އެއްބަސްވެފައިވާ ގޮތުގެ މަތިން މުސާރަ ނުލިބޭ ކަމަށް ބުނެ އިއްޔެގެ ވަގުތެއްގައި ކުލަބް ވެލެންސިޔާއިން ރިލީޒް ހޯދި، ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޚްތާރު ނަސީރު (ޓޫކިލޯ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ސޮއި ކޮށްފި އެވެ.

މާޒިޔާގެ އިސް އޮފިޝަލެއް ސަންއާ ވާހަކަދައްކަމުން ބުނީ ޓޫކިލޯ އެކުލަބަށް ސޮއިކުރީ މިއަދުގެ ވަގުތެއްގައި ކަމަށާއި އަދި އޭނާ ސޮއިކުރީ މި ސީޒަންގެ ބާކީ އޮތްބައިގައި މާޒިޔާއަށް ކުޅުމަށް ކަމަށެވެ.

"މިއަދު، ޓޫކިލޯ މާޒިޔާއަށް ސޮއިކޮށްފި. އޭނާ މާޒިޔާއާ ގުޅުނީ މި ސީޒަންގެ ބާކީ އޮތްބައިގައި މާޒިޔާއަށް ކުޅެން،" މާޒިޔާގެ އޮފިޝަލް ބުންޏެވެ.

މި ސީޒަނަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން މާޒިޔާއަށް ގެނައި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު ހަސަން އަދްހަމް (ސަޑޭ)، މާޒިޔާ އެންމެ ފަހުން ކުޅުނު މެޗަށްފަހު އެކުލަބު ދޫކޮށް ބީޖީ ސްޕޯޓްސްއާއި ގުޅިފައިވާއިރު މީގެ ދެދުވަސް ކުރިން މާޒިޔާއިން ވަނީ ސީޒަންގެ ބާކި އޮތްބައިގައި ޓީމްގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ވެލެންސިޔާއަށް ކުޅުނު ބިދޭސީ ތިން ކުޅުންތެރިއަކުވެސް އެކުލަބަށް ގެނެސްފަ އެވެ.

މާޒިޔާގެ އޮފިޝަލް ބުނީ މިފަހަރުގެ ޓްރާންސްފާ ޕީރިއެޑްގެ ތެރޭގައި އެކުލަބަށް އިތުރު ޑިފެންޑަރެއް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު އަދި އެބަ މަސައްކަތް ކުރަން އިތުރު ކުޅުންތެރިއަކު ހޯދަން. އެއީ ގައުމީ ޓީމުގެ ޑިފެންޑަރެއް. އިރާދަ ކުރެއްވިއްޔާ އެކަންވެސް މިހާރު ހަމަޖެހެމުން ދަނީ،" މާޒިޔާގެ އޮފިޝަލް ބުންޏެވެ.

ޓޫކިލޯއަކީ ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް ކާމިޔާބު ކުރެވުނު ތާރީޚީ ލަނޑު އިންޑިޔާގެ ގޯލަށް ވައްދާލި ގައުމީޓީމުގެ ކުރީގެ މިޑްފީލްޑަރެވެ. އޭނާ ވެލެންސިޔާއިން ވަކިވީ އެކުލަބުން އޭނާއަށް ލިބެންޖެހޭ 170،000ރ، އެއްބަސްވުމާ އެއްގޮތަށް ކުލަބުން ދީފައި ނުވާކަމަށް ބުނެ އެވެ.