ކަނޑުމަތީ ދުއްވާ އުޅަނޑުފަހަރަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބޭ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

"މެރިން އިކުއިޕްމެޓް ޓުރޭޑާސް"ގެ ނަމުގައި މ. އޮމަދު ބަނދަރު ގޭގޭ ފުރަތަމަ ފުލޯޔާއި ދެވަނަ ފުލޯގައި ހުޅުވި އެ ފިހާރަ ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބް އެވެ.

މެރީން އިކުއިޕްމެންޓްގެ ޑިރެކްޓަރު އަހުމަދު އަޒްމީލް "ސަން" އަށް ވިދާޅުވީ އެފިހާރައަކީ ކުރިން އެކުންފުނީގެ ފަރާތުން ހިންގި ފިހާރާގެ ބަދަލުގައި ހުޅުވާފައިވާ ފިހާރައެއް ކަމަށާއި އެފިހާރަ އިން ކަނޑުމަތީ އުޅަނދު ފަހަރަށް ބޭނުންވާ ޒަމާނީ ސާމާނުތަކުން ފެށިގެން ހުރިހާ ސާމާނެއް ވެސް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ މި ރާއްޖޭގައި ހުރި އެންމެ ރަނގަޅު ބުރޭންޑްތައް ވިއްކާ ފަރާތް، އޭގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބުރޭންޑްތައް ވެސް ހިމެނޭނެ،" އަޒްމީލު ވިދާޅުވި އެވެ.

މިރޭ އެ ފިހާރަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވަނީ އެ ކުންފުނީގެ ފަރާތުން އެމްއެންޑީއެފް އަށް 340،000ރ.ގެ ރޭމެރީން ތާމަލް ކެމެރާއެއް ހަދިޔާކޮށްފަ އެވެ. އެމްއެންޑީއެފްގެ ފަރާތުން އެ ކެމެރާއާއި ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު ނާޒިމް އެވެ.