"ޗެނަލް 13" އަދި "ޗެނަލް ވަން"ގެ ނަމުގައި އާ ދެ ޓީވީ ޗެނަލްގެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން އެ ދެ ޗެނަލްގެ ޓެސްޓް ސިގްނަލް ދޫކުރަން ފަށައިފި އެވެ.

"ޗެނަލް ވަން"ގެ ޓެސްޓް ސިގްނަލް މީޑިއާ ނެޓް ފްރީކުއެންސީގެ 109 އިން ދެމުން އަންނަ އިރު އެ ޗެނަލުން ދިވެހި ބައެއް ލަވަތައް ގެނެސްދެމުން ދެ އެވެ. އަދި "ޗެނަލް 13"ގެ ޓެސްޓް ސިގްނަލް މީޑިއާ ނެޓްގެ ފްރީކުއެންސީގެ 108 އިން ގެނެސްދޭ އިރު އެ ޗެނަލްގެ މެދަށް ކަލާ ބާ އާއި ޗެނަލްގެ ލޯގޯ ވަނީ އަރުވައިފަ އެވެ. ނަމަވެސް އަދި އެއްވެސް ވީޑިއޯ މަންޒަރެއް ގެނެސްދޭކަށް ނުފަށަ އެވެ.

ޗެނަލް ވަންގެ ކުލައެއްގެ ގޮތުގައި "ފެހި" ކުލަ ޓީވީ ސްކްރީންގައިވާ ބޭނާތަކާއި ލޯގޯގައި ބޭނުންކޮށްފައިވާ އިރު ޗެނަލް 13ގެ ކުލައެއްގެ ގޮތުގައި އަދި ލޯގޯ ކުލައެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ އަސުރުމާ ކުލަ އެވެ.

ޑިޖިޓަލް ބްރޯޑްކާސްޓިން ޕްރައިވެޓް ލިމިޓެޑް މަސްއޫލުވެރިއެއް ކަމުގައިވާ އަލީ ވަހީދު މިއަދު ސަން އަށް ވިދާޅުވީ ޗެނަލް ވަންގެ ޓެސްޓް ސިގްނަލް މާލެ އަށް ކޭބަލް މެދުވެރިކޮށް ދޫކުރަން ފެށިތާ މިހާރު ދެ ތިން ދުވަސް ވެދާނެ ކަމަށާއި ނަމަވެސް ޓެރެސްޓީރިއަލްކޮށް ޓެސްޓް ސިގްނަލް ދެމުން އަންނަތާ މިހާރު ދޮޅުމަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 20 ވަރަކަށް ދުވަހުގެ ތެރޭގައި އެ ޗެނަލްގެ ހިދުމަތް ރަސްމީކޮށް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ޗެނަލް ވަންއަކީ ވިޔަފާރީގެ އުސޫލުން ހިންގަން ނިންމާފައިވާ ޗެނަލެއް ކަމަށާއި އެ ޗެނަލް މެދުވެރިކޮށް ހުރިހާ ވައްތަރެއްގެ ޕްރޮގްރާމްތައް ވެސް ގެނެސްދެމުން ގެންދާނެ ކަަމަށެވެ. އަދި ޗެނަލްގެ އެންމެ ބޮޑު މަގުސަދަކީ ޒުވާނުންނަށް އަމާޒުކޮށްގެން ތައުލީމީ އެކިއެކި ޕްރޮގްރާމްތައް ގެނެސްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޗެނަލަލީ އެއްވެސް ވަރަކަށް ސިޔާސީ ޕާޓީއަކާ ގުޅުން ހުރި ޓީވީ ޗެނަލެއް ނޫން. އަޅުގަނޑުމެންނަށް ބޮޑަށް ބުރަވެވޭނީ ޔޫތު އެޑިއުކޭޝަނަށް، އެކަމަކު މީގައި ހުރިހާ ކޮންޓެންޓެއް ވެސް އުޅޭނެ، އޭގެތެރޭގައި ސިޔާސީ ވިޔަފާރި މުނިފޫހިފިލުވުން ތައުލީމީ ޕްރޮގްރާމްތައް ހިމެނޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ޗެނަލް 13 އަކީ ޕީޕީއެމުން ރިޔާސީ އިންތިހާބާ ދިމާކޮށް ލޯންކުރާނެ ކަމަށް ބުނެފައިވާ އެ ޕާޓީގެ ޓީވީ ޗެނަލެއް ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ނަމަވެސް ޗެނަލް 13ގެ ޓުއިޓާ އެކައުންޓްގައި ބުނެފައި ވަނީ އެ ޗެނަލްއަކީ އާއްމުން ހީކުރާ ފަދަ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ޗެނަލެއް ނޫން ކަމަށާއި އެ ޗެނަލް މެދުވެރިިކޮށް އާއްމުންނަށް ހަބަރާއި މައުލޫމާތު ހަގީގަތާ އެއްގޮތަށް ގެނެސްދޭނެ ކަމަށެވެ. އެ ޗެނަލްގެ ޓެސްޓް ސިގްނަލް ދޫކުރަން ފަށައިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ޗެނަލް 13ގެ މަސްއޫލުވެރި ފަރާތަކީ ކޮން ފަރާތެއް ކަމެއް ލައިންސަންސް ދޫކޮށްފައިވާ ބްރޯޑްކާސްްޓަރުންގެ ލިސްޓްގައި އެ ޗަނަލްގެ ނަން ހިމެނިފައި ނުވާތީ އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.