01 Nov 2010, 13:26
މި އަހަރުގެ މިސް ފްރާންސްގެ ރީތީގެ ރާނީންގެ ބައިވެރީން ރާއްޖެ އަށް ކުރާ ޒިޔާރަތުގައި ދިވެހި ކެއްކުމުގެ ބައިތަކެއް ތަމްސީލު ކުރާނެ ކަމަށް އެ މީހުންގެ ދަތުރު އިންތިޒާމު ކުރާ ފަރާތުން ބުނެފި އެވެ.
މިސް ފްރާންސްގެ ފައިނަލް ބުރަށް ހޮވިފައިވާ 33 ކުދިން ވީޑިޔޯ ފިލްމިންގެ އެކްސްކްލޫސިވް ހޯސްޓް ކަމަށްވާ ކޮކޯ ޕާމް ބޮޑުހިތި ރިސޯޓުގެ މެނޭޖްމަންޓުން މިއަދު ބުނީ މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު މަގުބޫލްކަމެއް ލިބި، ރާއްޖެ އިޝްތިހާރުވެގެންދާނެ ކަމަށެވެ.
މިސް ފްރާންސް އަށް ވާދަކުރާ ކުދިން މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ އައުމުން ހަމަޖެހިފައިވާ އިރު އެ ކުދިންނަށް މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ރަތް ދޫލައިގެ މަރުހަބާއެއް ކިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދިވެހި ސަގާފީ ތަފާތު ހަރަކާތްތަކެއް އެއާޕޯޓުގައި ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
މިސް ފްރާންސްގެ ފައިނަލް ބުރަށް ހޮވިފައިވާ ކުދިން ރާއްޖެ އަށް ކުރާ އެއް ހަފުތާގެ މި ދަތުރުގައި ދިވެހި ކެއްކުމުގެ އިތުރުން މޫދު ކުޅިވަރުތަކުގައި ބައިވެރިވެ، ވީޑިއޯ ލަވައެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ދިވެހި ކެއްކުމުގެ ބައިތަކާއި ރާއްޖޭގައި ނަގާ މި ވީޑިއޯތައް ދެއްކުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ފްރާންސްގެ ކާންގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިސް ފްރާންސް 2011"ގެ ތާޖު ހަވާލުކުރުމުގެ ރަސްމީޔާތުގަ އެވެ. މި ރަސްމިއްޔާތު ފްރާންސްގެ ޓީވީތަކުން އެކަނި ވެސް 9 މިލިއަނަށް ވުރެ ގިނަ މީހުން އެއް ވަގުތެއްގައި ބަލާނެ ކަމަށް އިވެންޓް އިންތިޒާމު ކުރާ ފަރާތުން ބުންޏެބެ.
ފްރާންސަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެ ގައުމުން މިދިޔަ އަހަރު އެކަނިވެސް ފަންސާސްހާހަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.