15 Jun 2013, 10:27
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ އޮފީސްތަކުގެ ބަޖެޓުން އުނިކުރި 575 މިލިއަން ރުފިޔާ އެހެން ގޮތަކަށް ބޭނުންކޮށްފައިވާކަން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ބުރާސްފަތި ދުވަހު ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އެ އަހަރު ސަރުކާރުގެ ބަޖެޓުން އުނިކުރި 10 ޕަސެންޓަށްވާ ފައިސާ ކަމުގައިވާ 575 މިލިއަން ރުފިޔާ އެހެން ގޮތަކަށް ބޭނުންކޮށްފައިވާ ކަމަށެވެ.
"ކޮންޓެންޖެންސީ ބަޖެޓުން 9،672،426.88ރ. އާއި ޓްރެޝަރީ ބޮންޑަށް ދައްކަން ކަނޑައަޅާފައިވާ ފައިސާގެ ތެރެއިން 12،033،323.22ރ. އާއި ބަޖެޓްގެ ބާކީ 11 އިން 4،827،520ރ. އާއި 2011 ވަނަ ބަޖެޓްގެ ބާކީން ހިސާބު ހަމަޖެއްސުމަށް ނެގި 4،000،000ރ. މި އެކައުންޓަށް ޖަމާކުރައްވާފައިވެ އެވެ." އެއޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ބަޖެޓުން ހަރަދު ކުޑަކުރުމަށް އުނިކުރި ފައިސާ އުނިކުރީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި ވިޔަސް އެ ފައިސާ އަލުން ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ބޭނުންކޮށްފައި ވަނީ އުނިކުރި ފައިސާ އެ އޮފީސްތަކަށް ދިނުމުގެ ބަދަލުގައި ފިނޭންސް މިނިސްޓުްރީ އަށް ފެންނަ އޮފީސްތަކަކަށް ފައިސާ ދޫކުރާ އުސޫލުން ކަމަށް ބުނެފައިވެ އެވެ.
އެގޮތަށް ކުރީގެ ސަރުކާރުން އަމަލުކޮށްފައި ވުމުން އޮޑިޓާ ޖެނެރަލް ލަފާ އަރުވާފައި ވަނީ ބަޖެޓް މެނޭޖުކުރެއްވުމަށް މިހާރަށް ވުރެ ހަރުދަނާ ކުރުމަށާއި ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އުނިކުރާ ފައިސާ ބޭނުންނުކުރުމަށް އަންގާފަ އެވެ. އަދި ހަރަދު ކުޑަކުރަން ޖެހޭ ހާލަތެއްގައި އޮފީސްތަކުން އުނިކުރާ ފައިސާ އެ އުނިކުރެވުނު އޮފީސްތަކަށް ފައިސާ އުނިކުރެވުނު ކަންކަމަށް ނޫނީ ދޫނުކުރުމަށެވެ.