15 Jun 2013, 16:04
މިރޭ ބްރެޒިލްގައި ފަށާ ދުނިޔޭގެ ބައްރު ތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފީފާ ކޮންފެޑެރޭޝަން ކަޕާ ދިމާކޮށް ބްރެޒިލްގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތައް ހުއްޓާ ނުލައި ކުރިއަށް ގެންދިޔަ ނަމަވެސް، ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް މުބާރާތް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފާއިން ބުނެފި އެވެ.
މުބާރާތް ހުޅުވާމެޗުގައި މިރޭ 12:00ގައި ބްރެޒިލްއާއި ޖަޕާން ބައްދަލު ކުރާމެޗު ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގެ ބޭރުގައި 200 ވަރަކަށް އެކްޓިވިސްޓުން އަޑު އުފުލަމުން ގެންދަނީ، ރައްޔިތުންގެ ފައިސާ ހަރަދުކުރަން ޖެހޭ މުހިންމު އެތައް ކަމެއް ހުއްޓައި، އެ ފައިސާ 2014 ވަނަ އަހަރު އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް ތައްޔާރު ވުމަށް ޚަރަދުކޮށްފައިވާ ކަމަށް ބުނެ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ. އެ މުޒާހަރާކުރާ މީހުން ވަނީ އެ ސަރަހައްދަށް ދެވެން އޮންނަ މަގުތައް ވެސް ބަންދު ކޮށްފަ އެވެ.
ފީފާއިން ބުނެފައި ވަނީ، ބްރެޒިލްގެ ކަމާބެހޭ ދާއިރާތަކުން އާންމުންނާ ގުޅިގެން މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ހައްލު ކޮށްދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށާއި އަދި، އެ މައްސަލަ ފީފާއިން ވެސް ބަލަމުން ގެންދާ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ސައޮޕޯލޯއަށާއި ރިއޯއަށް މުޒާހަރާތަކުގައި ބައިވެރިވުމަށް ގިނަބަޔަކު އެއްވާނެ ކަމަށް ތަޖުރިބާކާރުން ގެންދަނީ ލަފާ ކުރަމުންނެވެ. ބްރެޒިލްގައި މުޒާހަރާ ކުރަމުންގެންދާ ފަރާތްތަކުން ބުނަމުން ގެންދަނީ، އާ ސްޓޭޑިއަމްތައް ހެދުމަށް ފައިސާ ހަރަދު ކުރުމަށްވުރެ، ބްރެޒިލްގައި ފަގީރުކަމުގައި ދިރިއުޅޭ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް އެފައިދާ ހަރަދު ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.