ޔޫރަޕުގެ މަތިންދާބޯޓު އުފައްދާ ކުންފުނި އެއާބަސްގެ އެންމެ ފަހުގެ މަތިންދާބޯޓު އެއާބަސް އޭ350 ފުރަތަމަ ފަހަރަށް ޓެސްޓް ދަތުރެއް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އެމެރިކާގެ މަތިންދާބޯޓު އުފައްދާ ކުންފުނި ބޮއިންގްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ބޮއިންގް 787 ޑްރީމްލައިނާ އާ ވާދައަށް އުފައްދާފައިވާ އޭ350 މަރުކާގެ އެއާބަހަކީ ފިއުލް އެފިޝެންޓް މަތިންދާބޯޓެއް ކަމުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަވެގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އޭ350 ގެ ފުރަތަމަ ޓެސްޓް ފްލައިޓް އުދުއްސާލާފައި ވަނީ އޭ350 އެސެމްބްލްކުރާ ފަރަންސޭސިވިލާތުގެ ޓޫލޫސް އެއާޕޯޓުން ނެވެ.

މިދަތުރުގައި އޭ350 އިން ވަނީ އެމަތިންދާބޯޓުގެ ބައެއް ސިސްޓަމްތައް ވައިގެ ތެރޭގައި ޓެސްޓްކުރުމަށް ފަހު އަނބުރާ ޓޫލޫސްގެ އެއާޕޯޓަށް ޖައްސާފަ އެވެ.

އިންޖީނު އުފައްދާ ދުނިޔޭގެ އެންމެ މަޝްހޫރު ކުންފުނި ރޯލްސް ރޮއިސްގެ ޓްރެންޓް އެކްސް-ޑަބްލިޔު-ބީ އިންޖީނު ބޭނުންކުރާ އެއާބަސް އޭ350 އަކީ ކުރީގެ ބޮޑެތި މަތިންދާބޯޓުތަކަށް ވުރެ 25 އިންސައްތަ މަދުން ތެޔޮ ބޭނުންކުރާނެ ބޯޓުތަކެއް ކަމަށް އެއާބަހުން ބުނެ އެވެ.

ބޮއިންގްގެ ޑްރީމްލައިނާއާ އެއްގޮތަށް އެއާބަސް އޭ350 ވެސް ފަރުމާކޮށްފައި ވަނީ ބަރުދަން ލުއިކުރުމުގެ ގޮތުން ކާބަން ކޮމްޕްސައިޓް މެޓީރިއަލް ބޭނުންކޮށްގެން ނެވެ.

މިއަންނަ އަހަރުގެ ފަހުކޮޅު އޭ350 ގެ ފުރަތަމަ މަތިންދާބޯޓުތައް ޑެލިވާކުރާނެ ކަމަށް އެއާބަހުން ބުނެފައިވާ އިރު މިހާތަނަށް އޭ350ގެ 600 މަތިންދާބޯޓަށް އެކިއެކި އެއާލައިންތަކުން އޯޑަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.