އިންޑިއާ ކަނޑުގެ ސަރަހައްދުން 22 މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް، އަޑިއަށް ދިޔަ ރާއްޖޭގެ ކާގޯ ބޯޓުގައި ތިބި ފަޅުވެރިން މިރޭގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ޕާކިސްތާނުގެ ކަރާޗީ ބަނދަރަކުން މިދިޔަ މަހުގެ 31ގައި ހިލަ އާއި ހިލަވެލި ބަރުކޮށްގެން މާލެ އައުމަށް ދަތުރުކުރަމުން ދަނިކޮށް "އެމްވީ އޭޝިއަން އެކްސްޕްރެސް" އަޑިއަށް ދިޔައީ ބޯޓުގެ ބަނޑުފިލައިން ތިން ތަނަކުން ފަޅައިގެން ގޮސް، ބޯޓު ދިޔަވެގެން ކަމަށް އިންޑިއާގެ ކޯސްޓްގާޑަ ހަވާލާދީ އިންޑިއާ ނޫސްތަކުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަބްދުﷲ އަލީ މިއަދު ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަޑިއަަށް ދިޔަ ބޯޓުގައި ތިބި ފަޅުވެރިން ނެގި އިންޑިއާގެ ކޯސްޓްގާޑަށް އެމީހުންނާ އެކު ކޮޗިންނަށް ދެވުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމާށާއި ބޯޓުގެ ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި އެމީހުން މިއަދު ރާއްޖެ އަންނާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިއާގެ ބޯޓަށް ކޮޗިންނަށް ދެވުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި. ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވަނީ،" އަަބްދުﷲ އަލީ ވިދާޅުވި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ އެ ބޯޓު އަޑިއަށް ދިޔައީ އިންޖީނު ހުއްޓިގެން، އޮޔާދާތާ ދެ ދުވަސް ފަހުން ކަމަށެވެ. އަދި ބޯޓު އަޑިއަށްދާ ކަމުގެ މައުލޫމާތު އިންޑިއާގެ ކޯސްޓްގާޑަށް ލިބުމާ އެކު ކޯސްޓްގާޑު ވަރުނަ އެ ސަރަހައްދަށް ދިޔައިރު މޫސުން ގޯސްވެ ކަނޑުގަދަވެ، ކަމަށް ކޯޓްސްގާޑުން ބުނެފައިވާ ކަމަށް ބުނެފައިވެ އެވެ.

"އިންޑިއާގެ ކޯސްޓްގާޑު އެސަރަހައްދަށް ދިޔައިރު ބޯޓު އޮތީ ތިން މީޓަރަށް އަޑިއަށް ގޮސްފައި، ވިއްސާރަ ކަމުން ކޯސްޓްގާޑު ވަރުނަ ބޯޓާ އެއް ކިލޯ މީޓަރަށް ކައިރިކުރި އިރުވެސް ފެންނަނީ ކިރިޔާކިރިއާ، އޭރު އެސަރަހައްދުގެ ވައިބާރު މިން ހުރީ 25 ކިލޯ މީޓަރުގައި، އެހެން ކަމުން ފަޅުވެރިން ސަލާމަތް ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހުނު،" ވަރުނަ ކޯސްޓްގާޑުގެ ކޮމާންޑަރު ކޭ.އެމް އަރުން ކުމާރާ ހަވާލާދީ ދަ ހިންދޫގައި ބުނެފައިވެ އެވެ.

އޭރު "ވިލާ2" ނަމަކަށް ކިޔާ ޓަގް ބޯޓެއް އެބޯޓު ކަފުޖެހުމަށް ޓަކައި އެ ސަރަހަދަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އެ ބޯޓުގެ އެޖެންޓާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

ބޯޓު އަޑިއަށް ދިޔައީ އެބޯޓުގެ ބަނޑުފިލައިން ބައެއް ފަޅައިގެން ގޮސް، ބޯޓުގެ ދެ ފަލްކާއެއްގައި 10 މީޓަރަށް ލޮނުއެރައި ބޯޓު އަރިއަޅާލައިގެން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބޯޓުގެ ކެޕްޓަން އަހުމަދު ޝާކިރާ ހަވާލާދީ ވަނީ ބުނެފަ އެވެ. އަދި އެބޯޓު އިންޖީނު ހުއްޓެން ދިމާވީ ޕާކިސްތާނުގެ ކާރާޗީ ބަނދަރުން ފުރި އިރު ބޯޓަށް އެޅި "ތަގައްޔަރުވެފައިވާ" ތެލެއްގެ ސަބަބުން ބޯޓުގެ ޓާބޯ ޗާޖަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ވެސް ޝާކިރާ ހަވާލާދީ ދަ ހިންދޫގައި ބުނެފައިވެ އެވެ.

ހަ ހާސް ފަސްސަތޭކަ ޓަނުގެ ބޯޓު އަޑިއަށް ދިޔަ އިރު އެބޯޓުގައި 4000 ޓަނުގެ ސިމެންތި އާއި 2400 ޓަނުގެ ހިލަވެލި ބަރުކޮށްފައިވާ ކަމަށް ވެސް އެ ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

އެ ހާދިސާ ހިނގި އިރު އެ ބޯޓުގައި 18 ދިވެހިންނާއި ހަތަރު އިންޑިއާ މީހުން ތިއްބެވެ. އެ ހާދިސާ ހިނގީ ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 115 މޭލު ބޭރުން އެބޯޓު އޮއްވަ އެވެ. މިިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހިނގި މިހާދިސާގައި އަޑިއަށް ދިޔަ 120 މީޓަރުގެ މި ބޯޓަކީ 36 އަހަރުވެފައިވާ ބޯޓެެކެވެ.