ކުޑަކުދިންގެ ޑޮކްޓަރުންގެ މައްސަލަ ހައްލުނުވާތާ ހަތް މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މަރުކަޒީ ހޮސްޕިޓަލް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ޒިންމާދާރު އިސްވެރިޔާ ޑރ. މުހައްމަދު ހަބީބު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ އެ ހޮސްޕިޓަލަށް ދިމާވެފައިވާ ކުޑަކުދިންގެ ޑޮކްޓަރުންގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި އެގޮތުން މިހާރު އެ ހޮސްޕިޓަލަށް ދައްކަން އަންނަ ކުޑަކުދިން އާންމުކޮށް ނުބެލޭ ކަމަށެވެ. އަދި މިވަގުތު ކުޑަކުދިންގެ ބަލިތަކަށް ފަރުވާދެނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކުދިންނަށް ކަމަށް ވިދާޅުވި އެވެ.

"ކުޑަކުންދިންގެ ޑޮކްޓަރުންގެ ދަތިކަމަށް އަދިވެސް ހައްލެއް ނުލިބޭ. އޯޕީޑީ ވެސް ވަރަށް މަދު އޯޕީޑިއެއް ކުރިއަށް މިގެންދެވެނީ ވަރަށް ދަތިކޮށް މިދަނީ. ކުޑަކުދިންގެ އައުޓް ޕޭޝެންޓް އިން ރެގިއުލާގޮތެއްގައި ނުބެލޭ،" ޑރ. ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުގައި ކުޑަކުދިންގެ ތިން ޑޮކްޓަރުން ތިބި އިރު އޭގެ ތެރެއިން އެއް ޑޮކްޓަރަކު ތައުލީމްހާސިލް ކުރުމަށް ދިއުމުގެ ސަބަބުން މިވަގުތު ހުރީ ކުޑަކުދިންގެ ދެ ޑޮކްޓަރުން ކަމަށެވެ. އަދި ޑޮކްޓަރުން ހޯދުމަށް މަސައްކަތްކުރާ ކަމަށާއި ނަމަވެސް މިހާތަނަށް ޑޮކްޓަރެއް ލިބޭ ގޮތް ވެވެފައިނުވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑޮކްޓަރުން ލިބުމުގައި އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ޑޮކްޓަރުން ބޭނުންވާ ފަދަ މުސާރައެއް ނުދެވުމާ އެކު ޑޮކްޓަރުންނަށް ރައްކާތެރި މާހޯލެއް ހޯދައިނުދެވުން ކަމަށެވެ. އެގޮތުން ފަހަކަށް އައިސް ޑޮކްޓަރުންނާ މެދު ތަފާތު ނޭދެވޭ އަމަލުތައް ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.