މިފަހަކަށް އައިސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ ކޯލިޝަން ޓީމް ރަށްތަަކަށް ވަޑައިގަތުމުން ކެމްޕޭނަށް ހުރަސްއަޅަމުން ގެންދާތީ ޕީޕީއެމް އިން އެކަން ކުށްވެރިކޮށްފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ ރައީސް ވަހީދު ކެމްޕެއިން ދަތުރުފުޅުތަކުގައި ރަށްރަށަށް ވަޑައިގަތުމުން ރަށަށް އެރިޔަނުދިނުމަށް މަސައްކުރާ ކުރުމަކީ ޑިމޮކްރެސީގެ ރޫހާއި މުޅިން ޚިލާފަށް ކުރަމުން ގެންދާ ކަމެއް ކަމަށެވެ.

ރައީސް ވަހީދަކީ ޕީޕީއެމްގެ ތާއީދު ނެތް ކެންޑިޑޭޓަކަށް ވިޔަސް އެ މަނިކުފާނަށް ވެސް ރަށްތަކަށް ވަޑައިގެން ޖަލްސާތައް ބާއްވައި ރައްޔިތުންނާ ބައްދަލު ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި ކެމްޕޭނަށް ހުރަސް އެޅުމަކީ އެމްޑީޕީން ހިންގާ ވަރަށް ނާތަހުޒީބު ހަރަކާތްތަކެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނަ އިރު ޑިމޮކްރެސީއެއްގެ ތެރެއިން ފެންނަން ނުވާނެ މަންޒަރުތަކެއް އެބަ ފެނޭ. އެ ގޮތުން ރައީސް ވަހީދު ރަށްރަށަށް ވަޑައިގަތުމުން އެމަނިކުފާނުގެ ކެމްޕެއިނަށް ހުރަސް އެޅުމުގެ ގޮތުން ޖަލްސާތައް ބޭއްވިޔަ ނުދީ ނުވަތަ ރަށްރަށަށް އެރިޔަނުދީ ޑިމޮކްރެސީއާ ޚިލާފު އަމަލުތަކެއް އެމްޑީޕީންނާއި އަދި އެހެން ބައެއް ފަރާތްތަކުން ހިންގާ މަންޒަރު އެބަ ފެނޭ. އަޅުގަނޑުމެން ތާއީދު ނުކުރާ ކެންޑިޑޭޓަކަށް ވިޔަސް އަޅުގަނޑު ދެކެނީ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ގޮތެއްގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ކެންޑިޑޭޓުންނާއި ދެކޮޅަށް ޝުއޫރު ފާޅު ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ކެންޕޭނަށް ހުރަސް ނާޅައި އާއްމު ރައްޔިތުންނަށާއި ފުލުހުންނާއި ސިފައިންނަށް އަނިޔާ ނުވާނެ ގޮތެއްގެ މަތީން ޝުއޫރުފާޅު ކުރުމަކީ އެ ޕާޓީން އެދޭ ގޮތް ކަމަށެވެ.

ރައީސް ވަހީދާއި އެމަނިކުފާނުގެ ކޯލިޝަން ޓީމް ގދ. ތިނަދޫ އަށް ވަޑައިގަތުމުން އެމްޑީޕީގެ ދިދަތަކެއް ހިފައިގެން ނުކުމެ އެމްޑީޕީ ސަޕޯޓަރުންތަކެއް ވަނީ ރައީސް ވަހީދާ ދެކޮޅަށް ޝުއޫރު ފާޅުކޮށް ރައީސް ވަހީދަށް ހުރަސްއަޅުއްވައިފަ އެވެ.

ތިނަދޫގައި އެމްޑީޕީގެ ސަޕޯޓަރުން ރައީސް ވަހީދާ ދެކޮޅަށް ޝުއޫރު ފާޅުރަން ނުކުމެ އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި އެކި މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އަދި ފުވައްމުލަކަށް ރައީސް ވަހީދު ވަޑައިގަތުމުން ވެސް އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެމަނިކުފާނާ ދެކޮޅަށް ނުކުމެ ކެމްޕޭނަށް ހުރަސްއަޅައިފަ އެވެ.