14 Jun 2013, 09:47
ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމަކީ ބައިނަލް އަގުވާމީއެތައް މުއާހަދާތަކަކުން މަނާކޮށްފައިވާ ކަމެކެވެ. އަދި އެ މުއާހަދާތަކުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ސޮއިވެސް ކޮށްފަ އެވެ.
ކުޑަކުދިންނަށް އިހާނެތިކޮށް ހިތުން ހުއްޓުވުމަށް އެއް ބަޔަކު ގަދައަޅައި މަސައްކަތް ކުރި ނަމަވެސް އަނެއް ބަޔަކު ދަނީ އެކުދިންނާ މެދު އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ގޮތުގައި އަމަލުކުރަމުންނެވެ. މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އދ.ގެ އެޖެންސީ "އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން" ( އައިއެލްއޯ) އިން އަންދާޒާކުރާ ގޮތުގައި ދުނިޔޭގައި މިހާރު ވެސް 10.5 މިލިޔަން ކުދިން ލައްވާ އަންނަނީ ވަރަށް އިހާނެތި ހާލަތްތަކުގައި މަސައްކަތް ކުރުވަމުންނެވެ.
ދުނިޔޭގައި ބޮޑުވެފައިވާ މިމައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން އައިއެލްއޯ އިން ވަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 12 ވަނަ ދުވަހަކީ "ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުން ހުއްޓުވުމަށް މަސައްކަތްކުރާ ދުވަހު"ގެ ގޮތުގައި ފާހަގަ ކުރަން ނިންމާފަ އެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި 10.5 މިލިޔަން ކުދިން ލައްވާ މަސައްކަތް ކުރަމުންދާ ކަމަށް އައިއެލްއޯއިން އަންދާޒާ ކުރެ އެވެ. އަދި އެ ކުދިން މަސައްކަތް ކުރަމުން ދަނީ ވަރަށް ނިކަމެތި ހާލަތްތަކުގައި އަދި ބައެއް ފަހަރު "އަޅުން"ގެ ގޮތުގައި ކަމަށް އެޖަމާއަތުގެ ހޯދުންތަކުން ވަނީ އެނގިފަ އެވެ.
އައިއެލްއޯ ބުނާ ގޮތުގައި ދުނިޔޭގެ ހުރިހާ ބައްރެއްގެ ގައުމުތަކުގައި ވެސް ކުޑަކުދިން ލައްވާ މައްސަކަތް ކުރުވަ އެވެ. އަދި އެހުރިހާ ގައުމެއްގައި ވެސް ގިނަ ކުދިން ތަކެއް ލައްވައި މަސައްކަތް ކުރުވަމުން ދަނީ ވަރަށް އަނިޔާވެރި ގޮތުގައި މަޖުބޫރުކޮށްގެންނެވެ.
ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުން ހުއްޓުވަން އައިއެލްއޯ އިން ހިންގާ ޕްރޮގްރާމްގެ ޑައިރެކްޓަރް ކޮންސްޓެންސް ތޯމަސް ވިދާޅުވާ ގޮތުގައި ސާފުކުރުމާއި އިސްތިރިކުރުމާއި ކެއްކުމާ ބަގީޗާ ބެލެހެއްޓުމާ ކުދިން ބެލުމާއި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުން ފަދަ އެތައް ކަމެއް ކުޑަކުދިން ލައްވާ ކުރުވަ އެވެ.
"ޖިސްމާނީ، ނަފުސާނީ އަދި ޖިންސީ އަނިޔާއާއި ގޯނާ އަށް އެ ކުދިން ހުށަހޮޅިފައިވާކަން އަޅުގަނޑުމެންނަށް އެނގޭ. އެ ކުދިން ވަނީ އެ ކުދިންގެ އާއިލާތަކާ ވަކިކޮށްފައި، މަސައްކަތް ކުރަން ޖެހޭ ތަންތަނުގެ ބާވަތުން އެކުދިން ވަނީ އާއްމުންގެ ލޯތަކަށް ފަރުދާ ވެފައި، އެގޮތަށް ކަންތައް ވަނީ އެކުދިން ލައްވާ މަސައްކަތްކުރާ ގޭބިސީތަކަކީ މިނިވަން ކަން ބޮޑު މީހުންގެ ގޭބިސީތަކަށް ވާތީ، ބައެއް ކުދިން އެންމެ ފަހުން ވިޔަފާރީގެ ގޮތުގައި ޖިންސީ ގޮތުން ބޭނުންކުރެވޭ ކުދިންނަށް ވާކަމުގެ ހެކި އެބަހުރި،" ތޯމަސް ވިދާޅުވި ކަމަށް ވޮއިސް އޮފް އެމެރިކާ ބުންޏެވެ.
ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމަކީ އެކުދިންގެ އިންސާނީ ހައްގުތައް ނަގާލުމުގެ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ތޯމަސް ސިފަކުރައްވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާ މީހުން އެކުދިންނަށް ހުސްވަގުތެއް ނުދީ ގިނަ އިރު މަސައްކަތް ކުރުވަ އެވެ. އަދި އެކުދިން ނުރައްކާތެރި ކެމިކަލްތަކުގެ ތެރޭގައި ވެސް މަސައްކަތް ކުރަން ޖައްސާ އިރު އަނިޔާކުރުމާއި ފުރައްސާރަކުރުން ފަދަ އެތައް ކަމެއް އެކުދިންނާ ދެކޮޅަށް ހިންގާ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.
ސީދާ އަޅުވެތި ކަމުގައި މަސައްކަތް ކުރަނީ 10.5 މިލިޔަން ކުދިން ކަމަށް ވިޔަސް ދުނިޔޭގައި ފުލްޓައިމްކޮށް މަސައްކަތް ކުރާ 18 އަހަރުން ދަށުގެ ކުދިންގެ ޖުމްލަ އަދަދު 215 މިލިޔަނަށް އަރާނެ ކަމަށް އައިއެލްއޯއިން އަންދާޒާ ކުރެ އެވެ.
ދުނިޔޭގެ އެކި ސަރައްހަދުތަކުގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރާ ނިސްބަތަށް ބަލާއިރު ސަބްސަހާރަން އެފްރިކާ ސަރަހައްދުގައި އުމުރުން ފަސް އަހަރާ 17 އަހަރާ ދެމެދުގެ ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކު ލައްވާ މަސައްކަތް ކުރުވަ އެވެ. އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގައި އެއުމުރުގެ ކޮންމެ އަށް ކުއްޖަކުން އެއް ކުއްޖަކު ލައްވާ މަސައްކަތް ކުރާ އިރު ލެޓިން އެމެރިކާ ސަރަހައްދުގައި ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކު ލައްވާ މަސައްކަތް ކުރުވަ އެވެ.
ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާ މިންވަރު ބެލުމަށް ތަފާސް ހިސާބު ރަނގަޅަށް އެއްކުރުމަށާއި އެކަން މަނާކުރާ މުއާހަދާތައް ތަންފީޒު ކުރުމަށް އައިއެލްއޯ އިން އިއްޔެ ވަނީ ގޮވާލާފަ އެވެ.