14 Jun 2013, 22:40
ހުޅުމާލެގައި "މެޓްރޯ ސިޓީ" ބަހުގެ ހިދުމަތް ދޭން މިއަދު ފައްޓައިފި އެވެ. ހުޅުމާލެ އެޗްޑީސީ ޕާކްގައި މިރޭ ބޭއްވި ރަސްމިޔާތުގައި އެމްޓީސީސީން ދޭން ފެށި އާ ބަހުގެ ހިދުމަތް ރަސްމީކޮން ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
އެ ރަސްމިޔާތުގައި އެމްޓީސީސީގެ ސީއީއޯ ޑރ. އަހްމަދު އަދްހަމް އަބްދުﷲ ވިދާޅުވީ މިއަދު ހުޅުމާލެގައި ހިދުމަތްދޭން ފެށި ވޯލްވޯ 8400 މެޓްރޯ ސީޓީ ބަސްތަކަކީ ގަޑިއަކު 80 ކިލޯ މީޓަރު ބާރުމިނުގައި ދުއްވުމުގެ ގާބިލުކަން ލިބިފައިވާ ބަސްތަކެއް ކަމަށެވެ.
އަދި އެ ބަސްތަކަކީ އެކްސިޑެންޓްތައް ކުޑަކޮށްދޭ އަދި ބަލަހައްޓަން ފަސޭހަ އެއާކޯން ބަސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު މި ތައާރަފު ކުރަނީ އަތަށް ލުއި ހިތަށް ފަސޭހަ ތިމާވެއްޓަށް ރަހުމަތްތެރި ހިދުމަތެއްކަން ފާހަގަކުރަން،" ޑރ. އަދްހަމް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިޔާތުގައި އެމްޓީސީސީން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވައި ދެއްކެވި ވާހަކައިގައި އަދްހަމް ވިދާޅުވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރާ ހަވާލުވެވަޑައިގަތް އިރު، އެމްޓީސީސީއަކީ ދެމިއޮންނާނެ ކުންފުންޏެއްތޯ ސުވާލު އުފެދިފައިވާ ކަމަށާއި ނަމަވެސް މިހާރު އެމްޓީސީސީ އަށް ބޮޑެތި ކާމިޔާބީތަކެއް ހޯދަދީފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ހަވާލުވި އިރު އެމްޓީސީސީ އަށް 69 މިލިއަން ރުފިޔާގެ ގެއްލުންވެފައިވީ ނަމަވެސް މިދިޔަ އަހަރު ނިމުނު އިރު ސާފުފައިދާގެ ގޮތުގައި 24 މިލިއަން ރުފިޔާގެ ކުރިއެރުމެއް ހޯދުމަށް ފަހު ހިއްސާގެ ފައިދާ ބެހުމަށް ނިންމާފައިވާކަން އަދްހަމް ފާހަގަކުރެއްވެވި އެވެ.
"މިއަދު ޑރ. ވަހީދު ސަރުކާރުން، އާދެ އަޅުގަނޑުމެން މި ކުންފުންޏާ ހަވާލުވެ 12 މަސް ދުވަސް ތެރޭގައި މިވަނީ އެ ހާލަތު 12 މަސް ދުވަސް ތެރޭގައި މުޅިން ބަދަލުކޮށް، އެސްޓީއޯ ފަދަ އޭގްރޭޑްގެ ކުންފުނިތަކުން އެމްޓީސީސީ ޖާގަ ހޯދާފައި. އަދި މިދިޔަ އަހަރު ނިމުނު އިރު 24 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައި."
މިދިޔަ އަހަރުގެ ރަސްމިޔާތުގައި ރައީސް ޑރ. ވަހީދު ވިދާޅުވީ މިއަދު ފެށި ބަހުގެ ހިދުމަތް ދޭން ފެށުމާ އެކު 75.ލާރި ޓިކެޓުން ބޮޑުވާނެ ކަމަށެވެ.
ހުޅުމާލޭގައި މިހާރު ބަހުގެ ހިދުމަތް ދެނީ ކޮޅަކަށް ތިން ރުފިޔާގެ ރޭޓުންނެވެ.
ރައީސް ވިދާޅުވީ މެޓްރޯ ބަހުގެ ހިދުމަތްދޭން އެމްޓީސީސީން ފެއްޓުމުން މިއަދު ރަމްޒުކޮށްދެނީ އެމްޓީސީސީން ހޯދަމުން އަންނަ ކާމިޔާބީ ކަމަށާއި ރައްޔިތުންނާއި ސަރުކާރު ހިއްސާވާ އެފަދަ ބޮޑު ކުންފުންޏަކުން އެފަދަ ކާމިޔާބީ ހޯދުމަކީ އެކަމާ މެދު އުފާކުރަން ޖެހޭ ކަމެއް ކަމަށެވެ.