ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ މި މަހުގެ 25 އިން  އަންނަ ޑިސެމްބަރު 8 އާ ހަމަ އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.


އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ ފަހެއްގައި ބާއްވާ އިންތިޚާބުގައި ރަށު ކައުންސިލަކަށް ކުރިމަތިލާ ނަމަ އެކަން ހުށަހަޅަން ވާނީ އެ ރަށު ކައުންސިލެއްގެ ރަށު އޮފީހުގައި ގާއިމްކޮށްފައިވާ އިލެކްޝަންސް ކޮމެޓީ އަށް ކަމަށެވެ. އަދި އަތޮޅު ކައުންސިލަށް ކުރިމަތިލާ ނަމަ ހުށަހަޅަން ޖެހެނީ އަތޮޅު އޮފީހުގައި ގާއިމްކޮށްފައިވާ އަތޮޅު އިލެކްޝަންސް ކޮމެޓީ އަށް ކަމަށެވެ. މީގެ އިތުރުން ސިޓީ ކައުންސިލަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހެނީ އެ ސިޓީއެއްގައި ގާއިމްކޮށްފައިވާ ސިޓީ އިލެކްޝަންސް ކޮމެޓީ އަށް ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.


އިލެކްޝަންސް އިން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނާނީ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި އިންތިހާބުގެ ރަސްމީ ނަތީޖާ ފެބްރުއަރީ 19 ވަނަ ދުވަހުގެ މެންދުރު ފަހު އިއުލާންކުރާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް ވޯޓު ލައި ނިމުމާ އެކު އެ ދުވަހުގެ ހަވީރު 5:00 ޖަހާއިރު ވޯޓު ގުނަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.


މާލޭ ސިޓީ އިލެކްޝަންސް ކޮމެޓީ ގާއިމްކޮށްފައި ވާނީ ޕޯސްޓް ބިލްޑިންގުގެ ހަތް ވަނަ ބުރީގައި ކަމަށް ވެސް އިލެކްޝަންސް އިން ބުންޏެވެ. އަދި އައްޑޫ ސިޓީ އިލެކްޝަންސް ކޮމެޓީ ގާއިމްކޮށްފައިވާނީ އައްޑު އަތޮޅު އޮފީހުގައި ކަމަށް އިލެކްޝަނުން ބުނެ އެވެ.