ޓޫރިޒަމް ޚިދުމަތްދޭ ހުރިހާ ތަނަކުން މި މަހުގެ ހަތެއްވާ އާދިއްތަ ދުވަހުގެ ކުރިން އިންލެންޑް ރެވެނިއު އޮތޯރިޓީ ގައި ރަޖިސްޓްރި ކޮށް ނިންމަން އެ އޮތޯރިޓީން އަންގައިފި އެވެ.


އެ އޮތޯރިޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ރިސޯޓު، ހޮޓެލް، ގެސްޓް ހައުސް، ޓޫރިސްޓު އުޅަނދުތަކާއި ޕިކްނިކް އައިލެންޑްތަކާއި އެފަދަ ތަންތަނުގައި ޓޫރިސްޓުންނަށް ޚިދުމަތްދޭ ފަރާތްތަކާއި ސްޕާތަކާއި ވޯޓާ ސްޕޯޓްސް ފެސިލިޓީޒްތަކާއި ދަތުރު ފަތުރު ރާވައި ހިންގުމުގައި ޓޫރިސްޓުންނަށް ޚިދުމަތްދޭ ފަރާތްތަކާއި އަދި ރާއްޖޭގެ އެތެރޭގައި ޓޫރިސްޓުންނަށް ދެވޭ ވައިގެ ދަތުރުފަތުރާއި ކަނޑުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ހުރިހާ ތަނަކުން އަންނަ އާދިއްތަ ދުވަހުގެ ކުރިން އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.


އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނީ ގާނޫނުގައިވާ ގޮތުގެ މަތީން ޓޫރިޒަމް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމަށް، ޓޫރިޒަމް ޚިދުމަތްދޭ އެންމެހާ ތަންތަން   އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ޖެހޭ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ފޯނު ކެމްޕެއިނެއް ވެސް ފަށާފައިވާ ކަމަށެވެ.


އަދި އެކަމަށްޓަކައި މަޓީ އާއި މަޓާޓޯ އަދި ލިވްއަބޯޑް އެސޯސިއޭޝަނާއި ގުޅިގެން ޓޫރިސްޓު ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އެ އޮތޯރިޓީގެ ކޯލް ސެންޓަރުން ޓޫރިޒަމް ޚިދުމަތްދޭ ފަރާތްތަކަށް ގުޅާ ރަޖިސްޓްރޭޝަނާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހިންގާ ކެމްޕެއިންގެ ދަށުން މިހަފްތާތެރޭ ހުރިހާ ފަރާތްތަކަށް ގުޅާ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.