މޫނުގައި ބްލެކް ހެޑްސް ނެގުމުން އެއިން ސަލާމަތްވާން އެންމެ ފުރަތަމަ ކުރެވޭ ކަމަކީ އެ ބްލެކް ހެޑް ފިއްތާލައިގެން ފަޅައިލުމެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރުމުން މޫނުގައި ލަކުނުލައެވެ. އަދި މޫނުގެ ހަންގަނޑު ހަލާކުވެ އެވެ. ދެން އޮތީ އަގުބޮޑު ޕްރޮޑަޓްސް ގަނެގެން ހޭކުމެވެ. ނުވަތަ ސެލޫނަކަށް ދިއުމެވެ. ނަމަވެސް މިއީ ވެސް ކޮންމެ ފަހަރަކު ފަސޭހަ ކަމެއް ނޫނެވެ. އަދި ހަރަދު ބޮޑުވެސް ގޮތެކެވެ. އެހެން ކަމުން މި އާޓިކަލް ގައި މި ބަލައިލަނީ އަމިއްލަ އަށް ގޭގައި ބްލެކް ހެޑްސް އިން ސަލާމަތް ވެވޭނެ ބައެއް ގޮތްތަކަށެވެ. މިއީ އަތުން އިތުރު ހަރަދު ނުހިނގައި ވަގުތު ބޭކަރު ނުކޮށް ފަސޭހައިން ކޮށްލެވޭނެ ކަންތަކެވެ.

1. ސްޓީމް ކުރުން (އާވި އެރުވުން)
ބްލެކް ހެޑްސް ނައްތާލުމަށް އެންމެ ރަނގަޅު އަދި ފައިދާކުރުވަނިވި ގޮތަކީ ސްޓީމް ކުރުމެވެ. ހޫނުފެން ކެއްކުމަށްފަހު ތައްޓަކަށް އަޅައިފައި މޫނު އެ ތައްޓާއި ދިމާއަށް ތިރިކޮށްގެން 15 ވަރަކަށް މިނިޓް ހުންނާށެވެ. އާވި ބޭރު ނުކުރުމަށް މޫނު އަދި ތަށި ފޮރުވޭ ގޮތަށް ބޯމަތީ ތުވާއްޔެއް އެޅިދާނެއެވެ. އާވީގެ ދުމުން މޫނުގައި ހުންނަ ވަޅުތައް (ޕޯރސް) ހުޅުވޭނެއެވެ. އޭރުން ބްލެކް ހެޑްސް ނައްތާލަން ފެސޭހަ ވާނެއެވެ.

2. ބިހުގެ ހުދުބައި ބޭނުން ކުރުން
މިވެސް ވަރަށް އާންމު އަދި ފަސޭހަ ފަރުވާއެކެވެ. ބިހުން ބިހުގެ ލޮނދި ވަކިކޮށް ހަމައެކަނި ހުދުބައި ގިރާލާށެވެ. އަދި މި ޕޭސްޓް މޫނުގައި ވަކިން ހާއްސަކޮށް ބްލެކް ހެޑްސް ހުރި ތަންތާގައި ހާކާށެވެ. 10 ނުވަތަ 15 މިނިޓް ބެހެއްޓުމަށްފަހު ތާފަނާ ފެނުން ދޮވެލާނެވެ. މި ޓްރީޓްމަންޓް ނަގާ ދުވަހު އިތުރު އެހެން އެއްވެސް ބްލެކް ހެޑްސް ކްރީމެއް ބޭނުން ނުކުރާށެވެ.

3. އޯޓްމީލް ޕައުޑަރ ފިނިފެނާއި (ރޯސްވޯޓަރ) އެއްކޮށް ޕޭސްޓެއް ތައްޔާރު ކޮށްލާށެވެ. ތައްޔާރު ކުރެވުނު ޕޭސްޓް މޫނުގައި ހޭކުމަށްފަހު 15 ނުވަތަ 20 މިނިޓް ބަހައްޓާފައި މޫނު ދޮވެލާށެވެ.

4. ބޭކިންސޯޑަރ އިން މޫނުގައި 20 ވަރަކަށް މިނިޓް ސްކްރަބް ކުރުމަށްފަހު ތާފަނާ ފެނުން މޫނު ދޮވެލާށެވެ.

5.މާމުއި ކުޑަކޮށް ހޫނުކޮށްލުމަށްފަހު މޫނުގައި ހާކާފައި 15 ވަރަކަށް މިނިޓް ބަހައްޓާށެވެ. އަދި އޭގެ ފަހުން މޫނު ދޮވެލުމުންވެސް ބްލެކް ހެޑްސް އިން ސަލާމަތްވާން ވަރަށް ބޮޑު އެހީއަކަށް ވެދެއެވެ.

6. ހަކުރު ކޮޅަކަށް ލުނބޯހުތް ކޮޅެއް ފިތާލުމަށް ފަހު މޫނު، ހާއްސަކޮށް ނޭފަތް މަތި އަދި ކޮލުގައި ސްކްރަބް ކޮށްލާށެވެ. މި ޓްރީޓްމަންޓުން ބްލެކް ހެޑްސް ނައްތާލައި މޫނުގައި މަރުވެފައި ހުންނަ ހަންތައް ނައްތައިލައި މޫނުގެ ކުލަ އަލިކޮށް ސާފުކޮށްދޭނެ އެވެ.

7. އަލުއްވެއް ފަޅިކޮށްލައިފައި 15 މިނިޓް ވަންދެން މޫނުގައި ހާކާށެވެ. ހާކާނީ ބޮޑަށް ނޭފަތް މަތި، ކޯ އަދި ދަތް ދޮޅި ހިމެނޭ ހިސާބު ގައެވެ. އެއަށްފަހު ހިކެންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.


8. ދެ ސައިސަމުސާ ޔޯގަޓް އަދި އެއް ސައިސަމުސާ ލުބޯހުތާއި އެއްކޮށްލުމަށްފަހު މޫނުގައި ހާކާށެވެ. 15 ނުވަތަ 20 މިނިޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ.

9. ޓޮމާޓޯއެއް ޗަސް ކޮށްލުމަށްފަހު މޫނުގައި ހާކާފައި 20 މިނިޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު މޫނު ދޮވެލާށެވެ.

10. ވިޓަމިން ސީ މާސްކް
ވިޓަމިން ސީ ގައި ހިމެނޭ އެންޓި ބެކްޓީރިއަލް މާއްދާ އަކީ ޖަރާސީމާއި ހަމުގައި ހުންނަ އިމްޕިއުރިޓީސް ނައްތާލަން އެހީވެދޭ އެއްޗެކެވެ. އެހެން ކަމުން މި މާސްކް ގެ ސަބަބުން ބްލެކް ހެޑްސް އިން ސަލާމަތް ވެވޭނެ ފުރުސަތު ވަރަށް ބޮޑެވެ. މި މާސްކް ތައްޔާރު ކޮށްލަން ވެސް ވަރަށް ފަސޭހަ ވާނެއެވެ. އޮރެންޖު ތޮށި ގާނާފައި އޭގެ ދެ މޭޒުމަތީ ސަމުސަލާއި، އެއް މޭޒުމަތީ ސަމުސާ ފެނާއި އެއްކޮށްލާށެވެ. އޭރުން ހުންނާނީ ޕޭސްޓެއް ހެދިފަ އެވެ. މޫނުގައި ހަލާކުވެފައި ނުވަތަ ބްލެކް ހެޑްސް ނަގާފައި ހުރި ތަންތަނުގައި މި ޕޭސްޓް ހޭކުމަށްފަހު 15 މިނިޓް ބަހައްޓާށެވެ. އެއްއަށްފަހު މޫނު ދޮވެލާށެވެ. ބިހުން ހަދާ މާސްކް އާއި މި ވިޓަމިން ސީ މާސްކް އެއްދުވަހެއްގައި ބޭނުން ނުކުރާށެވެ.

އަބަދުވެސް ހަނދާން ބަހައްޓާށެވެ. އަވަހަށް ރަނގަޅު ކުރަންށޭ ހިތާ ހުރިހާ އެއްޗެއް އެއްދުވަހު ބޭނުން ކުރުމުން މޫނުގެ ހަންގަނޑު ހަލާކުވާނެ އެވެ. އެހެން ކަމުން ކޮންމެ ޓްރީޓްމަންޓެއް ބޭނުން ކުރިއަސް ކުރަންވާނީ ވަކިން ވަކީން އެކި ދުވަހުއެވެ. އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ހަމާ ގުޅޭ އަދި އެންމެ ފައިދާ ކުރާ ޓްރީޓްމަންޓެއް އިހްތިޔާރު ކުރުމަށްފަހު އެ ޓްރީޓްމަންޓް ނެގުމެވެ. ހަފްތާ އަކު ތިން ދުވަސް ނުވަތަ ދެ ދުވަސް ނުވަތަ އެއް ދުވަހަށް ބަހާލައިގެން ޓްރީޓްމަންޓް ނެގިދާނެއެވެ. ކޮންމެ ޓްރީޓްމެންޓެއް ނެގި ކަމުގައި ވިއަސް ފެށުމުގެ ކުރިން ސްޓީމް ކުރުމުން މޫނުގައި ހުންނަ ވަޅުތައް ހުޅުވި ބޭނުންކުރާ ޓްރީޓްމަންޓުން ލިބޭ ފައިދާ އިތުރުވާނެ އެވެ. ބޭނުން ކުރާ ކޮންމެވެސް އެއް ޓްރީޓްމެންޓެއް ބޭނުން ކުރުމުން ލިބޭ ފައިދާ ފެންނަން ފަސޭހަ ވާނެއެވެ.

މި އާޓިކަލްގައި ބުނެފައި އެވާ ގޮތްތަކުގެ އިތުރުން ވެސް ބްލެކްހެޑްސް ނައްތާލަން ކުރެވިދާނެ އިތުރު ގޮތްތައް ހުންނާނެ އެވެ. ނަމަވެސް އެންމެ މުހިއްމު ކަމަކީ މޫނު ސާފުކޮށް ބެހެއްޓުމެވެ. އޭރުން ބްލެކްހެޑްސް އުފެދުން ދުރުކޮށްދޭނެ އެވެ. އެހެން ކަމުން ހެނދުނާއި ރޭގަނޑު މޫނު ދޮވެ، މޮއިސްޗަރައިޒް ކުރަން އަބަދުވެސް އާދަ ކުރާށެވެ. އޭގެ އިތުރުން ގިނަ ގިނައިން ފެން ބޯންވާނެއެވެ. ފެން ބުއިމުން އެތެރެ ހަށިން ހަށިގަނޑު ސާފު ކޮށްދޭނެ އެވެ.