15 Jun 2013, 09:36
އދ. މަޖިލިސް (ޖޫން 15): ސޫރިޔާގައި ހަނގުރާމަ ކުރަމުން ގެންދާ ދެފަރާތަށް ހަތިޔާރު ފޯރުކޮށްދިނުމުން އެގައުމުގެ މައްސަލަ ޙައްލުނުކުރެވޭނެ ކަމަށާއި މިކަމުގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާވެ ވަރުގަދަވުން ނޫންކަމެއް ނުވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ބާން ވިދާޅުވީ ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ޙައްލެއްނޫނީ ނުގެނެވޭނެ ކަމުގަ އެވެ. "ހަތިޔާރު ފޯރުކޮށްދީގެން އަދި ހަނގުރާމަ އަށް ހިތްވަރު ދީގެން ސޫރިޔާގެ މައްސަލަ ޙައްލުނުކުރެވޭނެ، އެގައުމުގެ މައްސަލައަށް އޮތީ ހަމައެކަނި ސުލްހަވެރި ހައްލެއް" ބާންކީ މޫން ވިދާޅުވި އެވެ. ބާން މިހެންވިދާޅުވީ ސޫރިޔާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާ ނިންމިކަން ރައީސް ބަރަކް އޮބާމާ އިޢްލާން ކުރެއްވުމާ ގުޅިގެންނެވެ.
އޮބާމާ ވިދާޅުވީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އެމެރިކާ އިން ހަތިޔާރު ފޯރުކޮށްދޭނެ ކަމުގަ އެވެ. ނަމަވެސް ހަތިޔާރު ފޯރުކޮށްދޭނެ މިނަވަރާކާއި ފޯރުކޮށްދޭނެ ހަތިޔާރުތަކުގެ ބާވަތާ އަދި ހަތިޔާރު ދޭނެ ވަގުތެއް އޮބާމާ ހާމަކުރައްވާފައެއް ނުވެ އެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލެވޭ މިންވަރަށް އިދިކޮޅު ހަނގުރާމަ ވެރިންނަށް ހަތިޔާރު ފޯކޮށްދިނުމަކީ އެމެރިކާ ކުރާނެ ކަމެއްނޫންކަމަށް މުރާސިލުން ބުނެ އެވެ. އެމެރިކާ ހަތިޔާރު ފޯރުކޮށްދިންނަމަވެސް އެކަންކުރާނީ ސޫރިޔާގެ އަހްލީ ހަނގުރާމަ އިތުރަށް ދިގުދެންމޭނެ ގޮތަކަށް ކަމަށް މުޙައްލިލުން ދެކެ އެވެ.
ސޫރިޔާގެ އަހްލީ ހަނގުރާމައިގާ ބައްޝާރުގެ ސަރުކާރަށް އެހީތެރި ވަނީ ރަޝިޔާ އާއި އީރާނާ އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވަނީ އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކާއި ގަލްފުގެ ބައެއް ޢަރަބި ގައުމުތަކުންނާއި ތުރުކީންނެވެ. ސޫރިޔާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންގެ އަނިޔާވެރި ޢަމަލުތަކުގެ ޝިކާރައަކަށް ވެފައި ވަނީ އެގައުމުގެ ކުށެއްނެތް ރައްޔިތުންނެވެ. (އަލްޖަޒީރާ)