ކައިވެންޏަކަށް ފަހު، ހާއްސަކޮށް ދަރިން ލިބުމުން ބައިވެރިޔާ އާއި އެކީގައި ހޭދަ ކުރެވޭ ވަގުތު މަދުވެގެންދެއެވެ. ދެ މީހުންވެސް އިސްކަމެއް ދެނީ ދަރިންނަށެވެ. ދެމީހުން އެކީގައި އެކަނި ވަގުތު ހޭދަކުރަން އެހާ އިސްކަމެއް ނުދެވެއެވެ. މިހެން ވުމުން ދެމީހުންގެ ދެމެދުގައި ފާރެއް ލެވި ނޭނގި ތިއްބައި ދެމީހުންގެ ގުޅުން ހީނަރުވެގެންދެ އެވެ.
ނަމަވެސް ވިސްނަންވީ މުހިއްމު ކަމަކީ ތިމާގެ ބައިވެރިޔާ އަށް ވަގުތު ނުދެވި އެކީގައި ހޭދަ ކުރާ ވަގުތު މަދުވެގެން ގޮސް އެއްގޮތަކަށް ވެސް ވަގުތު ހޭދަ ނުކުރެވޭނަމަ ދުވަސްކޮޅަކުން ދެމީހުންނަމީ ނުދަންނަ ދެމީހުނަށް ވެގެންދާނެ ކަމެވެ. ދަރިންނަށް ދޭ އިސްކަން ބައިވެރިޔާ އަށް ނުދެވޭނަމަ ބައިވެރިޔާ ގެއްލިގެން ވެސް ހިނގައިދާނެ ކަމެވެ. މިއީ ވަރަށް ގިނަ ކައިވެނިތައް ރޫޅޭ ސަބަބެކެވެ.

ދެމީހުން އެކީގައި ވަގުތު ހޭދަ ކުރާނަމަ، ދެމީހުންގެ ދެމެގުގައި އޮންނަ ގުޅުން ބަދަހިވެ، ލޯބި އާލާވެ، ހިތްހަމަ ނުޖެހޭ ކަންތަކާއި ހިތްހަމަޖެހޭ ކަންތަކާ މަޝްވަރާ ކުރެވި، ކައިވެނި ބާއްޖަވެރި ކުރެވޭނެއެވެ. ހަނދާން ބަހައްޓަން ވާނީ ދަރިން ބޮޑުވަމުން އަންނަ އިރު ކޮންމެ ކަމެއްވެސް އެންމެ ފުރަތަމަ އުނގެނި ގަންނަނީ ގޭތެރެއިން ކަމުން އެ ކުދިންގެ މައިންބަފައިންނަކީ އުފާވެރި އަދި ލޯބިން އުޅޭ ދެމީހުން ކަމުގައި ވާނަމަ އެކުދިންނަށް ވެސް މި އާދަތައް ދަސްވާނެ ކަމެވެ. އެކުދިންވެސް ކައިވެންޏަށް ފަހު އެކުދިންގެ ބައިވެރިޔާއަށް ވަގުތުދީ ކައިވެނި ދަމަހައްޓަން މަސައްކަތް ކުރާނެ ކަމެވެ.

ދެމަފިރިން އެކީގައި ވަގުތު ހޭދަ ކުރަން ބޭނުން ނަމަ އެންމެ ފަސޭހަ އަދި އާއްމު ގޮތަކީ ދަރިންބަލަން މީހަކު ބެހެއްޓުމެވެ. ނަމަވެސް ދަރިފުޅު ބަލަން މީހަކު ގެނައުމަކީ ވަރަށް ބޮޑު ޚަރަދެއްގެ އިތުރުން އެތައް އުނދަގޫ ތަކެއް ހިމެނޭ ކަމެއް ވެސް މެއެވެ. އެހެން ކަމުން މި އާޓިކަލް ގައި ހަރަދު ކުޑަކޮށް ފަސޭހައިން ދެމަފިރިން އެކީގައި ވަގުތު ހޭދަ ކުރެވިދާނެ ބައެއް ކަންތައް ހިމަނާލާނަމެވެ.

• އަލަށް ބައްދަލުވާ ގޮތަށް ބައްދަލުކޮށްލާށެވެ.
ދެމީހުން އެކީ ކެއުމަކަށް ނުވަތަ ކޮފީއަކަށް ދާން ހަމަޖައްސާށެވެ. ނަމަވެސް ކެއުމަށް ދާނީ ދެމީހުން އަލަށް ދިމާވާ ދެމީހުން ގޮތުގައެވެ. ދަރިން ގޮވައިގެން އުޅެމުން ވަގުތު ދޭން އުނދަގޫ ވެދާނެއެވެ. ނަމަވެސް މެންދުރުގެ ކެއުމަކަށް ހަމަޖެއްސުމުން އެކީ ބޭރަށް ދާން ފަސޭހަ ވެދާނެ އެވެ. ދެމީހުން ވެސް އުޅެނީ ވަޒީފާގައި ނަމަ ޑައިރީ ނުވަތަ ކަލަންޑަރުގައި މި ދުވަސް ފާހަގަކޮށް ކުރީބައިގައި އެޕޮއިންޓްމަންޓެއް ގޮތަށް ފާހަގަ ކޮށްލާށެވެ. އަދި ކާންދާން ބޭނުންވާ ރެސްޓޯރަންޓުން ވެސް ކުރީބައިގައި ރެޒަވޭޝަން ހެއްދިދާނެއެވެ. ދެމީހުން ވެސް މި ކެއުމަށް ދާންވާނީ ރީތި ހެދުމެއްގައި އަލަށް މީހަކާ ބައްދަލުވާހެން ރީތިވެލައިގެންނެވެ. އެދުވަހުގެ އެ ވަގުތު ކޮޅަކީ ވަޒީފާގެ ނުވަތަ ގޭގެ ނުވަތަ އާންމު ދިރިއުޅުމުގެ ވާހަކަދައްކައި އެކަމާ އުޅެންވީ ވަގުތެއް ނޫން ކަމުގައި ހެދުމަށް މަސައްކަތް ކުރަންވާނެ އެވެ. ހާއްސަކޮށް ފޯނު ދުރުގައި ބާއްވާލާށެވެ. އެންމެ އެއްގަޑި އިރު ތިމާ އިނދެގެން އުޅޭ އަނބި ނުވަތަ ފިރިމީހާ އަށް ދިނުމަކީ ކުރެވިދާނެ ކަމެކެވެ. ކާން ތިބޭ އިރު އަލަށް ބައްދަލު ވެގެން އުޅޭއިރު ދައްކާ ކަހަލަ ވާހަކަ ދައްކާށެވެ. އުފާވެރި މަޖާ ވާހަކަތައް، ދެމީހުން ވަރަށް ކުރަން ބޭނުން ވެގެން އުޅޭ ކަމެއް ނުވަތަ ކޮށްފައިވާ ކަންތައްތަކުގެ ވާހަކަ ހިއްސާ ކޮށްލާށެވެ. މި ކެއުމުގައި ތިމާގެ ބައިވެރިޔާ އާއި ބެހޭ ގޮތުން އާ ކަންތައްތަކެއް އެނގިގެން ވެސް ހިނގައިދާނެއެވެ.

• ގޭގައި ރޭނގަޑެއްގެ ވަގުތު އެކީ ހޭދަކޮށްލާށެވެ.
މިއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ބަންދު ރެޔަކާ ދިމާކޮށް ތަންކޮޅެއް އަވަހަށް ދަރިން ނިންދަވަން އަރުވާށެވެ. ދެމީހުންވެސް ބަލާ ހިތްވާ ނުވަތަ އެންމެ ފަހުގެ ފިލްމެއް ގެނެސް ގޭގައި އަޅުވާށެވެ. ޕޮޕްކޯން ނުވަތަ ޕިއްޒާއެއް ނުވަތަ ދެމީހުން ވެސް ކާ ހިތްވާ ކަހަލަ ކާއެއްޗެއް ފިލްމް ބަލާގަޑީގައި ކައިލުމަށް ހަދާލާށެވެ. އަތުގައި އޮތް ރީތި ހެދުމެއް ލައި ތިމާގެ ބައިވެރިޔާ ހިތްއެދޭ ގޮތަށް ރީތި ވެލުމަށް ފަހު ދެމީހުން އެކީ އުފާވެރި ރެއެއް އިންސާފު ކޮށްލާށެވެ.

• އެކީގައި ދަތުރަކު (ޗުއްޓީއެއްގައި) ގޮސްލާށެވެ.
ނަމަވެސް ދަތުރު ރާވާއިރު ދަތުރު ދާ ތަނުގައި ކުޑަކުދިން ބަލާ ތަނެއް "ކިޑްސް ކްލަބް" ނުވަތަ "ބޭބީސިޓަރސް" ހުރި ރިސޯޓެއް ނުވަތަ ހޮޓަލެއް އިހްތިޔާރު ކުރާށެވެ. އޭރުން އާއިލީ ވަގުތުގެ އިތުރުން ދެމީހުން އެކީގައި އުފާވެރި ލޯބި ވަގުތު ކޮޅެއް ހޭދަކޮށްލަން ފުރުސަތު ލިބޭނެއެވެ.

• ހާއްސަ ދުވަސްތައް އެކީގައި ހޭދަކޮށްލާށެވެ.
ދެމީހުންގެ އެނިވާސަރީ ކަހަލަ ހާއްސަ ދުވަހެއް އައިސްފި ނަމަ، އެކީގައި ވަގުތު ހޭދަކުރުން ކޮންމެހެން ވެސް މުހިއްމެވެ. އެއީ ދެމީހުންނަށް ވެސް ލިބޭ ވަރަށް އުފާވެރި ދުވަހެކެވެ. އެހެން ކަމުން އެ ދުވަހު ދެމީހުން އެކީ ކުރަން ހާއްސަ ކަމެއް ރާވާލާށެވެ. މަންމަ ނުވަތަ އާއިލީ މީހެއްގެ އެހީ ހޯދައި ދަރިން ކައިރީ މަޑުކުރަން އެދެވި ދާނެއެވެ. މި ދުވަހު ދެމީހުން ވެސް އެކުގައި ކުރަން ވަރަށް ބޭނުން ވެފައިވާ ކަމެއް ކޮށްލާށެވެ. ދޭ ހަދިޔާ އަށް ވުރެ އެކީ ހޭދަކުރާ ލޯބި ލޯބި ވަގުތުކޮޅުގެ މުހިއްމުކަން އަސްލު މާ ބޮޑުވާނެ އެވެ.

މަތީގައި މި ބަޔާން ކޮށްލީ ބައިވެރިޔާ އާއި އެކީގައި "ވަކީން" ލޯބި ވަގުތު ކޮޅެއް ހޭދަ ކޮށްލެވިދާނެ ބައެއް ގޮތްތަކެވެ. މި ނޫނަސް އެތައް ފުރުސަތެއް އެތައް ގޮތްތަކެއް ހުންނާނެ އެވެ. މުހިއްމީ އަގު ބޮޑު ރެސްޓޯރެންޓަކަށް ދިއުމެއް ނޫނެވެ. އަދި 24 ގައި އިރު އެކީ ހޭދަ ކުރުމެއް ވެސް ނޫނެވެ. ނަމަވެސް ދެމީހުން ވެސް ވިސްނަން ވާނީ ދަރިން ލިބުނަސް ތިމާ ލޯބިވާ ބައިވެރިޔާ މަތިން ހަނދާން ނައްތައި ނުލުމަށެވެ. އެކީގައި ވަގުތު ހޭދަކުރުމަށް ދެމީހުން ވެސް މަސައްކަތް ކުރަން ވާނެއެވެ. ކައިވެނި ބާއްޖަވެރިކޮށް އުޖާލާކޮށް އުފާވެރި ކުރަން ދެމީހުންގެ ވެސް އުފަލާ ހިތްހަމަޖެހުން މުހިއްމެވެ.