01 Nov 2010, 11:19
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 19 އަހަރުގެ ޒުވާނަކަށް ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ފުލުހުން ބޮޑެތި އަނިޔާތަކެއްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ޑީއާރްޕީން މިޑިޔާގެ ސަމާލު ކަމަށް ގެނެސްފި އެވެ.
ޑީއާރްޕީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަހުލޫފު ވިދާޅުވީ ގދ. މަޑަވެލީ ހިޔާ، ޝަމްލޫ މުހައްމަދު ހައްޔަރުކޮށް ފުލުހުން އަނިޔާކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގައި ކަމަށެވެ. އެކަން ޑީއާރްޕީ އަށް އެނގި ކަށަވަރުވުމާ އެކު އެ ހާދިސާ މިޑިއާގެ ސަމާލު ކަމަށް ގެނައީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީއާރްޕީގެ ނޫސް ކޮންފަރެންސްގައި ފުލުހުންގެ ކިބައިން އަނިޔާ ލިބުނު ކަމަށް ބުނާ ޝަމްލޫ ވެސް ބައިވެރިވި އެވެ.
އޭނާ ބުނީ ފުލުހުން އޭނާ ހިފަހައްޓައި ހައްޔަރު ކުރީ ހުޅުމާލޭގައި ލައިންސަންސް ނެތި ސައިކަލް ދުއްވަނިކޮށް ކަމަށާއި ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށް ފަހު ކަނު ބަނދެ ކްރޮސްކޮށް (އަތަކާއި ފައިއެއްކޮށް ބިޑިއެޅުވުން) ބިޑިއެޅުވުމަށް ފަހު އެނާގެ ގައިގައި ތެޅީ ބަޔާން ނެގުމަށް ފަހު ދޫކޮށްލަނީ ކަމަށް ބުނެ ބޭރަށް ނެރެފައި އަލުން ވެއްދުމަށް ފަހު ކަމަށެވެ.
ޝަމްލޫ ބުނީ އޭނާ ދޫކޮށްލުމަށް ފަހު އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބޮޑީ ޗެކަޕެއް ހަދަން ޖެހޭ ކަމަށް ބުނެ ކަމަށާއި އެތެރެއަށް ވައްދައި ހަށިގަނޑު ފާސް ކުރުމަށް ފަހު އެއްވެސް އެއްޗެއް ނުފެނުމުން އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށް ފޯމެއްގައި ސޮއިކުރުވި ކަމަށެވެ.
"ސޮއިކުރީމާ އަޅުގަނޑު އެތެރެއަށް ވައްދައި ކަނު ބަނދެފައި ކްރޮސްކޮށް ބިޑި އެޅުވީ. އެގޮތަށް ދެގަޑި އިރު ބާއްވައި، އަށް މީހުން ވެގެން ބިޑި މަތީގައާއި ގައިގައި ބޫޓުން ތެޅީ،" އޭނާ ބުންޏެވެ.
ޝަމްލޫގެ ދެ އަތުކުރި އާއި ފައިގައި ބިޑި އަޅުވައި އަނިޔާ ކުރި ކަމަށް ބުނާ ނިޝާންތައް ކަނޑާ ވަދެފައި ހުއްޓެވެ. އަދި ދަތްދޮޅިން ތަންކޮޅެއް ފަޅައިގެން ގޮސްފައި ހުރުމުގެ އިތުރުން ވެސް އެފަދަ ބައެއް ނިޝާންތައް ހަށިގަނޑުގައި ހުއްޓެވެ.
ޝަމްލޫ ބުނީ އޭނައަކީ ދުވަހަކު ވެސް ކުށެއްކޮށް ރިކޯޑެއް އޮތް މީހެއް ނޫން ކަމަށާއި އަދި ލައިސަންސް ނެތި ސައިކަލް ދުއްވަނިކޮށް ހައްޔަރު ކުރުމުން ވެސް ފުލުހުންގެ އެއްވެސް އަމުރަކަށް ނުކިޔަމަންތެރިވެފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު ސުވާލު ކުރިން ކީއްވެގެންތޯ އަނިޔާކުރީ. އެބޭފުޅުން އެއަކަށް ޖަވާބެއް ނުދޭ،"
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މަހުލޫފު ވިދާޅުވީ ޝަމްލޫގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރާނީ ކޮން އިރަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ޝަމްލު އަށް ދީފައިވާ މެޑިކޯ ލީގަލް ރެކޯޑުން ވެސް އޭނާ ފުލުހުން އަނިޔާކޮށްފައިވާ ކަން އެނގޭ ކަމަށް ޑޮކްޓަރު ބުނެފައިވެ އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ފުލުހުންގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ހިނގާފައިވާ ނަމަ ފުލުހުންނަށް ހުށަހެޅުމުން އެކަން ތަހުގީގު ކުރާނެ ކަމަށާއި އަދި އެފަދަ މައްސަލައެއް އޮތް ނަމަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ފުލުހުން އެދޭ ކަމަށެވެ. ޑީއާރްޕީން ފެންމަތިކުރިވި ހާދިސާއާ ބެހޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.