13 Jun 2013, 18:12
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ރަތަފަންދޫ ކައުސިލް އިދާރާއާއި އެރަށު މެޖިސްޓްރޭޓް ކޯޓަށް ގެއްލުންދިން ކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ހަތަރު މީހަކު އެއް އަހަރަށް އަރުވާލަން ހުކުމް ކޮށްފި އެވެ.
އެ ހަތަރު މީހުން އަރުވާލަން ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައި ވަނީ އިއްޔެ އެވެ. އެ މީހުން އަރުވާލަން ހުކުމް ކޮށްފައި ވަނީ ދައުލަތުން އެ މީހުންގެ މައްޗަށް ކުރި ޣައިރު ގާނޫނީ އެއްވުމަކުން ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އަށް އެމީހުން އިންކާރު ކުރިނަމަވެސް ހެކީންގެ ހެކިބަހުން އެ ކުށް ސާބިތުވާތީ ކަމަށް ރަތަފަންދޫ ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.
ދައުލަތުގެ މުދަލަށް ގެއްލުންދިން ކަމުގެ ކުށް ސާބިތުވި މީހުންނަކީ ގދ. ރަތަފަންދޫ ނައިޓްރޯސް އަސްވަދު ޒާހިރުއާއި އެރަށު މާޖެހިގޭ ވާސިފު ވަހީދު އާއި ފަރިޔާދުގޭ ތަންސީނު ޝާކިރު އާއި ދިއުޝަން ވާޖިދު އަބުދުއްރައްޒާގު އެވެ.
ރަތަފަންދޫ ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ 7:00 ހާއިރު އެ ހަތަރު މީހުން އިތުރު ބަޔަކާ އެކު ލަޓިބުރިތަކެއް ހިފައިގެން ރަތަފަންދޫ ކައުންސިލް އިދާރާ ކައިރިއަށް އެއްވެ އެތަނުގެ ބޭރުގައި ހަރުކޮށްފައި ހުރި ލައިޓްތަކަށް ގެއްލުން ދީފައިވާ ކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ލައިޓުތަކަށް ގެއްލުން ދިނުމަށް ފަހު ކައުންސިލް އިދާރާގެ ބޮޑު ދޮރު ހަލާކުކޮށްލައިގެން އެތެރެއަށް ވަދެ އެތަނުގައި ހުރި ކޮމްޕިއުޓަރު ސިސްޓަމްތަކަށް ގެއްލުންދީ އަދި އެރަށު ކޯޓު ތެރެއަށް ވަދެ އެ ހަތަރު މީހުން ކޯޓުގެ މުދަލަށް ގެއްލުންދީފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.
ފެބްރިއަރީ އަށް ވަނަ ދުވަހު ރަތަފަންދޫގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ޖުމްލަ ނުވަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފަ އެވެ. އޭގެތެރެއިން ހަތަރު މީހެއްގެ މައްޗަށް ހުކުމް ކޮށްފައިވާއިރު އެހެން ގަޒިއްޔާއަކުން ދެންތިބި މީހުންގެ މައްޗަށް ހުކުމް އިއްވާނެ ކަމަށް ވެސް ރަތަފަންދޫ ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ހުކުމް ނުކޮށް ތިބި މީހުންގެ ތެރޭގައި ރަތަފަންދޫ ކައުންސިލް މެންބަރު ފަތުހުﷲ އަހުމަދު ވެސް ހިމެނެއެވެ.