ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ވީބީ އައްޑޫ އެފްސީ އަތުން 2-0 ލަނޑުން މޮޅުވެ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބް ލީގު ތާވަލުގައި 15 ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.

ލީގުގައި މިހާތަނަށް ނިއު ކުޅުނު 12 މެޗް ކާމިޔާބު ކޮށްގެން އެކުލަބަށް ވަނީ 36 ޕޮއިންޓް ލިބިފަ އެވެ. އަދި ދެވަނަ ބުރުގައިވެސް ނިއުއަށް ބާކީ ދެމެޗު ކުޅެން އޮތްއިރު އެކުލަބާ އެންމެ ކައިރިން ވާދަކުރަނީ 21 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

މިއަދުގެ މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނިއުއަށް މެޗުގެ ކުރި ހޯދައިދިނީ 16 ވަނަ މިނިޓުގައި ޢަލީ އަޝްފާގް (ދަގޭ) އެވެ. އަދި ނިއުގެ ދެވަނަ ލަނޑު އެ ކްލަބަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 54 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މުޙައްމަދު އުމައިރު އެވެ.

ނިއުއަށް މިއަދުގެ މެޗުގައި ލަނޑުޖަހާނޭ ގިނަ އޯޕަން ފުރުސަތުތަކެއް ލިބި ބޭކާރު ވެފައިވާ ކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން ފަހުހާފުގެ ފަހު 20 ވަރަކަށް މިނިޓުގައި ނިއުއިން ވަނީ ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް ބޭކާރު ކޮށްލާފަ އެވެ.

މިއަދުގެ މެޗުން ބަލިވުމުން ވީބީ އަދިވެސް އޮތީ 9 ޕޮއިންޓާއެކު ތާވަލުގެ ފުލުގަ އެވެ. އަދި މިއަދުގެ ނަތީޖާއާ އެކު އެކުލަބު އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މިވަނީ ބަލިވެފަ އެވެ.

މިއަދުގެ މެޗަށްފަހު އޮތް ޕްރެސް ކޮންފަރެންސްގައި ވީބީގެ ކޯޗު މުޙައްމަދު ޝާހިދު ބުނީ، އެފްއޭއެމްގެ އަމަލުތައް ހުންނަގޮތުން އެކުލަބުން މީޑިޔާގައި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

"ހަގީގަތުގަ މިއަދުގެ މެޗާބެހޭ ގޮތުންވެސް އަދި އެހެން ކަމަކާ ބެހޭ ގޮތުންވެސް މި ޕްރެސް ބްރީފިންގައި ވީބީގެ ފަރާތުން އެއްވެސް އެއްޗެކޭ ބުނާކަށް ބޭނުމެއް ނުވޭ. ސަބަބަކީ އެންމެ ފަހު މެޗަށްފަހު ޕްރެސް ބްރީފިންގައި މެނޭޖަރާއި އެސިސްޓެންޓް ކޯޗު ދެއްކި ވާހަކައާއި ގުޅިގެން އެފްއޭއެމްއިން ވަނީ، ވީބީގެ މެނޭޖަރަށް އިންޒާރުގެ ނޯޓިސްއެއް ފޮނުވާފައި،" ޝާހިދު ބުންޏެވެ. "ޕްރެސް ބްރީފިންގައި ދައްކާ ވާހަކައާ ބެހޭ ގޮތުން އެކަހަލަ އެއްޗެހި އަންނަ ކަމަށް ވަންޏާ އަޅުގަނޑުމެން ބޭނުމެއް ނުވޭ ވާހަކަ ދައްކާކަށް. އެހެންވީމާ މިއަދުވެސް މިހިސާބުން ނިންމާލީ"

މިއަދުގެ މެޗާ ބެހޭގޮތުން ނިއުގެ އެސިސްޓެންޓް ކޯޗް މުހައްމަދު އިގްބާލް ބުނީ، މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށާއި ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައީ ކުޅުންތެރިން ކޮންސެންޓްޝަން ދައްވުމުން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ކުރީ ދުވަހުގެ މެޗާ އަޅާ ބަލާއިރު މިއަދުގެ މެޗުގައި ނިއުއިން ދެއްކި ކުޅުން މާބޮޑަށްވެސް ރަނގަޅު. މެޗުގައި ރަނގަޅަށް ސްކޯ ކޮށްލާނޭ ޗާންސްތަކެއް ލިބުނު. ދެން ވެދާނެ ގިނަ ލަނޑުތަކެއް ނުޖެހުނީ ކުޅުންތެރިންގެ ކޮންސެންޓްރޭޝަންވެސް ތަންކޮޅެއް ދަށީ ކަމަށް،" އިގްބާލު ބުންޏެވެ.

އިގްބާލު އިތުރަށް ބުނީ މިއަދުގެ މެޗަށް އެކުލަބު ނިކުތީ ތިން ޕޮއިންޓު ހޯދަން ކަމަށާއި އެހެން ކަމުން މެޗުގައި ގިނަ ލަނޑުތަކެއް ނުޖެހުނު ނަމަވެސް ބޭނުންވި ނަތީޖާ ހާސިލް ކުރެވިއްޖެ ކަމަށެވެ.

ލީގުގައި މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލު ކުރާނީ، ތާވަލުގެ ދެވަނައިގައި އޮތް މާޒިޔާއާއި ތާވަލުގެ ފަހަތުން ދެވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.