަދުﷲ ވަނީ ހެޓްރިކެއް ހަދާފަ އެވެ.

މިއަދުގެ މެޗުން މޮޅުވުމުން ތާވަލުގެ ދެވަނައިގައި އޮތް މާޒިޔާއަށް 24 ޕޮއިންޓް ލިބިފައިވާ އިރު ތާވަލުގެ އެއްވަނައިގައި 36 ޕޮއިންޓާއެކު އޮތް ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާއި މާޒިޔާއާ ދެމެދުގައިވާ ޕޮއިންޓުގެ ތަފާތު ވަނީ 12 ޕޮއިންޓަށް ތިރިވެފަ އެވެ.

މާޒިޔާއަށް މެޗުގެ ފުރަތަމަ ލަނޑު އަސަދުﷲ ކާމިޔާބުކޮށްދިނީ މެޗުގެ ހަތަރުވަނަ މިނިޓުގަ އެވެ. އަދި 61 ވަނަ މިނިޓުގައި އަޙްމަދު މުޙައްމަދު ތަނަވަސްކޮށްދިން ފުރުސަތަކުން މާޒިޔާގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ އަސަދުﷲ އެވެ. މެޗުގެ 77 ވަނަ މިނިޓުގައި ވިކްޓަރީގެ އޭރިޔާ ތެރެއަށް އިސްމާއީލް އީސާ (މެސީ) ފޮނުވާލި ހިލޭ ޖެހުމެއް، ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަޙްމަދު ރަޝީދު (އައްމަޑޭ) އެވެ. މާޒިޔާގެ ހަތަރުވަނަ ލަނޑު އަދި މިއަދުގެ މެޗުގައި އަސަދުﷲ ހެޓްރިކް ހެދި ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 82 ވަނަ މިނިޓުގަ އެވެ.

މިއަދުގެ މެޗުން ބަލިވުމުން ވިކްޓަރީ އަދިވެސް އޮތީ އެކުލަބު މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ 9:00ގައި ކުޅުމަށް ހަމަޖެހިފައިވާ ދިރާގު ދިވެހި ލީގުގެ މެޗުގައި ބައްދަލު ކުރާނީ ތާވަލުގެ ފަސް ވަނައިގައި އޮތް ބީޖީ ސްޕޯޓްސްއާއި ހަ ވަނައިގައި އޮތް ކްލަބް އީގަލްސް އެވެ.