15 Jun 2013, 12:06
ނުވަ ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގައި އިއްޔެ ހަވީރު، ދަ ބައުސް ސްޕޯޓްސް ކުލަބް އަތުން ޓީ-ރެކްސް ބާސްކެޓްބޯލް ކްލަބް މޮޅުވެފައިވާއިރު ލީގުގައި ރޭ، ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް ހަނި ގޮތަކަށް މެޗް ކާމިޔާބު ކުރީ ރެޑްލައިން ކްލަބެވެ.
ހުކުރު ދުވަހު ހަވީރު ބައުސް އަތުން ޓީރެކްސް މޮޅުވީ 80 ޕޮއިންޓް 92 ޕޮއިންޓުން ނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްއަށް 19 ޕޮއިންޓް ހޯދައިދިން އެކަސޮމީ ކްރިސްޓޮފާ އެވެ.
ގައުމީ ލީގުގައި ރޭ، ދިވެހި ސިފައިންގެ ކްލަބާއި ރެޑްލައިން ކްލަބް ކުޅުނު ވާދަވެރި މެޗް ރެޑްލައިން ކްލަބުން ކާމިޔާބު ކުރީ 90 ޕޮއިންޓް 93 ޕޮއިންޓުގެ ކުޑަ ތަފާތަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރެޑްލައިން ކްލަބަށް 19 ޕޮއިންޓް ހޯދައިދިން އަޙްމަދު އަފްޝަން ރަޝާދު އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގައި މި އަދުވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަ ޖެހިފަ އެވެ. އެގޮތުން މިއަދު ހަވީރު 4:15ގައި ކުޅެން ހަމަ ޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ކްލަބް އީގަލްސް އާއި ހަރިކޭން ބާސްކެޓްބޯލް ކްލަބެވެ. އަދި މިރޭ 8:30ގައި ކުޅެން ހަމަޖެހިފައިވާ މެޗްގައި ބައްދަލު ކުރާނީ ޓީ-ރެކްސް އާއި ދިވެހި ސިފައިންގެ ކްލަބެވެ.