އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ ފުޓްބޯލް ޓީމްގެ އާ ކޯޗަކަށް ސްޕެއިންގެ މަލާގާގެ ކޯޗު ކަމުގައި ހުރި މެނުއެލް ޕެލެގްރިނީ ހަމަޖައްސައިފި އެވެ.

މި ދިޔަ މޭމަހު، ސިޓީގެ ކޯޗު ކަމުން ރޮބާޓޯ މަންޗިނީ ބޭރުކޮށްލުމަށްފަހު، މިމަހުގެ 24 ވަނަ ދުވަހު އުމުރުން 59 އަހަރުގެ ޗިލީގެ ކޯޗު ސިޓީއާ ހަވާލުވާނީ، ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނެވެ.

"އަހަރެން ވަރަށް އުފާވެއްޖެ ސިޓީފަދަ ވަރުގަދަ ކުލަބަކުން މިފަދަ ބޮޑު ހުށަހެޅުމެއް ލިބުމުން،" ޕެލެގްރިނީ ބުންޏެވެ. "މި ކުލަބުގައި އެބައޮތް ކާމިޔާބުތައް ހާސިލް ކުރުމަށްޓަކައި ވަރަށް ސާފު އަމާޒުތަކެއް ކަނޑައަޅާފައި. އަހަރެން މިހިރީ ކުލަބު އެ މިސްރާބަށް ވާސިލް ކޮށްދިނުމަށް ކުރެވެން ހުރި ހުރިހައި ކަމެއް ކޮށްދޭން ތައްޔާރަށް،"

ޕެލެގްރިނީ ވަނީ ސިޓީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ އެ ޓީމަށް ހޯދައިދީފައިވާ ކާމިޔާބުތައް ފާހަގަކޮށް މަންޗިނީއަށް ތައުރީފް ކޮށްފަ އެވެ.

"ރޮބާޓޯ މަންޗިނީ ވަނީ މިކްލަބަށް ވަރަށް ރަނގަޅު ކާމިޔާބުތަކެއް ހޯދާދީފައި. އެގޮތުން އެތައް އަހަރެއް ފަހުން މިކުލަބަށް ޓްރޮފީތަކެއް ހޯދައިދިންކަން ހާއްސަކޮށް ފާހަގަ ކޮށްލަން ޖެހޭ،" މަންޗިނީއާ ބެހޭ ގޮތުން ސިޓީގެ އާ ކޯޗު ބުންޏެވެ.

ޕެލެގްރިނީ ވަނީ މަލާގާ 2011-12ގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ކޮށްދީ އަދި އެމުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް އެ ކުލަބު ގެންގޮސް ދީފަ އެވެ. އޭނާ ކޯޗިން ކެރިއަރު ފެށީ 2004ގައި ސްޕެއިންގެ ވިލާރެއަލްއަށް ބަދަލުވުމުގެ ކުރިން ދެކުނު އެމެރިކާގަ އެވެ. އަދި އޭނާ ވަނީ 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށްވެސް ކޯޗްކަން ކޮށްދީފަ އެވެ.