ދެކުނު އެފްރިކާގެ މިނިވަންކަމުގެ ބާނީ އަދި އެގައުމުގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ސިއްހީ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެގައުމުގެ މިހާރުގެ ރައީސް ޖޭކޮބް ޒޫމާ ވިދާޅުވެއްޖެ އެވެ.

މިއަދު މަންޑޭލާ އެޑްމިޓްކޮށްފައިވާ ދެކުނު އެފްރިކާގެ ޕްރެޓޯރިއާ ހޮސްޕިޓަލަށް ޒިޔާރަތްކޮށް މަންޑޭލާގެ ހާލު ބެއްލެވުމަށް ފަހު ޒޫމާ ވިދާޅުވީ މަންޑޭލާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މަންޑޭލާ އަށް އަވަސް ޝިފާއަކަށް އެދި ދުއާކުރުމަށް ޒޫމާ ވަނީ ދެކުނު އެފްރިކާގެ ރައްޔިތުންނަށް ގޮވާލާފަ އެވެ.

ފުއްޕާމެ އަށް ޖެހިވަޑައިގެންފައިވާ އިންފެކްޝަނެއްގެ ސަބަބުން މިހާރު އުމުރުން 94 އަހަރުވެފައިވާ މަންޑޭލާ ޕްރެޓޯރިއާ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައި އޮންނަތާ މިހާރު ހަ ދުވަސް ވަނީ ވެފަ އެވެ.

އެ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓުގައި މަންޑޭލާ އަށް ފަރުވާ ދެމުންދާ އިރު، އަނބިކަނބަލުން ގުރަސާ މާޝެލްއާއި އާއިލާ ވެސް މިހާރު ޕްރެޓޯރިއާ ހޮސްޕިޓަލުގައި ގިނަ ވަގުތުތަކެއް ދަނީ ހޭދަކުރަމުން ނެވެ.