13 Jun 2013, 17:37
އުމުރުން 10 އަހަރުގެ އަންހެންކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި މީހަކު 10 އަހަރަށް ޖަލަށްލުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ގދ.ހޯޑެއްދޫ ނިރޮޅު އަހްމަދު ސައީދު 51، ގެ މައްޗަށެވެ. އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
އަހްމަދު ސައީދު މައްޗަށް އެ ހުކުމް ކޮށްފައި ވަނީ އެކިދުވަސްތަކުގެ މަތިން 10 އަހަރުގެ ކުއްޖަކާ މެދު ޖިންސީ އަމަލު ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.
އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައި ވަނީ އެކި ދުވަސްމަތިން ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގިމަކަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާތީ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
އަހްމަދު ސައީދުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ނެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ.
އެ ގާނޫނޫގެ ތިންވަނަ މާއްދާގެ (ނ) ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.