13 Jun 2013, 23:48
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
މަންދު ކޮލެޖްގައި މިރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެކިއެކި ނަންނަމުގައި ކޮންމެ ދުވަހަކު ރައީސް ވަހީދު އެމަނިކުފާނުގެ ކެމްޕޭނަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކެމްޕޭނަށް ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އެ ވަހީދު އެގެންދަވަނީ ހުރަސް އަޅަމުން. ޖޭއެސްސީން ހިންގާ މަސައްކަތްތަކުގެ ނަމުގައި އެގެންދަވަނީ ހުރަސް އަޅަމުން. ފުލުސް އޮފީހުން ހިންގާ މަސައްކަތްތަކުގެ ނަމުގައި އެގެންދަވަނީ ހުރަސް އަޅަމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ފަހުން އެމްޑީޕީގެ މެންބަރުންނަށް ހަމަނިދި ނުނިދޭ ކަމަށާއި އެ ޕާޓީގެ އެތައް ބަޔެއްގެ މައްޗަށް ރައީސް ވަހީދު ގެންދަވަނީ ދައުވާ ކުރައްވަމުން ކަމަށެވެ.
ރައީސް ވަހީދުގެ އަމަލުތައް ހުރިގޮތުން އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން އެޕާޓީގެ ސަޕޯޓަރުންގެ "ޖަޒުބާތުގައި ޖެހުމުން" އެމްޑީޕީން އެމަނިކުފާނުގެ ކެމްޕޭނަށް ހުރަސްއަޅަމުން ގެންދާ ކަމަށް ރައީސް ވަހީދު ވިދާޅުވަމުން ގެންދަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައިވާ އިރު ރައީސް ވަހީދުގެ ކޯލިޝަނުން އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ކެންޕޭން ދަތުރުތަކުގެ ތެރެއިން ރޭ ގދ. ތިނަދޫ އަށް ރައީސް ވަހީދާއި އެމަނިކުފާނުގެ ކޯލިޝަން ޓީމް ވަޑައިގަތުމުން އެމްޑީޕީގެ ދިދަތަކެއް ހިފައިގެން ނުކުމެ އެމްޑީޕީ ސަޕޯޓަރުންތަކެއް ވަނީ ރައީސް ވަހީދާ ދެކޮޅަށް ޝުއޫރު ފާޅުކޮށް ރައީސް ވަހީދަށް ހުރަސްއަޅުއްވައިފަ އެވެ.
ތިނަދޫގައި ރޭ އެމްޑީޕީގެ ސަޕޯޓަރުން ރައީސް ވަހީދާ ދެކޮޅަށް ޝުއޫރު ފާޅުރަން ނުކުމެ އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި އެކި މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އަދި ފުވައްމުލަކަށް ރައީސް ވަހީދު ވަޑައިގަތުމުން ވެސް އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެމަނިކުފާނާ ދެކޮޅަށް ނުކުމެ ކެމްޕޭނަށް ހުރަސްއަޅައިފަ އެވެ.