15 Jun 2013, 10:10
ތެހެރާން (ޖޫން 15): އީރާންގައި އިއްޔެ ބޭއްވި ރިޔާސި އިންތިހާބުގައި މިހާތަނަށް ގުނާގައިވާ ވޯޓުތަކަށް ބަލާއިރުއެންމެ ކުރީގައި އުޅުއްވަނީ އިސްލާޙީ ސިޔާސަތުގެ ކެންޑިކޭޓް ޑރ. ޙަސަން ރޫޙާނީ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
އީރާނުގެ އިންތިޚާބުތަކާ ބެހޭ އިދާރާ އިން ބުނީ މިހާތަނަށް 10 އިންސައްތަ ވޯޓް ގުނާފައިވާ އިރު ކުރީގައި އުޅުއްވަނީ ޑރ. ރޫޙާނީ ކަމަށާއި ގުނާފައިވާ ވޯޓުގެ 50 އިންސައްތަ ލިބިވަޑައިގެންފައި ވަނީ އޭނާ އަށް ކަމުގައެވެ. އީރާނުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން މިހާތަނަށް ނެރެވިފައިވާ ނަތީޖާ އިން ރޫހާނީ އަށް ފަހު ދެން އެންމެކުރީގައި އުޅުއްވަނީ ތެހެރާންގެ މޭޔަރު މުހައްމަދު ބާގިރު ކަބިލީވް އެވެ. ތިންވަނަ އަށް އުޅުއްވާ ކަމަށް ވަނީ އިންތިޚާބުގައި އެންމެ ކުރީގައި އުޅުއްވާނެ ކަމަށް ގިނަބަޔަކު ލަފާކުރި ކޮންޒަވެޓިވް ޚިޔާލުގެ ސަޢީދު ޖަލީލީ އެވެ. ޖަލީލީ އަށް 13 ލިބިވަޑައިގެންފައިވާ ކަމަށް ވެސް ޚަބަރު ލިބެ އެވެ.
އީރާނުގެ ރިޔާސީ ރޭހުގައި ވާދަވެރިކަން އޮތީ އިސްލާޙީ ފިކުރާއި ކޮންޒަވެޓިވް ފިކުރަށް ނިސްބަތްވާ ބޭފުޅުންގެ މެދުގަ އެވެ. އީރާނުގެ އާބާދީގެ ބޮޑު ބައެއް އިސްލާޙީ ފިކުރަށް ތާއީދުކުރާ ކަމަށްވެ އެވެ. ރިޔާސީ އިންތިޚާބު ފެށުނު އިރު އިސްލާޙީ ފިކުރަށް ތާއީދުކުރާ ހުރިހާ ފަރާތްތައް ވަނީ އެފިކުރު ތަމްޘީލްކުރާ ހަމައެކަނި ކެންޑިޑޭޓް ކަމަށްވާ ހަސަން ރޫޙާނީގެ ފަހަތުގަ އެވެ. ނަމަވެސް ކޮންޒަވެޓިވް ފިކުރަށް ތާއީދުކުރާ ފަރާތްތައް ވަނީ ބައިބައިވެފަ އެވެ. ކޮންޒަވެޓިވް ފިކުރުގެ މީހުންގެ ވޯޓުތައް ފަސް ކެންޑިޑޭޓުންގެ މެދުގައިބެހިގެންދާއިރު ރިޔާސީ ރޭސް ކާމިޔާބު ކުރެއްވުމުގެ ފުރުސަތު ބޮޑީ ޑރ. ޙަސަން ރޫޙާނީ އަށް ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. (ނޫސްއެޖެންސީތައް)