ރީ ބްރޭންޑްކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން[އެމްއެންބީސީ]ގެ އައްޑު އަތޮޅު މީޑިއާ ސެންޓަރުގައި  މަސައްކަތް ކުރި އަށް މުވައްޒަފެއްގެ މަގާމު އުވާލައި ވަޒީފާ އިން ވަކިކޮށްފި އެވެ.


ނަން ނުޖެހުމަށް ޝަރުތުކޮށް އައްޑޫ މީޑިއާ ސެންޓަރުގައި މަސައްކަތް ކުރި މީހަކު މިއަދު ބުނީ ބައެއް މުވައްޒަފުން މިދިޔަ އަހަރު ސިވިލް ސާވިސް އިން ކުންފުންޏަށް ބަދަލުކުރީ "ދެރަގޮތެއް ނުހަދާނެ" ކަމަށް ބުނެ ކަމަށާއި ނަމަވެސް އެއްބަސްވި ގޮތާ ހިލާފަށް ވަޒީފާ އިން ވަކި ކުރުމުން ޝޮކެއް ލިބިފައިވާ ކަމަށެވެ.


އޭނާ ބުނި ގޮތުގައި 12 މީހުން މަސައްކަތް ކުރި މީޑިއާ ސެންޓަރުގައި ހަތަރު މުވައްޒަފަކު ބޭތިއްބުމަށް ފަހު ވަޒީފާ އިން އިއްޔެ ވަކިކުރީ އެޑްމިނިސްޓްރޭޓަރާއި އޮން އެއާ އޮޕަރޭޓަރާއި ހަތަރު ގާޑުންނާއި ދެ މަސައްކަތު މީހުންނެވެ.


"ނޯޓިސް ދިނީ މިދިޔަ މަހު 18 ގައި. ވަޒީފާ އިން ވަކި ކުރީ އިއްޔެ،" އޭނާ ބުންޏެވެ.


އޭނާ ބުނީ ވަޒީފާ އިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ދެ އަހަރާއި ފަސް އަހަރު ދުވަހު އެ ތަނުގައި މަސައްކަތް ކުރި މީހުން ހިމެނޭ ކަމަށެވެ.


ތިން މަހުގެ މުސާރަ އާއި ރިޑެންޑެންސީ ޕެކޭޖެއްގެ ދަށުން އިނާޔަތްތަކެއް ލިބޭނެ ކަމަށް ކުންފުނިން އެންގި ކަމަށާއި ނަމަވެސް ވަޒީފާ އިން ވަކިކުރި އިރު އަދި އެއިން އެއްވެސް އެއްޗެއް ނުލިބޭ ކަމަށް ވެސް ސަންއެފްއެމް އޮންލައިނަށް ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި އޭނާ ބުނީ މިދިޔަ މަހުގެ މުސާރަ ޗިޓް މޭލުން ލިބިފައިވާ ކަމަށާއި ނަމަވެސް މުސާރަ ވެސް އަދި ޖަމާ ނުކުރާ ކަމަށެވެ.


މީޑިއާ ސެންޓަރުގެ މުވައްޒަފުންތަކެއް ވަޒިފާ އިން ވަކި ކުރި މައްސަލަ އާ ގުޅޭ ގޮތުން އެމްއެންބީސީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ހަލީލުގެ ބަހެއް ލިބޭތޯ ގުޅި އިރު އޭނާ ފޯނަށް ޖަބާބު ނުދެއްވާތީ ވަނީ އޭނާގެ ބަހެއް ލިބޭގޮތް ނުވެފަ އެވެ.


ކުރީގެ ދިވެހި ރާއްޖޭގެ އަޑު އަދި މިހާރު، ރާއްޖެ ރޭޑިއޯގައި މަސައްކަތް ކުރި، އެ ތަނުގެ ފައިނޭންސް ޑިޕާޓްމަންޓްގެ ވެރިޔާ، ފަހުމީ ރަޝާދު ވެސް ވަނީ ދާދިފުން ކުއްލި އަކަށް ވަޒީފާ އިން ވަކިކޮށްފަ އެވެ.