ވިމްލާ ކޮންސްޓްރަކްޝަނާއި އައިމާ ކޮންސްޓްރަކްޝަނަށް މާލިއްޔަތު ގާނޫނާ ޚިލާފަށް ޖުމްލަ 204 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދީފައިވާކަން ފިނޭންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވާގޮތުން "ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް އޮފް ގއ. އެޓޯލް" މަޝްރޫގެ ހުރިހާ ޚަރަދެއް ކުރަން ހަމަޖެހިފައި އޮތީ ސައުދީ ފަންޑުގެ ލޯނު އެހީގަ އެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތަށް ރާއްޖެ ގެނައިި ބައެއް ތަކެތި ގއ. އަތޮޅަށް ގެންދިޔުމުގެ މަސައްކަތް ހަވާލުކުރި ވިމްލާ ކޮންސްޓްރަކްޝަން އަށް އެޑްވާންސްގެ ގޮތުގައި 198.1 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެ މަސައްކަތް ވިމްލާ ކޮންސްޓްރަކްޝަން އަށް ނުކުރެވިގެން ފަހުން އެކަން ކޮށްފައި ވަނީ ޕާފޯމަންސް ބިލްޑާސް ނަމަކަށް ކިޔާ ބޭރު ކުންފުންޏަކުން ކަމަށްވާއިރު ވިމްލާ ކޮންސްޓްރަކްޝަނަށް ދީފައިވާ ފައިސާ ދައުލަތަށް ހޯދާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގަައި ވަނީ ބުނެފަ އެވެ. އެހެންކަމުން މާލިއްޔަތު ގަވާއިދާ ޚިލާފަށް އެ ފައިސާ ވިމްލާ ކޮންސްޓްރަކްޝަން އަށް ދޭން ހުއްދަދިން ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ އެދިވަޑައިގެންފަ އެވެ.

ސުނާމީގައި ގެއްލުނު ލިބުނު 10 ރަށެއްގެ ބަނދަރު ހެދުމަށް އޯޕެކް ފަންޑުގެ އެހީގައި ލިބުނު 50.2 މިލިއަން ރުފިޔާގެ ލޯނުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުގެ ކަންތައް ކުރުމަށް އައިމާ ކޮންސްޓްރަކްޝަންއާ އެކު 2011 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް އެ އެއްބަސްވުމުގައި އައިމާ ކޮންސްޓްރަކްޝަނާ އެކު ސޮއިކުރީ އެ ލޯނު ބޭނުން ކުރަން ދީފައިވާ މުއްދަތު ހަމަވެފައި ވަނިކޮށް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އައިމާ ކޮންސްޓްރަކްޝަނާ އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ލޯނު ބޭނުން ކުރަން ދީފައިވާ މުއްދަތު ހަމަވެފައި ވަނިކޮށް ކަން ފިނޭންސް މިނިސްޓްރީ އަށް އެނގުނީ އެ ޕްރޮޖެކްޓްގެ އެޑްވާންސް ފައިސާ އަށް 7.5 މިލިއަން ރުފިޔާ ހުއްދަކުރަން އެ ފަންޑުގައި އެދުމުން ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެކަން އެގޮތަށް ކުރެވުމުން އޯޕެކުން އެ ލޯނުގެ މުއްދަތު އިތުރުކޮށްދީ އެފައިސާ ދޫކުރަންދެން ފަހުން ދައްކާ ގޮތަށް ދައުލަތުގެ ބަޖެޓުން އައިމާ ކޮންސްޓްރަކްޝަނަށް އެފައިސާ ދީފައިވާ ކަމަށެވެ.

އޭގެފަހުން ލޯނުގެ މުއްދަތު އިތުރުކޮށް އޯޕެކުން އެ ފައިސާ ޖަމާކުރީ އެ ކުންފުނީގެ އެކައުންޓަށް ކަމަށާއި ނަމަވެސް އެ ފައިސާ އެއްކޮށް ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެ ފައިސާގެ ތެރެއިން އައިމާ ކޮންސްޓްރަކްޝަން އިން އަނބުރާ އެ މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ ތިން މިލިއަން ރުފިޔާ ކަމަށާއި ބާކީ 4.5 މިލިއަން ރުފިޔާ އެ ކުންފުނިން ދައްކަންޖެހޭ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެ ފައިސާ ދެއްކުމަށް ފިނޭންސް މިނިސްޓްރީން އެ ކުންފުނީގައި އެދިފައިވާ ކަމަށާއި ނަމަވެސް އެފައިސާ ޖަމާކޮށްފައި ނުވާތީ އެ ފައިސާ ހޯދުމަށް މާލިއްޔަތު ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފަ އެވެ.