14 Jun 2013, 20:59
ހައްޖު ޖަމާއަތްތަކަށް ޑޮލަރު ވިއްކުމުން 13 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދާ ޖަމާއަތްތަކަށް 13.50 ރުފިޔާގެ ރޭޓުން ޑޮލަރު ވިއްކާފައިވާ އިރު ފިނޭންސް މިނިސްޓަރީން ޑޮލަރު ގަނެފައި ވަނީ 15.42 ރުފިޔާގެ ރޭޓުން ކަމަށެވެ.
ބޮޑުއަގުގައި ޑޮލަރު ގަތުމަށްފަހު އެއަށް ވުރެ ކުޑަ އަގެއްގައި ހައްޖު ޖަމާއަތްތަކަށް ޑޮލަރު ވިއްކުމުގެ ސަބަބުން ޑޮލަރުގެ އެކްޗޭންޖް ލޮސްގެ ގޮތުގައި 13،894،117ރ.ގެ ގެއްލުން ދައުލަތަށް ލިބިފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން އެކަމުގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފަ އެވެ.
ޖަމާއަތްތަކަށް ޑޮލަރު ހޯދައިދިނުމުގެ ކަންތައް ފިނޭންސް މިނިސްޓްރީން ކުރުމުގެ ބަދަލުގައި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަކީ އެންމެ އެދެވޭގޮތް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްކާފަ އެވެ. އަދި އެކަން ކުރަންޖެހޭނީ ދައުލަތަށް އެއްވެސްގޮތަކުން ގެއްލުން ނުވާގޮތަށް ކަމަށް ވެސް އޮޑިޓިޓް ރިޕޯޓުން ވަނީ ފިނޭންސް މިނިސްޓްރީ އަށް އަންގާފަ އެވެ.
މީގެއިތުރުން ދައުލަތުގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފަސް ކާރެއް ގަތުމުގައި ގަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ މައްސަލައިގެ ތަހުގީގު ނިންމަައި އެކަމުގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވޭ ފިނޭންސް މިނިސްޓްރީގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފަ އެވެ.