މަޝްހޫރު ދީނީ އިލްމުވެރިޔާ އިބްރާހީމް ފަރީދު އަހްމަދާ ބެހޭގޮތުން އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އިބްރާހީމް ފައުޒީ ދައްކާފައިވާ ވާހަކަތަށް އަލް މިންހަޖު ޖަމްއިއްޔާ އިން ކުށްވެރިކޮށްފި އެވެ.

އެ ޖަމްއިއްޔާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޝެއިޚު ފަރީދު އާ ގުޅޭގޮތުން އިސްލާމިކް ފައުންޑޭޝަންގެ ރައީސް ބ. ތުޅާދޫ ބާޑްވިލާ އިބްރާހީމް ފައުޒީ މީޑިއާތަކަށް ދީފައިވާ މައުލޫމާތުތަކަކީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި އެވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ފަރީދަކީ ރާއްޖޭގެ ގިނަ ރައްޔިތުންގެ ލޯތްބާއި އިޚްތިރާމް ލިބިފައިވާ ދީނީ އިލްމުވެރިއެއް ކަމަށްވާއިރު ފަރީދުއާ ބެހޭގޮތުން އިބްރާހީމް ފައުޒީ މީޑިއާތަކަށް ދޮގު މައުލޫމާތުތައް ދީފައި ވަނީ އޭނާގެ އަގުވައްޓާލުމަށް ކަމަށެވެ.

ޝެއިޚު ފަރީދުއާއި ޝެއިޚު އާދަމް ޝަމީމް އިބްރާހީމްއާ ބެހޭގޮތުން ފައުޒީ ދޮގުވާހަކަތަކެއް ދައްކަމުން ގެންދާ ކަމަށާއި އެހެންކަމުން އެ ދެ ބޭފުޅުންގެ ކިބައިން މައާފަށް އެދި ތައިބާވުމަށް ވެސް އެޖަމްއިއްޔާ އިން ވަނީ ފައުޒީ އަށް ގޮވާލައްވާފަ އެވެ.

ޝެއިޚް ފަރީދު އާއި އިސްލާމިކް ފައުންޑޭޝަންގެ ނައިބު ރައީސް މުހައްމަދު ފައުޒީ ވަނީ އިބްރާހީމް ފައުޒީ އެ ދެ ބޭފުޅުންނާ ބެހޭގޮތުން މީޑިއާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އަބުރުގެ ދައުވާ ކޮށްފަ އެވެ. އެ ދެ ބޭފުޅުން ސިވިލް ކޯޓުގައި އެދިފައި ވަނީ އަބުރާއިބެހުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 3،045،000ރ. އޭނާގެ އަތުން ނަގައިދިނުމަށެވެ.