ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިމްޕީރިއަލް މެޑިކަލް ސެންޓްރުން އެމްއެންޑީއެފް އަށް ދީފައިވާ ހިދުމަތަކަށް އެ ސެންޓަރަށް ދައްކަންޖެހޭ 54136ރ. އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ބުރާސްފަތި ދުވަހު ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އިމްޕީރިއަލްއަށް ދައްކަން ޖެހޭ 54136ރ. ލޯކަލް ޓްރާންސްފާއަކުން އެސެންޓަރަށް ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ނުލިބޭ ކަމަށް އެ ސެންޓަރުން ފިނޭންސްގައި ބުނުމުން އެ ފައިސާ ނުލިބުނީ ކިހިނެއްވެގެންތޯ ބެލުމުން ސެޕް ސިސްޓަމްގައި އިމްޕީރިއަލް ގެނަމުގައި ހުޅުވާފައިވާ އެކައުންޓްގައި ހިމެނިފަިއވާ ބޭންކް އެކައުންޓް ނަމްބަރަކީ އަމިއްލަ ފަރާތެއްގެ ނަމްބަރު ކަމަށާއި އެފައިސާ ޖަމާވެފައިވަނީ އަމިއްލަ މީހެއްގެ އެކައުންޓަށް ކަމަށެވެ.

އެއީ ކިހިނެއްވީ ކަމެއްތޯ ފިނޭންސް މިނިސްޓްރީގައި އޮޑި އޮފީހުން ސުވާލުކުރުމުން އެ މިނިސްޓްރީ އިން ބުނި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ، އެ މައްސަލަ ދިމާވީ އެ މިނިސްޓްރީގެ އެކައުންޓް އެގްޒެކްޓިވް އޮފިސާ، ސެފް ސިސްޓަމުން އެރި އޮޅުމަކުން ކަމަށެވެ.

އެ މައްސަލަ ދިމާވުމުގެ ސަބަބުން އިމްޕީރިއަލް އަށާއި އަމިއްލަ ފަރާތަށް ވެސް އެ ފައިސާ ދޫކޮށްފައިވާ އިރު އަމިއްލަ މީހާގެ އަތުން މިހާތަނަށް އެ ފައިސާ އަނބުރާ ހޯދާފައިނުވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ވަނީ އެ މައްސަލައާ ގުޅިގެން ޒިންމާވާ މުއައްޒިފު ފައިސާ ލިބުނު ފަރާތުން ހޯދައިގެން ނަމަވެސް އެ ފައިސާ އަނބުރާ ދައުލަތަށް ހޯދައި ޖަމާކުރުމަށް އަންގައިފަ އެވެ.