15 Jun 2013, 14:33
ނޭޕާލްގެ ވޮލީބޯލް އެސޯސިއޭޝަން (އެންވީއޭ) އިން ދައުވަތު ދީގެން އެގައުމުގައި ބާއްވަން ހަމަޖެހިފައިވާ ފުރަތަމަ ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯލް ޓީމް ބައިވެރި ކުރުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.
ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން މުހައްމަދު "ސަން"އާ ވާހަކަ ދައްކަމުން ވިދާޅުވީ، ނޭޕާލްގެ ސްޕޯޓްސް ކައުންސިލާއި އެގައުމުގެ ވޮލީބޯލް އެސޯއިއޭޝަން ގުޅިގެން ސާކު ސަރަހައްދުގެ ގައުމުތަކަށް ދައުވަތުދީގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރި ކުރުމަށް ވީއޭއެމްއިން ނިންމާފައި ވަނީ ގައުމީ ފިރިހެން ސީނިއާ ވޮލީ ޓީމް ކަމަށެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ރިޔާޒު ވިދާޅުވީ، މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ވާދަވެރި މެޗުތަކެއް ކުޅެން ލިބެނީ މަދު ފަހަރެއްގައި ކަމަށާއި އެހެން ކަމުން މިފަދަ މެޗުތަކެއް ކުޅުމާއި ދޭތެރޭގައި ސައުތު އޭޝިއާގެ ވޮލީބޯލް ފެޑެރޭޝަން ތަކުގެ މެދުގައި މަޝްވަރާތަކެއް ކުރެވިފައި ވަނިކޮށް، އެންވީއޭގެ އެ އިސްނެގުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ.
ނޭޕާލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯލް ޗެމްޕިއަންޝިޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 އިން 17 އަށެވެ. އަދި އެ މުބާރާތް ކުޅުމަށް ގައުމީ ވޮލީބޯޅަ ޓީމް ނޭޕާލަށް ދާނީ، އަންނަ މަހު އެކެއްގައި ސްރީލަންކާގައި ފެށުމަށް ހަމަޖެހިފައިވާ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް 2014ގެ ކޮލިފިކޭޝަން މެޗުތައް ކުޅުމަށްފަހު ކޮލަމްބޯ އިންނެވެ.