ތުރުކީ ބަހުގެ ހުނަރުތައް ދައްކައިލުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި 2007 ވަނަ އަހަރުން ފެށިގެން ތުރުކީގައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޓަކިޝް އޮލިމްޕިޔާޑުގައި ދިވެހި ރާއްޖެ ތަމްސީލު ކުރުމަށް ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލުން މި އަހަރު ދިޔަ ތިން ދަރިވަރުން ވެސް ތިން މެޑެލާ އެކު މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.

ދުނިޔޭގެ 140 ގައުމު ބައިވެރިވި މި އަހަރުގެ ޓާކިޝް އޮލިމްޕިޔާޑުގައި ލާލޭ ސްކޫލްގެ މަރިޔަމް ޝޫރާ ޝަފީގު ތުރުކީ ބަހުން ވާހަކަ ދެއްކުމުގެ މުބާރާތުން ރިހި މެޑެލް ހޯދި އިރު، ހަމަ އެ ސްކޫލްގެ މަރިޔަމް ނައުފާ ނާސިރު ތުރުކީ ބަހުން ޅެން ހުށަހެޅުމުން އަދި އައިޝަތު ލުބާނާ ތުރުކީ ބަހުން މަދަހަ ކިޔުމުގެ ބައިން ލޮއި މެޑެލް ހާސިލް ކޮށްފައިވާ ކަމަށް ލާލޭ ސްކޫލުން ބުންޏެވެ.

އެ ސްކޫލުން ބުނީ ބައިނަލްއަގްވާމީ އެ މުބާރާތުގައި ބައިވެރި ކުރުމަށް ގައުމުތަކުން ދަރިވަރުން ހޮވަނީ މުބާރާތްތަކުގައި އެ ގައުމު ތަމްސީލް ކުރާނެ ތުރުކީ ބަސް ކިޔަވާ ސްކޫލްތަކުގެ ދަރިވަރުން ވާދަ ކޮށްގެން ނަމަވެސް ރާއްޖެ ތަމްސީލު ކުރާ ދަރިވަރުން ހޮވަނީ ރާއްޖޭގައި ތުރުކީބަސް ކިޔަވައިދޭ ހަމަ އެކަނި ސްކޫލް ކަމަށްވާ ލާލޭ ޔޫތު އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ ތެރެއިން އެކަމަށް ކުރިމަތިލާ ކުދިންގެ ތެރޭގައި ހިމެނޭ އެކަމަށް އެންމެ އެކަށީގެންވާ ދަރިވަރުން ތަމްރީނު ކޮށްގެން ކަމަށެވެ.

"ތުރުކީގެ އިންތަންބޯލް އާއި އިޒްމިރު އަދި އަންކާރާގައި ދެ ހަފްތާއަށް ކުރިއަށް ދިޔަ މި މުބާރާތްތަކަށް މި އަހަރު ދުނިޔޭގެ އެކި ގައުމު ތަކުން ދެ މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި. އޭގެ ތެރެއިން އިޒުމުރުގައި ދިވެހި ސަގާފަތާއި އާދަ ކާދައިގެ ރަމްޒެއްގެ ގޮތުގައި މި ކުދިން ދައްކާލަދިން ރާއްޖޭގެ ސްޓޭންޑަށް ވަރަށްބޮޑު ތަރުހީބެއް ލިބުނު. އެތަނަށް ޒިޔާރަތްކުރި މެހެމާނުންނަށް ރާއްޖެއާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވެނު،" ލާލޭ ސްކޫލުން ބުންޏެވެ.

މި އަހަރުގެ ޓާކިޝް އޮލިމްޕިޔާޑަކީ މިހާތަނަށް އެންމެ ގިނަ ގައުމުތަކުން ބައިވެރިވި ބައިނަލްއަގްވާމީ ފެންވަރުގެ އެންމެ ބޮޑު އަދަބީ މުބާރާތް ކަމަށާއި އެ މުބާރާތުގެ ސަބަބުން ތުރުކީން ރާއްޖެ އަންނަ ފަތުރުވެރީން އިތުރުވެގެންދާނެ ކަމަށް ވެސް ލާލޭ ސްކޫލުން ބުންޏެވެ.