15 Jun 2013, 10:29
ސަރުކާރުގެ ދަރަނި އަދާކުރުމަށާއި ތަކެއްޗާއި ހިދުމަތުގެ އަގު ހެޔޮކުރުމަށް 2011 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނި ފައިސާ ހަރަދު ކުރީ ބަޖެޓް ކުރި ބޭނުން ނޫން އެހެން ކަންތައްތަކަކަށް ކަން ފިނޭންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެމްއެމްއޭގައި ހުރި ސަރުކާރުގެ ދަރަނި ބޮންޑަށް ބަދަލުކުރުމުން އެއަށް ޖެހޭ ޕްރިސިޕަލް އަށް ދެއްކުމަށް 2011 ވަނަ އަހަރުގެ ބަޖެޓްގައި 317 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ އިން ދަރަނި އަދާކުރުމުގެ ބަދަލުގައި ބޮންޑު އަދާކުރަން ޖެހޭ މުއްދަތު ފަސްކުރުމަށް ފަހު އެ ފައިސާ ހަރަދުކޮށްފައި ވަނީ އެކިއެކި އޮފީސްތަކުގެ ރިކަރަންޓް ހަރަދަށާއި ބައެއް ބައެއް ކެޕިޓަލް ހަރަދަށް ކަމަށް އެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ދަރަނި އަދާކުރުމަށް ކަނޑައެޅި 317 މިލިއަން ރުފިޔާގެ ތެރެއިން 304 މިލިއަން ރުފިޔާއާއި 64 މިލިއަން ރުފިޔާ ހަރަދުކުރީ ބަޖެޓްކުރެވުނު ބޭނުން ނޫން އެހެން ބޭނުންތަކަށް ގާނޫނު އަސާސީގެ 96ގެ ނ. އާއި މާލިއްޔަތުގެ ގާނޫނާއި އެ ގަވައިދުގެ ބައެއް މާއްދާތަކާ ހިލާފަށް ކަމަށް ކަމަށެވެ.
އެ ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހަރަދުކޮށްފައި ވަނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށެވެ. އެތަނަށް 321 މިލިއަން ހަރަދުކޮށްފައިވާ ކަމަށް އެ އޮޑިޓް ރިޕޯޓުގައި އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި ހިލާލީގެ އަށާއި ރައީސް އޮފީހަށާއި މާލޭ ސިޓީ ކައުންސިލަށާއި ފިނޭންސްގެ ހާއްސަ ބަޖެޓް، ޑިފެންސް މިނިސްޓްރީ، އެމްއެންޑީއެފް އަދި މީރާ އާއި ޕޮލިސް ސާވިސްއަށް ވެސް އެ ފައިސާއިން ހަރަދުކޮށްފައިވެ އެވެ.
އެ އޮޑިޓް ރިޕޯޓުގައި، ބަޖެޓްކުރި ބޭނުން ނޫން އެހެން ކަންތައްތަކަށް އެ ފައިސާ ހަރަދުކުރުމަށް ހުއްދަ ދެއްވި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އޮޑިޓާ ޖެނެރަލް އަންގަވާފައިވެ އެވެ.