އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގައި މަތީ ތަޢުލީމަށް ދިއުމުގެ ފުރުސަތު 40 ޕަސެންޓަށް އިތުރު ކުރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ދިވެހި އިލްމުވެރިން: ދިވެހިންގެ ވިސްނުމުން ރާއްޖޭގެ އަސްދަނޑިން ބޭރަށް" އެ ނަމުގައި ކުރިއަށް ފަސް އަހަރަށް އެމްޑީޕީގެ ތައުލީމީ ސިޔާސަތު ރަސްމީކޮށް އިފުތިތާހު ކުރުމަށް ޅ. ނައިފަރުގައި މިއަދު އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެ އަށް ދިމާވެފައިިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި މަތީ ތަޢުލީމަށް ދިއުމުގެ ފުރުސަތު މަދުވުން ކަމަށެވެ. އެހެންކަމުން އެމްޑީޕީ ސަރުކާރެއްގައި މަތީ ތައުލީމަށް ދިއުމުގެ ފުރުސަތު ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކެކޭ އެއްފަދައިން އިތުރު ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުގައި މަތީ ތަޢުލީމަށް ދިއުމުގެ ފުރުސަތު އޮންނަނީ 80 ޕަސެންޓުގައި އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި މަތީ ތައުލީމަށް ދިއުމުގެ ފުރުސަތު އޮންނަނީ 60 ޕަސެންޓުގައި. އަޅުގަނޑުމެންގެ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަތީ ތަޢުލީމަށް ދިއުމުގެ ފުރުސަތު ދަށްވުން. އަޅުގަނޑުމެންގެ އެމްޑީޕީގެ އަމާޒަކީ އަޅުގަނޑުމެންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި މަތީ ތަޢުލީމަށް ދިއުމުގެ ފުރުސަތު ހަތަރު ޕަސެންޓުން 40 ޕަސެންޓަށް އިތުރު ކުރުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މަތީ ތައުލީމަށް ދެވޭނެ ފުރުސަތު ގާއިމު ކުރާނެ ކަމަށެވެ. އެގޮތުން މަތީ ތަޢުލީމަށް ދިއުމަށް ޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެންޕަސްތަކާއި ކޮލެޖްތައް ގާއިމް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށްގެން މަތީ ތަޢުލީމަށް ދިއުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވާލޭނެ ކަމަށާއި އެގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެމްޑީޕީގެ ވެރިކަމެއްގައި މަތީތަޢުލީމުގެ ފުރުސަތު ފުޅާކުރުމަށް ޓަކައި ހަޔާ އެޑިއުކޭޝަން ސޭވިން ސްކީމެއް ތައާރަފް ކުރާނަން. ފަސް އަހަރުގެ ތެރޭގައި އެ ސުކީމަށް 120 މިލިޔަން ރުފިޔާ ސަރުކާރުން ލާދޭނެ. އަދި ހަމަ އެހެންމެ އެމްޑީޕީން ކުރިއަށް އޮތް ފަސް އަހަރު، ޒުވާނުންނަށް މަތީ ތައުލީމު ހޯދުމަށް ލޯނާއި ސްކޮލަޝިޕް ދިނުމަށް 500 މިލިއަން ރުފިޔާގެ ސުކީމެއް ކަނޑައަޅާނަން. އެ ސުކީމުން 6،000 އަށް ވުރެ ގިނަ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ލިބިގެންދާނެ." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގެ ބޭންކުން ތައުލީމީ ލޯނުގެ ގޮތުގައި 188 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާނެ ކަމަށާއި އަދި ހާއްސަ ލޯން ސުކީމެއްގެ ދަށުން މެޑިކަލް ދާއިރާ އިން ކިޔެވުމަށް 2،000 ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ރާއްޖޭގައި މެޑިކަލް ކޮލެޖަކާއި ސްޕޯޓްސް ކޮލެޖެއް ވެސް ގާއިމް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މެރިޓައިމްގެ ދާއިރާ އިން މަތީ ތަޢުލީމަށް ދިއުމުގެ ފުރުސަތު އިތުރުކުރުމަށް ޓަކައި ރާއްޖޭގައި މެރިޓައިމް ޓްރޭނިން ސެންޓަރެއް ގާއިމް ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ރާއްޖޭގައި ޑިގްރީ ފެންވަރުގެ 300 ސައިންސް ޓީޗަރުންނާއި 300 ގުރުއާން ޓީޗަރުންނާއި ޑިގްރީ ފެންވަރުގެ 500 ނަރުހުންނާއި 200 ފާމަސިސްޓުން ތާމްރީން ކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެމްޑީޕީގެ ސަރުކާރެއްގައި މަތީ ތައުލީމުގެ އާ ސިޔާސަތެއް އިއުލާން ކުރެއްވި އިރު އެމްޑީޕީ ސަރުކާރުން 2011 ވަނަ އަހަރު ހިންގަން ކަނޑައެޅި 13.9 މިލިއަން ރުފިޔާގެ ބަޖެޓުން ތަމްރީނު ކުރަން ކަނޑައެޅި 8500 މީހުންގެ ތެރެއިން ތަމްރީން ކުރެވިފައި ވަނީ 259 މީހުން ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދުގެ ދޮޅު އަހަރު ނުވާ ސަރުކާރުން މަތީ ތައުލީމަށް މިދިޔަ އަހަރު 118 މިލިއަން ރުފިޔާ ކަނޑައަޅައި ގިނަ ބަޔަކަށް ވަނީ މަތީ ތައުލީމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި އެ ޕްރޮގްރާމަކީ 526 މީހުން ތަމްރީން ކުރުމަށް ކަނޑައެޅި ޕްރޮގްރާމެކެވެ. އަދި ވަހީދުގެ ސަރުކާރުން މި މަހު ވެސް ވަނީ 68 މިލިއަން ރުފިޔާގެ ޓާޝަރީ ލޯން ސްކީމެއް ތައާރަފުކޮށްފަ އެވެ. އެއީ 1000 ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ތައާރަފު ކުރި ޕްރޮގްރާމެއް ކަމަށް އެޑިޔުކޭޝަނުން ބުނެ އެވެ.