13 Jun 2013, 17:52
މި ޖޫން ރާއްޖޭގައި ބޭއްވި އިންޓަޕޯލްގެ 12 ވަނަ ކޮންޓެކްޓް އޮފިސަރުންގެ ބައްދަލުވުމާއި މިޑްލް އީސްޓް އަދި ނޯތު އެފްރިކާގެ ކޮންޓެކްޓް އޮފިސަރުންގެ އަށް ވަނަ ބައްދަލުވުން ނިންމާލައިފި އެވެ.
ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ކޮންވެންޝަން ރޫމްގައި މި މަހުގެ 10 އިން 12ގެ ނިޔަލަށް ބޭއްވި މި ބައްދަލުވުމުގައި ދުނިޔޭގެ 23 ގައުމަކުން 42 މަންދޫބަކު ބައިވެރިވެފައިވާ އިރު މި ބައްދަލުވުމުގައި ބައިވެރިވި ކޮންމެ ގައުމަކުން ވެސް ކަންޓްރީ ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާފައިވެ އެވެ.
މި ޕްރެސެންޓޭޝަންތަކުގައި އިންޓަޕޯލްގެ އެހީތެރިކަމާ އެކު ގައުމުތަކުން ކުރިއަށް ގެންގޮސްފައިވާ ކާމިޔާބު އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތުތަކާއި ގައުމަތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތުތައް ހިއްސާކޮށް މަޝްވަރާކޮށްފައިވެ އެވެ.
ރާއްޖެ އިން ރިޔާސަތު ބެލެހެއްޓި އިންޓަޕޯލްގެ މި ބައްދަލުވުމަށް ރާއްޖޭގެ ފަރާތު ންވެސް ވަނީ ކަންޓްރީ ރިޕޯޓެއް ހުށަހަޅާފަ އެވެ. އެގޮތުން ރާއްޖެއިން ހުށަހެޅި ކަންޓްރީ ރިޕޯޓްގައި މޯލްޑިވްސް ޕޮލިސްގެ ސަވިސް އާއި ބެހޭ މައުލޫމާތުތަކުގެ އިތުރުން ފުލުހުންނާއި އިންޓަޕޯލް ގުޅިގެން ހިންގާފައިވާ ތަފާތު އޮޕަރޭޝަންތަކާއި ހޯދާފައިވާ ކާމިޔާބުތަކުގެ މައްޗަށް ބަލާލާފައިވެ އެވެ.
މި ބައްދަލުވުމުގައި ސަބަބުން އެއްގައުމެއް އަނެއްގައުމާއި މިހާރަށް ވުރެ ބޮޑަށް ގުޅުން ބަދަހިވެގެން ދިޔުމުގެ އިތުރުން ބޮޑެތި ޖިނާއީ ކުށްތައް މަދުކުރުމަށްޓަކައި ހުރިހާ ގައުމެއް އެއް ވިސްނުމެއްގައި މަސައްކަތްކުރުމާއި ދޭދޭ ގައުމުތަކުގައި ހިންގާ އޮޕަރޭޝަންތައް ހިންގުމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން މިހާރަށް ވުރެ ބޮޑަށް ފޯރުކޮށްދީ ޖިނާއީ ބޮޑެތި ކުށްތަކުގައި ހޯދަން ޖެހޭ ފަރާތްތައް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސިދާނެ ކަމަށް މަޝްވަރާ ކުރެވުނެވެ.
މީގެ އިތުރުން އެކި ގައުމުތަކުގެ ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް އިންޓަޕޯލް މެމްބަރު ގައުމުތަކުން ތަމްރީންގެ ފުރުސަތުތައް ހޯދުމަށް މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުން އިތުރު ފަސޭހަތަކެއް ވެގެންދާނެ އެވެ.
މިބައްދަދުލުވުމުގެ ސަބަބުން ރާއްޖޭގެ ފުލުހުންނާއި އިންޓަޕޯލް މެމްބަރު ގައުމުތަކުގެ ތެރެއިން ތަފާތު ދާއިރާތަކުގެ ކޮންޓެކްޓް އޮފިސަރުންނާއި ބައްދަލުވެ، އެމީހުންނަކީ ކޮންބަޔެއްކަން އެނގި މިހާރަށް ވުރެ ބޮޑަށް މެމްބަރު ގައުމުތަކާއި، ހާއްސަކޮށް އޭޝިޔާގެ ގައުމުތަކުގެ ކޮންޓެކްޓް އޮފިސަރުންނާއި އޮންނަ ގުޅުން ބަދަހިވެގެން ދިޔުމުގެ އިތުރުން މެމްބަރު އެހެން ގައުމުތަކުގެ ލޯ އެންފޯސްމަންޓް އެޖެންސީތަކާއި އޮންނަ ގުޅުން ބަދިވެގެންދާނެ އެވެ.
ރާއްޖޭގައި ބޭއްވި ބައްދަލުވުމުގައި އިންޓަޕޯލް ޓްރެވަލް ޑޮކިޔުމަންޓް ނުވަތަ އިންޓަޕޯލް ޕާސްޕޯޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށާއި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޟް އަށް ވަނީ އަރުވާފަ އެވެ. މިއީ އިންޓަޕޯލް ރާއްޖޭގެ ދެ ފުލުހަކަށް ލިބުނު ފުރަތަމަ ފަހަރެވެ.