ތެހެރާން (ޖޫން 14): އީރާނުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފެށިގެން ކުރިޔަށް އެބަދެ އެވެ.

އީރާނުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން މިއަދު ފެށުނު ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް ރަޖިސްޓްރީ ކުރެވިފައިވަނީ 50 މިލިޔަން މީހުންނެވެ. އީރާނުގެ ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރެއްވުމަށް ހަމަޖެހިފައިވަނިކޮށް ދެ ކެންޑިޑޭޓަކު ވަނީ އެމީހުންގެ ނަން އަނބުރައި ގެންގޮސްފަ އެވެ. މިއަދު ފެށުނު އީރާނުގެ ރިޔާސީ ރޭހުގައި ވާދަކުރައް ވަނީ ހަ ކެންޑިޑޭޓުންނެވެ.

މީގެތެރޭގައި ހިމެނެނީ އީރާނުގެ ވެރިކަމުގެ ނިޒާމަށް އިސްލާޙީ ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވަކާލާތުކުރާ އިސްލާޙީ ފިކުރުގެ ކެންޑިޑޭޓަކާއި އިސްލާޙީ ފިކުރާ އިދިކޮޅު ކޮންޒަވެޓިވް ޚިޔާލުގެ ފަސް ކެންޑިޑޭޓުންނެވެ. އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިންމަދުވެގެން 50.1 އިންސައްތަ މީހުންގެ ވޯޓު ލިބެންޖެހޭ އިރު މިއަށް ވުރެ މަދުން ވޯޓުލިބިއްޖެ ނަމަ އެންމެ ގިނައިން ވޯޓުލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހޭނެ ކަމަށް އީރާނުގެ ޤާނޫނު ބުނެ އެވެ.

އީރާނުގެ ރިޔާސީ ރޭހުން ފާބައި ވަޑައިގެންނެވި ދެކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކީ އިސްލާޙީ ފިކުރުގެ ބޭފުޅެއް ކަމަށްވާ މުޙައްމަދު ރިޒާ ޢާރިފެވެ. އަނެއް ކެންޑިޑޭޓަކީ ކޮންޒަވެޓިވް ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށްވާ ޣުލާމް ޢަލީ ހައްދާދެވެ. މި ދެ ބޭފުޅުން ވެސް ނަން އަނބުރައި ގެންދެވީ އެބޭފުޅަކު ނިސްބަތްވާ ފިކުރުގެ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު ބޮޑުކޮށްދިނުމުގެ މަޤްސަދް ގަ އެވެ.

އީރާނުގެ ރިޔާސީ ރޭހުގައި ވާދަވެރިކަން އޮތީ އިސްލާޙީ ފިކުރާއި ކޮންޒަވެޓިވް ފިކުރަށް ނިސްބަތްވާ ބޭފުޅުންގެ މެދުގައި ކަމަށްވާއިރު އީރާނުގެ އާބާދީގެ ބޮޑު ބައެއް އިސްލާޙީ ފިކުރަށް ތާއީދުކުރާ ކަމަށްވެ އެވެ. ރިޔާސީ އިންތިޚާބު ފެށުނުއިރު އިސްލާޙީ ފިކުރަށް ތާއީދުކުރާ ހުރިހާ ފަރާތްތައް ވަނީ އެފިކުރު ތަމްޘީލްކުރާ ހަމައެކަނި ކެންޑިޑޭޓް ހަސަން ރޫޙާނީގެ ފަހަތުގަ އެވެ. ނަމަވެސް ކޮންޒަވެޓިވް ފިކުރަށް ތާއީދުކުރާ ފަރާތްތައްވަނީ ބައިބައިވެފަ އެވެ. ކޮންޒަވެޓިވް ފިކުރުގެ ފަސް ކެންޑިޑޭޓަކު ރިޔާސީ ރޭހުގައި ވާދަކުރައްވާތީ އެއް ކެންޑިޑޭޓެއްގެ ފަހަތުގައި ތިބުމަށް ކޮންޒަވެޓިވް ފަރާތްތައް ވަނީ ނުކުޅެދިފަ އެވެ. (ނޫސްއެޖެންސީތައް)