ހުޅުމާލޭގައި އިއްޔެ ފެށި މެޓްރޯ ސިޓީ ބަހުގެ ޚިދުމަތުގެ އަގު ތިން ރުފިޔާ އަށް ބަދަލުކުރުމާ ގުޅިގުވައިގެން ހިންގި މުޒާހަރާގައި އިއްޔެ ހައްޔަރު ކުރި 15 މީހުންގެ ތެރެއިން 10 މީހުން މިއަދު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ހުޅުމާލޭގައި އިއްޔެ ކުރި މުޒާހަރާއާ ގުޅިގެން މިހާރު ހައްޔަރު ކޮށްފައި ތިބީ ތިން ފިރިހެނުންނާއި އަންހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެގަނެ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅާފައި ވާތީ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންނަށް މަރުގެ އިންޒާރުދިން މައްސަލައަކާ ގުޅިގެން ވެސް ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިއްޔެގެ މުޒާހަރާގައި ހަރަކާތްތެރިވެފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ ސަޕޯޓަރުންނެވެ.