13 Jun 2013, 21:56
އައްޑޫ ސިޓީގެ ފޭދުން މީދު އަށް މިއަދު ދަތުރު ކުރި ފެރީއަކުން ކަނޑަށް ފުންމާލި ޒުވާން އަންހެން ކުއްޖަކު އެ ދޯނީގައި ހުރި ސިފައިންގެ މީހަކު ސަލާމަތްކޮށްފި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ފަސް ރަށުން ހުޅުމީދު އަށް ދަތުރު ކުރާ، އެމްވީކޭ ފެރީން މިއަދު ކަނޑަށް ފުންމާލީ 15 އަހަރުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާ ސަލާމަތް ކުރީ އެ ފެރީގައި ހުރި ސިފައިންގެ މީހެއް ކަމަށް އެމްވީ ފެރީގެ ކައްޕި އިބްރާހީމް އަހުމަދު ވެސް ބުންޏެވެ.
އެ ފެރީގެ ކޮޅުފަސްކޮޅުގައި ތިބި މީހުންނާ ހަވާލާދީ އޭނާ ބުނީ ހުޅުދު އަށް ނިސްބަތްވާ އެ ކުއްޖާ ކަނޑަށް ފުންމާލީ ކަމަށާއި އަދި އެ ކުއްޖާ ކަނޑަށް ފުންމާލިކަން އެ ދޯނީގައި ތިބި މީހުންނަށް އެނގުމާ އެކު ލައިފްޖެކްޓާ އެކު ކަނޑަށް ފުންމާލައިގެން އެ ކުއްޖާ ސަލާމަތް ކުރީ ކަމަށެވެ.
އޭނާ ބުނީ އެ ކުއްޖާ މިހާރު އޮތީ ހުޅުދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި ކަމަށާއި އޭނާ ކަނޑުން ނެގި އިރު ވަރަށް ބޮޑަށް އަކުނިވަޔަށް ދަމައިގަނެފައިވާ ކަމަށެވެ.
އެމްއެންޑީއެފުގެ މީޑިއާ އޮފިސަރު އަބްދުއްﷲ އަލީ ވެސް މިރޭ ވިދާޅުވީ އެ ހާދިސާ މިއަދު ހަވީރު ހިނގި ކަމަށާއި އެ ކުއްޖާ ސަލާމަތް ކުރީ ސިފައިންގެ ޓްރޭނިން ބެޗެއް ހިންގަން އެކޮޅުގައި ހުރި ސިފައިންގެ ބޭކަލެއް ކަމަށެވެ.