ޖަޕާނުގެ ސޮނީ ބްރޭންޑްގެ "ޓްރައިލުމިނަސް" ޓެކްނޯލޮޖީ ހިމަނައިގެން އެ ކުންފުނިން 2013 ވަނަ އަހަރަށް ނެރުނު، 12 ވޯޓުގެ ޑީސީ ކަރަންޓުން ބޭނުން ކުރެވޭ އާ ބްރާވިއާ ޓީވީގެ މޮޑެލްތައް ރީފްސައިޑުން މިއަދު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

ސޮނީ ބްރާވިއާ ޓީވީގެ ޓީވީގެ 2013 ވަނަ އަހަރުގެ ލައިންއަޕް ތައާރަފް ކުރުމަށް ސޮނީ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ، ރީފްސައިޑުން މިއަދު ހަވީރު ޓްރޭޑާސް ހޮޓެލްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، މޯލްޑިވްސް ކޮމިއުނިކޭޝަން އޮޓޯރިޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އިލްޔާސް އަޙްމަދު ވިދާޅުވީ، ރީފްސައިޑަކީ ރާއްޖޭގެ ބާޒާރަށް އިލެކްޓްރޯނިކްސްގެ އޮރިޖިނަލް އެކި ބްރޭންޑްތަކުގެ އާ މޮޑެލްތައް ގެނައުމުގައި އަބަދަވެސް އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމަށާއި އަދި ސޮނީ ބްރޭންޑުން ރީފްސައިޑާ ގުޅިގެން ރާއްޖޭގެ ބާޒާރަށް އެ މަރުކާގެ އެންމެ ފަހުގެ އުފެއްދުންތައް ގެނެސްދޭތީ އެ ދެފަރާތަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ސޮނީ ސިންގަޕޫރުން ރާއްޖެ އަށާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ މެނޭޖަރު ސްޓޭންލީ ޓޭން ވިދާޅުވީ، ސޮނީ އިން އަބަދުވެސް މަސައްކަތްކުރަނީ އެ ވަގުތެއްގައި ބާޒާރުގައި ލިބެން ހުންނަ އެންމެ ފެންވަރު ރަނގަޅު އަދި ކަސްޓަމަރުންގެ ބޭނުންވާ ގޮތަށް ތައްޔާރުކުރެވިފައިވާ އުފެއްދުންތަކަކީ ސޮނީގެ އުފެއްދުންތަކަށް ވުން ކަމަށާއި އެގޮތުން މިފަހަރު ވެސް އެކުންފުނިން ބާޒާރަށް ނެރުނީ އެފަދަ މޮޅު އަދި ބޭނުންތެރި އުފެއްދުމެއް ކަމަށެވެ.

"ސޮނީގެ ޓީވީ ޓެކްނޯލޮޖީން މިފަހަރު އުފައްދާފައި މިވަނީ، އޭސީ އަދި ޑީސީ ޕަވާއިން ބޭނުން ކުރެވޭ ޓީވީއެއް. ވަކިވަކިން އޮންނަ ރަށްތަކެއްގައި ދިރިއުޅޭ ބަޔަކަށް، އަދި ހާއްސަކޮށް ކަރަންޓުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ބޭނުންވާ އެފަދަ ކަންތައް ނުކޮށް ތިބޭ ފަރާތްތަކަށް ސޮނީއިން މިވަނީ، މަގު ފަހިކޮށް ދީފައި،" ސްޓޭންލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސޮނީ އިން އަބަދުވެސް ވަމުންގެންދާ ވައުދަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މިފަދަ ފުރިހަމަ އުފެއްދުންތަކެއް ފޯރުކޮށް ދިނުން ކަމަށާއި އެގޮތުން ސޮނީގެ އިންޖިނިއަރުންނާއި އެހެނިހެން މާހިރުން ހޯދާފައިވާ އެންމެ ފަހުގެ އީޖާދުތަކުގެ އެހީގައި މިފަހަރު ބާޒާރަށް ނެރުނު ޓީވީއަކީ މީގެ ކުރިން ފެނިފައި ނުވާ ފަދަ، ކުލަތައް ރީތިވެފައި ތަސްވީރުތައް ވަރަށް ބޮޑަށް ސާފު ޓީވީއެއް ކަމަށެވެ.

ސޮނީ ބްރާވިއާ ޓީވީގެ 2013 ވަނަ އަހަރުގެ ލައިންއަޕްގައި ހިމެނޭ ހާއްސާ ގާބިލް ސިފަތަކުގެ ތެރޭގައި ހިމެނޭ "ޓްރައިލުމިނަސް ޑިސްޕްލޭ"އަކީ ފަހުގެ އެލްއީޑީ ހައިޑެފިނިޝަން ޑިސްޕްލޭ ތަކާއަޅާ ބަލާ އިރު ހާސްގުނަ ސާފު އަދި ކުލަތައް ފުރިހަމަ ކޮށް ދައްކުވައިދޭ ޑިސްޕްލޭ އެކެވެ. އަދި އެކްސް-ރިއާލިޓީ ޕްރޯ، ތްރީޑީ ޓްރައިލުމިނަސް ޑިސްޕްލޭ އެކުލެވޭ އެ ޓީވީއަކީ "ވަން-ޓަޗް މިރަރިން ވިތު އެންއެފްސީ" ފައި ޝެއަރިން ޓެކްނޯލޮޖީ ހިމަނައިގެން އުފައްދާފައިވާ ޓީވީ އެކެވެ. އަދި ޓީވީގެ އަޑު ރީތި ކުރުމަށް ބޭނުން ކޮށްފައިވަނީ، މެގްނެޓިކް ފުލުއިޑް ސްޕީކަރު ނިޒާމެކެވެ.

ރީފްސައިޑުގެ ސޮނީ ބްރޭންޑް މެނޭޖަރު ޙަސަން ރިފާއު ވިދާޅުވީ އެކުންފުނިން މިއަދު ރާއްޖޭގެ ބާޒާރަށް ނެރުނު ސޮނީ ބްރާވިއާ ޓީވީ 2013ގެ ލައިންއަޕްގައި ހިމެނޭ ޓީވީތަކުގެ އަގު އުޅޭނީ ގާތްގަނޑަކަށް 9000ރ. އާއި 65000ރ. އާއި ދެމެދުގެ އަގުތަކެއްގައި ކަމަށެވެ.

މިއަދުގެ އެ ހަފްލާގައި، އެ ހަފްލާގެ ބައިވެރިވި ފަރާތްތަކުގެ މެދުގައި ލަކީޑްރޯއެއް ވެސް ބޭއްވި އެވެ. އެގޮތުން ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތްތަކަށް ދިން އިނާމުތަކުގެ ތެރޭގައި އެއްވަނަ އިނާމަކަށް ސޮނީ ބްރާވިއާ އާ ޓެކްނޯލޮޖީ ހިމެނޭ 32 އިންޗީގެ ޓީވީއަކާއި ދެވަނަ އަށް އައި ފަރާތަށް ތިން މަސްދުވަހުގެ ސަބްސްކްރިޕްޝަން ފީ ހިލޭ ލިބޭ ފުލްއެޗްޑީ އިންޓަނެޓް ޑީކޯޑަރަކާއި އަދި ތިން ވަނަ އަށް ހޮވުނު ފަރާތަށް އެންއެފްސީ ވަޔަލެސް ސްޕީކަރު ސިސްޓަމެއް ހިމެނެ އެވެ.