ރިޔާޟް (ޖޫން 15): ނުރައްކާތެރި ވައިރަސް އެއްކަމަށްވާ ކްރޯނާ ވައިރަސް ޖެހިފައިވާ 55 މީހުން ދުނިޔޭގެ ނުވަ ގައުމަކުން މިހާތަނަށް ފެނިފައިވާ އިރު މީގެތެރެ އިން 40 މީހުން ފެނިފައި ވަނީ ސަޢޫދީ އަރަބިޔާއިން ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ހާމަކޮށްފި އެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އިން ބުނީ މިއީ ނުރައްކާތެރި ވައިރަސް އެއްކަމަށާ މި ވައިރަސް ފެތުރެމުންދަނީ ސަޢޫދީ އަރަބިޔާގެ އިރުމަތީގެ ސަރަހައްދެއް ކަމަށްވާ އަލްއިޙްސާގައި ކަމަށެވެ. މިބަލިފެތުރުން ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ބަލިފެތުރުމުގެ ބިރު ވަރަށް ބޮޑުކަމަށާއި މިހާރު ވެސް ސައޫދީ އަރަބިޔާގައި މިބަލި ފެތުރެމުންދާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ބުނެ އެވެ. ކްރޯނާ ވައިރަސް މިހާތަނަށް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިޔާގެ އިތުރުން ފަރަންސޭސިވިލާތް، ޖަރުމަނު އަދި އިޓަލީ އަދި ޖަޕާން ހިމެނެ އެވެ.

ސައޫދީ އަރަބިޔާ އިން ވަނީ ކްރޯނާ ވައިރަސްޖެހިފައިވާ މީހުންގެ ތެރެއިން އިތުރު ދެ މީހަކު މިދިޔަ ހަފްތާގައި މަރުވުމާ އެކު މިވައިރަސް ޖެހިގެން ސައޫދީގައި މަރުވި މީހުންގެ ޢަދަދު 26 އަށް އަރައިފިކަން ހާމަކޮށްފަ އެވެ. ސައޫދީ ސިއްޙަތާބެހޭ ވުޒާރާ ބުނާގޮތުން ކްރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން އެގައުމުން މިހާތަނަށް 2300 އަށް ވުރެ ގިނަމީހުން ސްކްރީން ކޮށްފައިވާ އިރު އޭގެ ތެރެއިން 40 މީހެއްގެ ހަށިގަނޑުން ކްރޯނާ ވައިރަސް ފެނިފައިވާ ކަމުގަ އެވެ.

މި 40 މީހުންގެ ތެރެއިން މިހާތަނަށް 26 މީހުން މަރުވެފައިވާ ކަމަށް ވެސް ސައޫދީ ސިއްޙަތާބެހޭ ވުޒާރާ އިން ހާމަކޮށްފައިވެ އެވެ. ކްރޯނާ ވައިރެހަކީ ބޭހެއް ހޯދުފައިނުވާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިބަލި މިބަލިޖެހުމުން ގަދައަށް ހުންއައިސް ނޭވާލާ ނިޒާމް ހަލާކުވެ ކިޑްނީވެސް ފޭލްވެ ފުރާނަ އަށް ނުރައްކާވެ މަދު ދުވަސްތަކެއްގެ ތެރޭގައި މަރުވުމުގެ ފުރްސަތު ވަރަށް ބޮޑުކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ބުނެ އެވެ. (ނޫސްއެޖެންސީތައް)