13 Jun 2013, 15:28
ސިފައިންގެ އާއިލާތަކާއި ސިފައިންގެ ފަންނުވެރިކަން ދައްކާލުމުގެ ގޮތުން އެމްއެންޑީއެފުން ބާއްވަމުން އަންނަ "ޗީފް އޮފް ޑިފެންސް ފޯސް އާޓް އެންޑް ކްރާފްޓް" މައުރުޒު މިއަދު ހުޅުވައިފި އެވެ.
ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި މައުރުޒް ހުޅުއްވައިދެއްވީ، ޝަރަފްވެރި މެހެމާން ލެފްޓިނެންޓް ރިޓަޔާޑް އިބްރާހީމް ފުއާދު އެވެ. އަދި އެ ރަސްމިއްޔާތުގައި އައްޑަނަ މަޖައްލާގެ 13 ވަނަ އަދަދު ނެރުން ވެސް އޮތެވެ. އެ މަޖައްލާ ނެރެދެއްވީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.
އެމްއެންޑީއެފުން ބުނީ މިއަހަރުގެ މި އެގްޒިބިޝަންގައި ބައިވެރިކޮށްފައިވާ ތަކެތި ބެލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މާދަމާ ރޭގެ ނިޔަލަށް އެގްޒިބިޝަން ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ހުޅުވާލާފައިވާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި އެގްޒިބިޝަން މިއަހަރު ޖުމްލަ އަށް ކެޓަގަރީއަކަށް ބަހާލައިގެން ބޭއްވިފައިވާއިރު، މިއަހަރުގެ މިއެގްޒިބިޝަންގައި މުޅި މުބާރާތުން އެއް ވަނަ ސާޖަންޓް އަލީ ޝަމީމް ހާސިލްކޮށްފައިވާއިރު މުޅި މުބާރާތުން 2 ވަނަ ހާސިލްކޮށްފައިވަނީ ކޯޕްރަލް އަހުމަދު އިމާދެވެ. އަދި މުޅި މުބާރާތުން 3 ވަނަ ހާސިލްކޮށްފައިވަނީ ޕްރައިވެޓް ފަތުހުﷲ ޝަކީލް އެވެ.
މިއެގްޒިބިޝަން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، މިއެގްޒިބިޝަނަށް އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.
އެމްއެންޑީއެފްގެ މީޑިއާ ޑިޕާޓްމަންޓުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ އެ މައުރަޒު ފުރަތަމަ ބާއްވާފައި ވަނީ 2012 އަހަރު ސިފައިންނަށް ހުޅުވާލަައިގެން ކަމަށާއި ނަމަވެސް އެ މައުރަޒު ފުޅާވެ މިއަހަރު ބާއްވާފައި ވަނީ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ހުޅުވާލައިގެންނެވެ.