15 Jun 2013, 14:54
އެތައް އަހަރެއް ވަންދެން ގާކުނޑިއަޅަމުން ގޮސް "ކުނީގެ ފަރުބަދަ" ހެދިފައި އޮތް އެއް ނަންބަރު ކުނިކޮށި، ސިފައިން ނުކުމެ ހުސްކުރިތާ މާގިނަ ދުވަހެއް ނުވަނީސް އަނެއްކާ ވެސް އެތަނަށް ގާކުނޑި އަޅަން ފަށައިފި އެވެ.
ގާކުނޑި އަޅާ އެއް ނަންބަރު ކުނިކޮށީގައި ދޭތެރެ ދޭތެރެއިން ރޯކުރުމުގެ ސަބަބުން އިމާދުއްދީން ސްކޫލްގެ ކުދިންނަށާއި އާއްމުނަށް އުނދަގޫ ވާތީ ސިފައިންނާ ހަވާލުކޮށްގެން އެތަން ހުސްކުރުމަށް ފަހު، އަނެއްކާ ވެސް އެތަން ސަރުކާރުން ހަވާލުކުރީ މާލޭ ސިޓީ ކައުންސިލާ އެވެ. އެ ކޮއްޓަށް ކޮންމެ ދުވަހު މިހާރު ދަނީ އެތަކެއް ލޮރީގެ ގާކުނޑި އަޅަމުންނެވެ.
ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ އެތަނަށް ގާކުނޑި އަޅަން ފެށީ "އެނޫން ގޮތެއް މިވަގުތު ނެތުމުން" ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑު މައްސަލައަކަށްވެފައިވާ ކަމެއް އެތަނަށް ގާކުނޑި އެޅުމަކީ. އެކަމާ ދެކޮޅަށް ގަލޮޅު މީހުން މިހާރު ވެސް ދަނީ ޕެޓިޝަނެއް ތައްޔާރުކުރަމުން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ސްޓެލްކޯއާ ހަވާލުކޮށްފައި އޮތް ހަތަރު ނަމްބަރު ކޮށި ހުސްކުރުމަށް ފަހު އެތަނަށް ގާކުނޑި އަޅަން،" އޭނާ ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ ސްޓެލްކޯއާ ހަވާލުކުރި ހަތަރު ނަމްބަރު ކޮށި ހުސްކުރަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ. އަދި އެތައް ފަހަރު އަންގައިގެން ވެސް އެކޮއްޓާއި ޖެހިގެން އޮތް މަގު ވެސް ހުސްކޮށްދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އުއްމީދުކުރަނީ އެތަން ވަރަށް އަވަހަށް ހުސްކޮށްދޭނެ ކަމަށް. އެ ކޮއްޓަކީ އެއްގޮތަކަށް ވެސް ސްޓެލްކޯއަށް ދީފައި އޮތް ތަނެއް ނޫން،" ސުޖާއު ވިދާޅުވި އެވެ.
އެއް ނަމްބަރު ކުނިކޮށި ހުސްކޮށް ނިންމައި އެގޮނޑު މާލޭ ސިޓީ ކައުންސިލާ ހަވާލުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.