މާލީ އަޑިގަޑެއްގެ ތެރޭގައި މިވަގުތު އޮތް ރާއްޖޭގެ ދުވަސްވީ އެއް ފުޓްބޯޅަ ކުލަބް ކަމަށްވާ ވެލެންސިޔާގެ މިޑްފީލްޑަރު މުޚްތާރު ނަސީރު (ޓޫ-ކިލޯ)އަށް އެ ކުލަބުން ދޭންޖެހޭ މުސާރަ ހަމައަށް ލިބިފައި ނުވާކަމަށްބުނެ ޓޫ-ކިލޯ ވެލެންސިޔާއިން ރިލީޒްއަށް އެދިއްޖެ އެވެ.

ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕް ކާމިޔާބު ކުރެވުނު މުހިއްމު ލަނޑު އިންޑިޔާގެ ގޯލަށް ވައްދާލި ގައުމީޓީމުގެ ކުރީގެ މިޑްފީލްޑަރު މިއަދު ސަންއަށް ދިން އިންޓަވިއުއެއްގައި ބުނީ ވެލެންސިޔާއިން ރިލީޒް ހޯދުމަށް އެދުނީ އެ ކުލަބުން ދޭންޖެހޭ ފައިސާ ކޮންޓްރެކްޓްގައިވާ ގޮތަށް ލިބިފައި ނުވާތީ ކަމަށެވެ.

"އަޅުގަނޑު ވެލެންސިޔާއަށް މިސީޒަންގައި ކުޅެދިނުމަށް އެއްބަސްވީ، 280،000ރ، ގެ ފީއަކަށް. އެގޮތުން ކުލަބުން ވަނީ އަޅުގަނޑަށް މިހާތަނަށް 110،000ރ، ދީފައި. އެހެންވީމާ ކުލަބުން އަދި 170،000ރ، އަޅުގަނޑަށް ލިބެންޖެހޭ. އެކަމަކު އޭގެ އެއްވެސް ފައިސާއެއް ނުލިބޭ. އެހެންވީމަ އަޅުގަނޑު އޮންނާނީ ކުލަބުން ރިލީޒް ހޯދުމަށް އެދިފައި،" ޓޫކިލޯ ބުންޏެވެ.

ކްލަބް ވެލެންސިޔާއިން، ނަންހާމަ ކުރުމަށް ނޭދޭ އިސް އޮފިޝަލަކު ސަންއާ ވާހަކަދައްކަމުން ބުނީ، ޓޫކިލޯ ރިލީޒް ހޯދާން އެދިފައި ވާކަމަށާއި އަދި މިއަދުގެ ވަގުތެއްގައި އޭނާއަށް އެ ކުލަބުން ރިލީޒް ދޭން ކުލަބުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

"އެއީ ތެދެއް. މުސާރައިގެ މައްސަލައިގައި ޓޫކިލޯ ވަނީ ރިލީޒް ހޯދަން އެދިފައި. އަދި އަޅުގަނޑުމެން ކުލަބުގެ ބޯޑް މީޓިންއަކަށްފަހު ނިންމާފައިވަނީ މިއަދުގެ ވަގުތެއްގައި ޓޫކިލޯއަށް ރިލީޒް ދޭން،" ވެލެންސީޔާގެ އޮފިޝަލް ވިދާޅުވި އެވެ.

ކުލަބް ވެލެންސިޔާއިން ބުނީ ޓޫ-ކިލޯއަށް އެ ކުލަބުން ނުދެވި އޮތީ ދެ މަހުގެ މުސާރައާއި އިތުރު 40،000ރ، ކަމަށެވެ. އެއީ ޖުމުލަ 60،000ރ ކަމަށެވެ. އެހެން ނަމަވެސް ޓޫކިލޯ ބުނީ 280،000ރ، ގެ ތެރެއިން އޭނާއަށް މިހާތަނަށް ލިބިފައިވަނީ 110،000ރ، ކަމަށާއި އަދި ބާކީ އެއްވެސް ލާރިއެއް ނުލިބޭ ކަމަށެވެ.

"އަޅުގަނޑު އަދިވެސް ފުޓްބޯޅަ ކުޅެން ބޭނުންވޭ. އެހެން ކަމުން ދެން ކުޅެވެން އޮތް ދިމާއަކަށް ދިއުމަށް ރިލީޒަށް އެދުނީ. އަޅުގަނޑަށް ދެން އެންމެ ރަނގަޅު ވެލެންސިޔާއިން ދޭންޖެހޭ ލާރިއެއް ނުލިބުނަށް އެމީހުން އަޅުގަނޑަށް ރިލީޒް ދެނިކޮށް. ނުލިބޭނޭ އެއްޗެއް ފަހައި ދުވުމަށްވުރެ ރަނގަޅުވާނެ، ކުޅޭހިތްވާ ކުލަބަކަށް ގޮސް ކުޅުނަސް،" ޓޫ-ކިލޯ ބުންޏެވެ.

ހުސްވި އަހަރުގެ އޯގަސްޓް މަހު ގައުމީޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރި ތަޖްރިބާކާރު ކުޅުންތެރިޔާ ކުލަބް ވެލެންސިޔާއާ ގުޅުނީ މިދިޔަ އަހަރު ވިކްޓަރީއަށް ކުޅުމަށް ފަހުއެވެ. އަދި، ޓޫ-ކިލޯ ބުނެފައިވަނީ މިވަގުތު ވަކި ކުލަބަކަށް ކުޅެން އަދި ނިންމާފައި ނުވާ ކަމަށާއި އެހެން ނަމަވެސް ދެ ކުލަބަކުން ވާހަކަ ދައްކަމުން އެބަ އަންނަ ކަމަށެވެ.

"ފަހަރެއްގަ ކުޅުމާ އެއްކޮށް ދުރަށްވެސް ހިނގައިދާނަން. މިބުނީ އެނބުރި ރަށަށް ދާކަހަލަ ޚިޔާލެއްވެސް އެބަ ގެންގުޅެން. އެކަމަކު ދެ ކުލަބަކުން ވާހަކަވެސް އެބަ ދައްކާ އަޅުގަނޑު ގެންދަން. އަދި ވަކިގޮތެއް ނުނިންމަން،" ޓޫ-ކިލޯ ބުންޏެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ޓޫކިލޯ ހޯދުމަށް މަސައްކަތް ކުރަނީ، މާޒިޔާއާއި ބީޖީ އިންނެވެ. އެހެން ނަމަވެސް ޓޫކިލޯ ސޮއިކުރާނޭ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މި ސީޒަންގައި އަލަށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި އަދި ސީޒަންގައި ކުޅުންތެރިން ހޯދުމަށް އެންމެ ބޮޑު ޚަރަދުތަކެއްވެސް ކުރަމުން ގެންދާ ބީޖީ ސްޕޯޓްސް އަށެވެ.