14 Jun 2013, 00:12
އައްޑު އަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ޔުނިވަސިޓީއެއް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
"ގައުމައިގެން ކުރިއަށް" ކޯލިޝަނުން މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއެއް އައްޑޫ ސިޓީ އަށް ގެންދިއުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ޔުނިވާސިޓީ ހިންގުމަށް އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ދިނުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮންވެންޝަން ސެންޓަރަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން އިނގިރޭސި ވިލާތުގެ ފެންވަރު ރަނގަޅު ޔުނިވާސިޓިއެއް އިރާދަކުރެއްވިއްޔާ މި ސިޓީގައި ވަރަށް އަވަހަށް ގާއިމްކުރެވޭނެ،" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މާލަސްތަކެއް ނުވެ ހިތަދޫގައި ގާއިމްކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށާއި އަދި ހެރެތެރެ ހިންގުމަށް އިތުރު ފަރާތަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ޖުލައި މަހުގެ ތެރޭގައި އައްޑޫގައި 300 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭނެ ކަމަށާއި އަދި އައްޑޫގެ ގަން އެއާޕޯޓް ހިއްކާ ކުންފުނިން އައްޑޫގެ 70 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. އަދި ގަން އެއާޕޯޓަކީ އައްޑޫ އެއާޕޯޓްގެ ތަރައްގީގެ ނާރިސް ކަމަށާއި އެ އެއާޕޯޓް ވަރަށް އަވަހަށް ތަރައްގީވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ވަހީދުގެ ވާހަކަފުޅުގައި ވަނީ އައްޑުގައި ޓްރާންސްޝިޕް ޕޯޓެއް ގައިމްކުރުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޑރ. ވަހީދު ވިދާޅުވީ ތިން އަހަރުގެ މާޒީއާއި 30 އަހަރުގެ މާޒީ އަށް ދިވެހި ރައްޔިތުން ދިއުމަށް ބޭނުންނުވާ ކަމަށާއި އެހެންކަމުން އިތުރު ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. އަދި މިގައުމަކީ ވަކި ބައެއްގެ ތަރިކައެއް ނޫން ކަމަށް ރައީސް ވަހީދު ވަނީ މިރޭގެ ޖަލްސާގައި ވަނީ ވިދާޅުވެފަ އެވެ.